އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިޖެލް ފަރާޖް، ޗާގޯސްއަށް ދަތުރުކުރުމަށް ރާއްޖޭއަށް ވަޑައިގެން ހުންނެވިކަން ވެސް އެނގުނީ، ވީޑިއޯ އާންމުކުރެއްވުމުކަމަށް އިނގިރޭސި ސަރުކާރުން ބުނެފި އެވެ.

ޗާގޯސްގައި އަލުން ވަޒަންވެރިވުމަށް އެތަނަށް ކަނޑުމަގުން ދިއުމަށް މަސައްކަތްކުރާ ޗާގޯސްގެ ބަޔަކަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސަމާނު ފޮނުވުމަށް އެހީވުމަށް ފަރާޖް ދާދިފަހުން ރާއްޖެ އައިސްފައިވެ އެވެ. އަދި ދަ ޓެލެގްރާފް ނޫހަށް އޭނާ ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޗާގޯސްއަށް އޭނާ ދިއުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ރާއްޖޭގައި އެދިފައިވާ ކަމަށް ދިވެހި ސަރުކާރުގެ އިސް ބޭފުޅަކު އޭނާއަށް އަންގާފައިވާ ކަމަށެވެ.

އޭނާ ޗާގޯސްއަށް ދިޔުމަށް އެއްވެސް ގޮތަކަށް ހުރަސްއަޅާފައިނުވާނެކަމަށް ބުނެ، ދިވެހި ސަރުކާރުން އެ ވާހަކަތައް ދޮގުކޮށްފައިވަނިކޮށް، 'ދަ ގާޑިއަން' ނޫހުން ބުނީ، ފަރާޖް ޗާގޯސްއަށް ވަޑައިގަތުމަށް އިނގިރޭސި ސަރުކާރުގައި ދުރާލައި އެދިފައިނުވާ ކަމަށެވެ.

އަދި ޗާގޯސްއަށް ވަޑައިގަތުމުގެ ނިޔަތުގައި ރާއްޖޭގައި ފަރާޖް ހުންނެވިކަން ވެސް އެނގުނީ، އެ ދަތުރަށް ހުރަސްއެޅިކަމަށް ވިދާޅުވެ، ވީޑިއޯ އާންމުކުރެއްވުމުން ކަމަށް އިނގިރޭސި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވެ އެވެ.

ޕްރައިވެޓް ޖެޓެއްގައި އެންމެ ދުވަހަކަށް ރާއްޖެއަށް ވަޑައިގެން، ސިޔާސީ "ސްޓަންޓެއް" ޖެއްސިވިކަމަށް ވިދާޅުވެ، ލޭބާ ޕާޓީގެ އޮފިޝަލަކު ވެސް ވަނީ ފަރާޖްއަށް ފާޑުވިދާޅުވެފަ އެވެ.

މިގޮތުން، ގްރޭޓާ މެންޗެސްޓާގައި އޮތް ބައި-އިލެކްޝަނަކަށް ކެމްޕޭނު ކުރެއްވުމުގެ ބަދަލުގައި، ޕްރައިވެޓް ޖެޓެއްގައި 5،000 މޭލު ދަތުރުކުރެއްވުމަށްފަހު، ރާއްޖެއަށް އެންމެ ދުވަހަކަށް ވަޑައިގެންނެވީ، އިނގިރޭސި ސަރުކާރަށް ފާޑުވިދާޅުވާންވެގެން ކަމަށް އެ އޮފިޝަލު ތުހުމަތުކުރައްވާފައިވެ އެވެ. 

މޮރިޝަސް އިސްތިއުމާރުކޮށްގެން އިނގިރޭސިން ތިބުމަށްފަހު މޮރިޝަސްއަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސިވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ. 

ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރުގެ އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

އެ ނިންމުން ބަލައިގަތުމަށް އިނގިރޭސިވިލާތުން ދެކޮޅު ހެދުމަށްފަހު މިދިޔަ އަހަރު ވަނީ މޮރިޝަސްއަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސިވިލާތުން އޮތީ ޝަރުތުކޮށްފަ އެވެ.