ދިވެހި އުފެއްދުންތަކަށް ހާއްސަ ލޯކަލް މާރުކޭޓުގައި ބޭރުގެ އުފެއްދުންތައް ވެސް ގެންގުޅެ އެވެ. އެކަމަކު މިހާ ހިސާބަށް ކަންތައް ހިނގައިދާނެ ކަމަށް ހީވެސް ނުކުރެވެ އެވެ. ދިވެހިންގެ މަޝްހޫރު ތެލުލި ބަނބުކެޔޮއަށް، އެންމެ ފަހުން، ބޭރުގެ ހިޔަނި އެޅެން ފެށީ އެވެ.
ލޯކަލް މާރުކޭޓުގެ އެ ގޮޅީގެ މަތީގައި، ބަރިބަރިއަށް ޑަބިޔާތަކެއް އަތުރާލައިފައި ހުއްޓެވެ. ހީވަނީ ރަށަކުން ގެނެސް ހުރި ކޮންމެވެސް އުފެއްދުމެއް ހެންނެވެ. އެކަމަކު އެއީ އިންޑޮނީޝިއާ އިން އެތެރެކުރި ތެލުލި ބަނބުކެޔޮ ޑަބިޔާތަކެކެވެ.
ދިވެހިން ތެލުލާފައި ހުންނަ ބަނބުކޭލާ ތަފާތެއް ނެތެވެ. ކޮށާފައި ހުންނަނީ ވެސް، އާންމުކޮށް ދިވެހިން ތެލުލާ ސައިޒަށެވެ.
ހަމައެކަނި ފާހަގަކޮށްލެވޭނެ ތަފާތަކީ، އިންޑޮނީޝިއާގެ ތެލުލި ބަނބުކެޔޮ މިހާރު ކާފައިވާ ބައެއް މީހުން ބުނާ ގޮތުގައި، ބޭނުންކުރާ ތެލުގެ ސަބަބުން އައިސްފައިވާ ތަފާތެވެ.
"ރަހަ ކުޑަކޮށް ތަފާތު. ހީވަނީ ބޭނުންކުރާ ތެލުގެ ތަފާތުހެން،" މާރުކޭޓުން ދިމާވި މީހަކު ބުންޏެވެ.
މިއީ އެއްބަޔަކަށް ބިރަކަށް ވެދާނެ އެވެ. މަޑުމަޑުން އިންޑޮނީޝިއާގެ ތެލުލި ބަނބުކެޔޮ ގިނަވެ، ދިވެހި އުފެއްދުން މަދުވެ، އަގު ވެސް ވެއްޓުން ކައިރި އެވެ. އެކަމަކު އަދި އަގު ބޮޑީ ދިވެހި ތެލުލި ބަނބުކޭލުގަ އެވެ. ބާޒާރުގައި ދިވެހި އުފެއްދުމުގެ ޑަބިޔަލެއް ލިބެނީ 750ރ. އަށެވެ. އިންޑޮނޭޝިއާއިން އެތެރެކުރާ ތެލުލި ބަނބުކެޔޮ ވިއްކަން ހުރީ ޑަބިޔަލެއް 550ރ. އަށެވެ.
ބަނބުކޭލަކީ އޭޝިއާގެ ގިނަ ގައުމުތަކެއްގައި ހެދޭ ބާވަތެކެވެ. ދިވެހިން ތެލުލާހެން ތެލުލައިފައި ނުހުރެ އެވެ. އިންޑޮނީޝިއާގައި އާއްމުކޮށް ބަނބުކެޔޮ ކައި އުޅެނީ ފެނުގައި ކައްކައިގެންނާއި ރިހަ ހަދައިގެންނެވެ. ކޮށާފައި ހުންނަނީ ވެސް ދިގުކޮށް ބޮޑެތި ފޮއްޗަށް ވާ ގޮތަށެވެ.
ގިނަ މީހުންނަށް އަދި ނުވެސް އެނގޭ!
ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައި އިންޑޮނީޝިއާ އިން ތެލުލި ބަނބުކެޔޮ އެތެރެކުރަން ފެށީ ވަރަށް ފަހުންނެވެ. މި ވަގުތު އެ ވިއްކަން ހުރީ ދެ ގޮޅިއެއްގަ އެވެ.
ލޯކަލް މާރުކޭޓަށް އިންޑޮނީޝިއާގެ ތެލުލި ބަނބުކެޔޮ ވަންކަމެއް ގިނަ ގޮޅިތަކުގައި ތިބި ގިނަ މީހުންނަކަށް އަދި ނުވެސް އެނގެ އެވެ.
"ނުދެނަހުރިން ބޭރުން ތެލުލި ބަނބުކެޔޮ ގެންނަ ކަމެއް،" މާރުކޭޓުގައި އުޅޭތާ ގިނަ ދުވަސްވީ ވިޔަފާރިވެރިޔަކު ބުންޏެވެ.
ބާޒާރުން ދިވެހި ތެލުލި ބަނބުކެޔޮ ނުލިބިގެން އުޅޭކަށް އަދި ނުޖެހެ އެވެ. ގިނައިން ހުރީ އުތުރުގެ ރަށްރަށުން ގެނެސްފައި ހުރި އުފެއްދުމެވެ. އެކަމަކު ލ. އަތޮޅާއި ފުވައްމުލަކުގެ ތެލުލި ބަނބުކެޔޮ ވެސް ލިބެން އެބަ ހުއްޓެވެ.
ބޭރުން ރާއްޖެ ދެން އެތެރެކުރާނީ އަނެއްކާ ރިހާ ކުރު ބާވަ އެވެ؟