ނެވިގޭޝަން އޮފިސަރުން ތަމްރީނުކުރަން ޒަމާނީ ނެވިގޭޝަން ސިމިއުލޭޓަރެއް ސެންޓާ ފޮ މެރިޓައިމް ސްޓަޑީޒްގައި މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ބޭއްވި ރަސްމިއްޔާތެއްގައި، "ދަ ނެކްސްޓް ޖެނެރޭޝަނަލް ސިމިއުލޭޓަރު" އިފްތިތާހުކޮށްދެއްވީ ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. މިއީ މި ދާއިރާގައި ކިޔަވާ ދަރިވަރުންގެ ހުނަރު ހުރި މިންވަރު ދެނެގަތުމަށްޓަކައި ބޭނުންކުރާ ސިމިއުލޭޓަރެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.
އެމްއެންޔޫ އިން ބުނީ މި ސިސްޓަމްއާ އެކު ސެންޓާ ފޮ މެރިޓައިމް ސްޓަޑީޒް އިން ހިންގާ ތަމްރީންތަކުގެ ފެންވަރު ރަނގަޅުވާނެ ކަމަށެވެ. އަދި މި އަހަރު ތެރޭގައި މާސްޓާ އެންޑް ޗީފްމޭޓް ކޯހާއި އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް (އީސީޑީއައިއެސް) އާއި ބްރިޖް ޓީމް މެނޭޖްމެންޓް (ބީޓީއެމް) ފަދަ އާ ކޯސްތައް ތައާރަފްކުރާނެ ކަމަށެވެ.
މީގެ އިތުރުން އެޑްވާންސް ޑިޕްލޮމާ އިން ނޯޓިކަލް ސައެންސް އަދި ބެޗްލާ އޮފް ސައެންސް އިން މެރިން އޮޕަރޭޝަންސް މެނޭޖްމެންޓް ކޯސްތަކެއް ތައްޔާރުކުރަން ވެސް އެ ސެންޓަރުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ބުންޏެވެ.