ދުނިޔޭގެ ގިނަ ބަޔަކު ވެބްސައިޓު ހަދަން ބޭނުންކުރާ ކޮންޓެންޓް މެނޭޖްމެންޓް ސިސްޓަމް (ސީއެމްއެސް) ވާޑްޕްރެސް އިން ދިވެހި ބަހުން ފަސޭހަކަމާ އެކު ވެބްސައިޓް ހެދޭ ޕްލަގިންއެއް ރާއްޖޭގެ ވެބް ޑިވެލޮޕްމެންޓް ކުންފުންޏެއް ކަމަށްވާ ޖަވާބުން އާންމުކޮށްފި އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޓަނެޓުގެ 37 ޕަސެންޓު ވެބްސައިޓް ހަދާފައި ވަނީ ވާޑްޕްރެސް އިން އެވެ. ނަމަވެސް ދިވެހިބަހުން ވެބްސައިޓް ހަދަން ވަރަށް ދައްޗެވެ. ޖަވާބު ކުންފުނިން ބުނީ މި ޕްލަގިންގެ ސަބަބުން އެ ދަތިކަން ހައްލުވާނެ ކަމަށެވެ.
މިޕްލަގިން ތިރީގައިވާ ލިންކުން ޑައުންލޯޑު ކުރެވޭނެ އެވެ.
އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖައިލަމް ވިދާޅުވީ ހިލޭ ބޭނުންކުރެވޭ މި ޕްލަގިންގެ ސަބަބުން ރައިޓް ޓު ލެފްޓް (އާރުޓީއެލް) ސަޕޯޓުކުރާ ހުރިހާ ވާޑްޕްރެސް ތީމްތައް ދިވެހިބަހަށް ތަރުޖަމާވާނެ ކަމަށެވެ.
"އެގޮތުން ތާރީހުތަކާއި މެޓަޑޭޓާ ދިވެހިން ފެންނާނެ، އަދި ދިވެހިބަހުން ކްލެސިކް އެޑިޓަ ބޭނުންކޮށްގެން ލިޔެ ހެދޭނެ. އިތުރު ފޮންޓެއް ނުވަތަ ސެޓިންގްސްއެއް އަޅާކަށް ނުޖެހޭނެ،" ޖައިލަމް ވިދާޅުވި އެވެ.
ޖަވާބު ކުންފުނިން ބުނީ މި ޕްލަގިން ބޭނުންކޮށްގެން ކޯޑު ކުރުމަކާއި ނުލައި ދިވެހިން ވެބްސައިޓު ހަދާނެ ގޮތް އެ ކުންފުނީގެ އެކަޑަމީން ކުރިއަށް ގެންދާ ވާޑްޕްރެސް ވެބް ޑިވެލޮޕްމެންޓް ކޯހުގައި ކިޔަވައިދޭނެ ކަމަށެވެ. މިގޮތުން ފަށާ ލެވަލްގެ މި ކޯހުގައި ވެބްސައިޓު ފަރުމާކުރުމުގެ އިތުރުން ބީއެމްއެލް ގޭޓްވޭ އަދި ޓްރާންސްފާ ސްލިޕް އަޕްލޯޑްކުރާނެ ގޮތާއި އީކޮމާސް ވެބްސައިޓުތައް ފަރުމާކުރާނެ ގޮތް ވެސް ދަސްކޮށްދެ އެވެ.