ނީސް (ޑިސެމްބަރު 21) – ފްރާންސް ލީގުގައި ވާދަކުރާ ނީސްގެ ސްކޮޑުން މިވަގުތަށް ބާކީކޮށްފައިވާ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީގެ މައްސަލައަށް ހައްލެއް ބޭނުންވާ ކަމަށް ކޯޗު ޕެޓްރިކް ވިއެރާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި ނީސްގައި މޮޅު ކުޅުމެއް ދެއްކި ބަލޮޓެލީ އަށް މި ސީޒަނުގައި އަދި ލަނޑެއް ނުޖެހެ އެވެ. އޭނާ އޮލިމްޕިކް މާސޭ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން ލިބުނު މާޔޫސްކަމުން އަދިވެސް އަރައިނުގަންނަނީ ކަމަށް ބެލެވެ އެވެ.

ނީސް އިން އެންމެ ފަހުން ކުޅުނު މެޗުތަކަށް ވެސް އޭނާ ނުނަގަ އެވެ. ކުރިއަށް އޮތް މެޗަށް ވެސް ނުނަގާނެ އެވެ.

"އަހަރެން އޭނާ ކްރިސްމަސް ޗުއްޓީ ތަންކޮޅެއް އަވަހަށް ފަށަން ފުރުސަތު ދިނީ. އޭނާ އަދިވެސް އެހުރީ ކޮންޓްރެކްޓުގައި. އެހެންވީމާ މިއީ އޭނާގެ ނީސްގެ ކެރިއަރުގެ ނިމުމެއް ނޫން. އެކަމަކު ހާލަތު އޮތީ އުނދަގޫކޮށް އޭނާ އާއި އަހަންނަށް އަދި ކްލަބަށް ވެސް،" ވިއެރާ ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖެނުއަރީ މަހު ބަލޮޓެލީ ކްލަބް ދޫކޮށްލާނެ އެވެ.

"ޓްރާންސްފާގެ މަސައްކަތް ހުއްޓުމާ އެކު އޭނާ ބޭނުންވި ރަނގަޅަށް ކުޅެން. އެކަމަކު އަހަރެމެންނަށް އެނގުނު އެއީ ފަސޭހަކަމެއް ނޫންކަން. އަހަރެން އޭނާގެ ކޮންޓްރެކްޓަށް އިހުތިރާމްކުރާނަން އެކަމަކު މިކަމަށް ހައްލެއް ބޭނުންވޭ،" ވިއެރާ ބުންޏެވެ.

އިންޓަ މިލާނުން ކެރިއަރު ފެށި އުމުރުން 28 އަހަރުގެ ބަލޮޓެލީ ވަނީ މެންޗެސްޓާ ސިޓީ އާއި އޭސީ މިލާން އަދި ލިވަޕޫލަށް ވެސް ކުޅެފަ އެވެ. އެކަމަކު އަހުލާގީ މައްސަލަތަކާ ހެދި އެއް ފެންވަރެއްގައި ކުޅުން ދެމެހެއްޓޭ ގޮތެއް ނުވެ އެވެ. އިޓަލީ ގައުމީ ޓީމުން ވެސް ފަހަކަށް އައިސް ފުރުސަތެއް ނުލިބެ އެވެ. ބެލެވެނީ ދެން ވެސް އޭނާ ބަދަލުވާނީ އިޓާލިއަން ލީގަށް ކަމަށެވެ.