ގިނަ އަދަދެއްގެ ބޮޔާއި ވާތައް އަޅާފައި އޮތުމުން މާލެ-ވިލިމާލެ އާއި ވިލިމާލެ-ގުޅީފަޅު ދެމެދުގައިވާ ކަނޑުއޮޅިން ދަތުރުނުކުރުމަށް ތަކުރާރުކޮށް މަނާކުރުމުން ވެސް ބޭނުންކުރަމުންދާތީ އެތަން ބަންދުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ދެ ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވުމަކީ މަނާކޮށްފައި އޮތް ކަމަކަށްވިޔަސް އަދިވެސް އެތަނުން އުޅަނދުފަހަރު ދަތުރުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ވަކިން ހާއްސަކޮށް އެތަނުން ފެންނަނީ ރިސޯޓުތަކުގެ ސްޕީޑު ބޯޓުތައް ދުއްވާ މަންޒަރު ކަމަށް އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނީ މާލެ-ތިލަފުށި ލިންކް މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކަށް ބާޖު އަދި ސެލްފް އެލެވޭޓަޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެ ކަނޑުއޮޅީގައި ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އަޅާފައި އޮތުމުން އެ ސަރަހައްދުން ދަތުރުކުރާ ނަމަ، ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެހެންކަމުން މި ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރުމަކީ ރައްކާތެރިކަމަކަށް ނުވާތީ މި ދެ ކަނޑުއޮޅި ބަންދު ކޮށްފައިވާ ވާހަކަ އާއްމުކޮށް އަންގާ އިއުލާންކޮށްފަ އެވެ،" އެ އިއުލާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ މަނާކޮށްފައިވާ ސަރަހައްދަށް އުޅަނދުފަހަރު ވަދެފި ނަމަ، އެ ފަރާތެއްގެ ލައިސަންސް އެއް މަސް ދުވަހަށް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.