އިނގިރޭސިވިލާތުގެ ރިފޯމް ޕާޓީގެ ލީޑަރު އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނައިގެލް ފަރާޖް ޗާގޯސްއަށް ދިއުން ހުއްޓުވުމަށްޓަކައި އިނގިރޭސިވިލާތުން ރާއްޖެއަށް ފިއްތުންތައް ކުރިމަތިކުރި ކަމަށް ބުނާ ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ.
ޗާގޯސްގައި އަލުން ވަޒަންވެރިވުމަށް އެތަނަށް ކަނޑުމަގުން ދިއުމަށް މަސައްކަތްކުރާ ޗާގޯސްގެ ބަޔަކަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ސަމާނު ފޮނުވުމަށް އެހީވުމަށް ފަރާޖް ދާދިފަހުން ރާއްޖެ އައިސްފައިވެ އެވެ. އަދި ދަ ޓެލެގްރާފް ނޫހަށް އޭނާ ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ޗާގޯސްއަށް އޭނާ ދިއުން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ރާއްޖޭގައި އެދިފައިވާ ކަމަށް ދިވެހި ސަރުކާރުގެ އިސް ބޭފުޅަކު އޭނާއަށް އަންގާފައިވާ ކަމަށެވެ.
ޗާގޯސްއަށް ދަތުރުކުރަން އޮތް ބޯޓަށް އޭނާ އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ދަނީ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ އެފަދަ ދަތުރަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
އެހެންވެ، ޓެލެގްރާފް ނޫހުގައިވާ ގޮތުން އެ ބޯޓުގައި އޭނާ ޗާގޯސްއަކަށް ދަތުރެއް ނުކުރާނެ އެވެ.
އެކަމާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ފަރާޖްގެ ދަތުރަށް ހުރަސް އެޅުމަށް ނުވަތަ ހުއްޓުވުމަށް ދިވެހި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެ ކަމަށެވެ.
މޮރިޝަސް އިސްތިއުމާރުކޮށްގެން އިނގިރޭސިން ތިބުމަށްފަހު މޮރިޝަސްއަށް 1970 ވަނަ އަހަރު މިިނިވަންކަން ދިނީ ޗާގޯސްގެ ރަށްތަކަށް އިނގިރޭސިވިލާތުގެ ބާރު ހިނގާ ގޮތަށް އެ ރަށްތައް ދިނުމުންނެވެ. އެހެންވެ، ޗާގޯސްގެ ރަށްތަކުން އޭރު ގަދަކަމުން މީހުން ބޭލުވި އެވެ.
ޗާގޯސްގެ މައްސަލަ މޮރިޝަސް އިން 2018 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންދިޔަ އެވެ. އަދި 2019 ވަނަ އަހަރުގެ އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.
އެ ނިންމުން ބަލައިގަތުމަށް އިނގިރޭސިވިލާތުން ދެކޮޅު ހެދުމަށްފަހު މިދިޔަ އަހަރު ވަނީ މޮރިޝަސްއަށް ޗާގޯސް އަނބުރާ ދޭން އެއްބަސްވެފަ އެވެ. ނަމަވެސް އެތަނުގައި މިހާރު ވެސް އެމެރިކާގެ ވަރުގަދަ އަސްކަރީ މަރުކަޒެއް ހިންގަމުންދާ ޑިއޭގޯ ގާސިއާ އިތުރު 99 އަހަރަށް ކުއްޔަށް ދޫކުރަން މޮރިޝަސްގެ މައްޗަށް އިނގިރޭސިވިލާތުން އޮތީ ޝަރުތުކޮށްފަ އެވެ.