ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ އަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް އިނގިރޭސި ވިލާތުން ބުނެފި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. 

ނަމަވެސް ތުރުކީ ސަރުކާރުން ހިންގާ ނިއުސް އެޖެންސީއެއް ކަމަށްވާ "އަނަދުލު އަޖަންސީ" އިން މި މައްސަލާގައި އިނގިރޭސި ވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން ބުނީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މައްސަލަ އޮތީ މޮރިޝަސްއާ ދެމެދު ކަމަށެވެ. 

"އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި،" ރާއްޖޭގެ ޑިމާންޑާ ގުޅޭ ގޮތުން ސުވާލުކުރުމުން ފޮރިން އޮފީހުން ބުނެފައިވެ އެވެ. 

ރައީސް މުއިއްޒު ރިޔާސީ ބަޔާނުގައި ވިދާޅުވި ގޮތުގައި ސަރުކާރުން  ނޮވެމްބަރު 8، 2024 އާއި ޖެނުއަރީ 18، 2026 ގައި ވަނީ މި މައްސަލާގައި އިނގިރޭސި ވިލާތަށް ސިޓީ ފޮނުއްވައިފަ އެވެ.

"އަނަދުލު" އަށް ފޮރިން އޮފީހުން ދިން ޖަވާބުގައި ބުނީ މޮރިޝަސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ޗާގޯސްގެ އެންމެ ބޮޑު ރަށް އަދި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒު ޑިއެގޯ ގާސިއާ (ފޯޅަވަހި) ހިމާޔަތްކުރުމަށް ވަރަށް ހަރުކަށި މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ. އެއީ ޑިއެގޯ ގާސިއާ އެގޮތުގައި ދެމެހެއްޓޭނެކަން ކަށަވަރުކުރަންޖެހޭތީކަން ފޮރިން އޮފީހުން ފާހަގަކުރި އެވެ. 

"އެއްބަސްވުމުން އެ މަރުކަޒު އެތައް ޖީލަކަށް ހިމާޔަތްކޮށްދީ އެކި ނުރައްކާތަކުން، ވަރަށް ފުޅާ ދާއިރާއެއްގައި ހިމާޔަތް ހޯދުމަށް އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އެތަން ދެމި އޮންނާނެ."

މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ދަނީ ކުރިއަށެވެ. ޗާގޯސް އަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އިނގިރޭސި ވިލާތުން ގަބޫލުކޮށް ދޫކޮށްލި ނަމަވެސް އެއްބަސްވެފައިވަނީ ޑިއެގޯ ގާސިއާ 99 އަހަރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދޭށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސް ވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސް އަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީ އެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަނޑަކަށް 2،000 އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސި ވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުންއިސްތިޝާރީ ލަފައެއް ނެރެފައި ވާއިރު އޭގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

މި ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ދިވެހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް އިން ވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސި ވިލާތުގެ ބާރު ނުހިނގާނެ ކަމަށެވެ. އެހެންވެ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން މިހާރު ވަނީ ވަކިކޮށްފަ އެވެ.

ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދު ބަހާލި ގޮތެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

ޗާގޯސް އަކީ ރާއްޖޭގެ ދެކުނުން 310 މޭލު (500 ކިލޯމީޓަރު) ދުރުގައި 60 ރަށުގެ މައްޗަށް އެކުލެވިގެންވާ އަތޮޅެކެވެ.