ސައިންސް ފިކްޝަން ފިލްމްތައް އުފައްދަން މަޝްހޫރު ރިޑްލީ ސްކޮޓް ވަރަށް ޖަޒުބާތީ، ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައިފި އެވެ.

މިހާރު ސިނަމާގައި އޮތް "އޭލިއަން: ކޮވެނަންޓް"ގެ ޑައިރެކްޓަރު ބެލުންތެރިންނާ ހަމައަށް ދެން ގެނެސް ދޭން ނިންމާފައި ވަނީ އެމެރިކާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުނު އެކަމަކު މިހާރު މަރުވެފައިވާ ޖޭ ޕޯލް ގެޓީގެ ކާފަ ދަރިއަކު ކިޑްނެޕްކޮށްގެން، ބޮޑު އަދަދަކުން ފައިސާތަކެއް ހޯދައި ގަންނަން ބަޔަކު ކުރާ މަސައްކަތް ދައްކުވައިދޭ ކްރައިމް ތުރިލާއެކެވެ.

މިއީ 1973 ގައި ހިނގާފައިވާ ހަގީގީ ހާދިސާއެކެވެ. މި ހާދިސާ އަށް ރިޑްލީ ހަދާ ފިލްމަށް ދީފައިވާ ނަމަކީ "އޯލް ދަ މަނީ އިން ދަ ވޯލްޑް" އެވެ. ޕްރި ޕްރޮޑަކްޝަން މަރުހަލާގައި މިހާރު އޮތް ފިލްމުން އޭ ގްރޭޑްގެ ކާސްޓުންތަކެއް ވެސް ފެނިގެން ދާނެ އެވެ.

އޭގެ ތެރޭގައި ކެވިން ސްޕޭސީ، މާކް ވޮލްބާގް އަދި މިޝެލް ވިލިއަމްސް ހިމެނެ އެވެ.

ރިޑްލީގެ އާ ފިލްމުގެ މައި ތިން ކާސްޓުން ކަމަށްވާ މާކް، މިޝެލް އަދި ކެވިން.
ރިޑްލީގެ އާ ފިލްމުގެ މައި ތިން ކާސްޓުން ކަމަށްވާ މާކް، މިޝެލް އަދި ކެވިން.

"އޯލް ދަ މަނީ އިން ދަ ވޯލްޑް" ގެ ޑިސްޓްރިބިއުޝަން ރައިޓްސް ވެސް މިހާރު ވަނީ ސޮނީ ޕިކްޗާސްއާ ހަވާލުކޮށްފަ އެވެ. މި މުއާމަލާތް ނިންމާލައިފައި ވަނީ 70 ވަނަ ކާންސް ފިލްމް ފެސްޓިވަލްގެ ތެރޭގަ އެވެ.

ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ "އޯލް ދަ މަނީ އިން ދަ ވޯލް" ގެ ސްކްރީންޕްލޭ ލިޔަނީ ދަ ލާސްޓް ކާސްލް (2001) އާއި ދަ ޑޭ ދި އާތު ސްޓޫޑް ސްޓިލް (2008) ގެ ސްކްރީން ރައިޓަރު ޑޭވިޑް ސްކާޕާ އެވެ.