ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމާ މާޓިން ކޫޕްމަން، މިދިޔަ އަހަރު ޖެނުއަރީ މަހު ހަވާލުވުމަށް ފަހު، އޭނާ ބުނެފައި ވަނީ، ޓާގެޓަކީ ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައިކޮށްދިނުން ކަމަށެވެ. އަދި އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ރާއްޖެއަށް ނުދެވެންވީ ސަބަބެއް ނެތް ކަމަށް ވެސް ކޫޕްމަން އެ ދުވަހު ބުންޏެވެ.
"އަހަރެމެންގެ ޓާގެޓަކީ އޭޝިއަން ކަޕް އަދި ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުން،" ރާއްޖޭގެ ކޯޗްކަމާ، މިދިޔަ އަހަރުގެ ޖެނުއަރީ 26 ގައި ހަވާލުވެ ކޫޕްމަން ބުނެފައިވެ އެވެ. "އަހަރެން މިހެން [ގަތަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާ ވާހަކަ] ބުނީމަ ބައެއް މީހުން ހޭނެ. އެކަމަކު އަހަރެން ހިންޏެއް ނާދޭ."
ކޫޕްމަންގެ ޓާގެޓް ރަނގަޅެވެ. ޓީމެއްގައި ހުންނަ ކޮންމެ ކޯޗަކު ވެސް އުންމީދުކުރަން ވާނީ ވެސް އެންމެ މައްޗަށެވެ. ފުޓްބޯޅަަ އަކީ އޭގެ ވަށައިގެން ހައިރާން ކުރުވަނިވި ނަތީޖާ ހިމެނޭ ކުޅިވަރެކެވެ. ނަމަވެސް ރާއްޖޭގެ ކޯޗް ކަމާ ކޫޕްމަން ހަވާލުވިއިރު ކޮލިފައިންގައި ރާއްޖެ ހިމެނުނު ގުރޫޕްގެ ގިނަ މެޗުތަކެއް ހުރީ ނިމިފަ އެވެ. ގުރޫޕްގެ ދެ ވަނަ މަގާމާ ހަމަ އަށް ރާއްޖެއަށް ދެވޭނެ މަގެއް އޭރު އޮތެވެ. ޗައިނާ އާއި ފިލިޕީންސަށް އެވަގުތު ލިބިފައި އޮތީ ހަތް ޕޮއިންޓެވެ. ރާއްޖެއިން ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. އޭރު އޮތް ހިސާބުން ގުރޫޕްގެ ދެ ވަނަ އަށް ވެސް ދެވުނީހެވެ.
ނަމަވެސް ކޫޕްމަންގެ ނަސީބު ދެރަ އެވެ. މިހާތަނަށް ރާއްޖޭގެ ކޯޗް ކަމުގައި އެހެން ކޯޗަކު ނުކުރާހާ އުނދަގޫ ތަޖުރިބާ އޭނާ ކޮށްފި އެވެ. އެހެން ކޯޗަކު ނުއުފުލާ އުނދަގޫ އޭނާ އުފުލި އެވެ. ރާއްޖެއާ އެކު ފުރަތަމަ މެޗަކަށް އޭނާ އަށް ފުރުސަތު ލިބުނީ ވެސް ކޯޗް ކަމާ ހަވާލުވިތާ 16 މަސް ފަހުންނެވެ. ކޮލިފައިން މެޗުތަކަށް ތައްޔާރުވާން މީގެ ކުރިން ދެ ފަހަރު ވެސް މަސައްކަތް ފަށައި އޭނާ އަށް ޖެހުނީ އެކަން ހުއްޓާލާށެވެ. ތިން ވަނަ ފަހަރު މަސައްކަތް ފެށިއިރު ތައްޔާރުވާން އޭނާއަށް ރާއްޖެއިން ދަނޑެއް ނުލިބުނެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީގައި ކުޅުނު ކޮލިފައިންގެ ދެ ވަނަ މެޗަށް ފަހު ކޫޕްމަން ބުނެފައި ވަނީ ދުބާއީގައި ކުޅޭ ތިން މެޗު އޭނާ ބޭނުންކުރާނީ ކުރިމަގަށް އާ ޖީލެއް ބިނާ ކުރުމަށާއި ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ކަމަށެވެ.
"މި ތިން ގޭމް އަހަރެމެން ބޭނުންކުރަނީ ކުރިމަގަށް އާ ޖީލެއް ބިނާ ކުރުމަަށް،" ކޫޕްމަން ބުނެފައިވެ އެވެ. "އަހަރެން މި މެޗުތައް ބޭނުންކުރަނީ ސެޕްޓެމްބަރު ގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް."
ރާއްޖޭގެ ކޯޗް ކަމާ ހަވާލުވި ފުރަތަމަ ދުވަހު ކޫޕްމަން ބުނެފައި ވަނީ، ކުޅުންތެރިން ޑިވެލޮޕްކުރާނީ ކްލަބުތަކުގެ ކޯޗުން ކަމަށާއި ގައުމީ ޓީމުގެ ކޯޗްގެ މަސްއޫލިއްޔަތަކީ އެންމެ ރަނގަޅު ކުޅުންތެރިން ނަގައި ރަނގަޅު ސިސްޓަމެއްގެ ދަށުން ކުޅުން ކަމަށެވެ.
"ހުރިހާ ކްލަބަކުން މަސައްކަތް ކުރަން ޖެހޭނެ ކުޅުންތެރިން ޑިވެލޮޕްކޮށް މޮޅު ބަޔަކަށް ހަދަން. ކޮންމެ ދުވަހަކު ނުވަތަ ހަފުތާއަކު ފަސް ދުވަހު ކުޅުންތެރިން މަސައްކަތް ކުރަނީ ކްލަބު ކޯޗުންނާ އެކު،" ޖެނުއަރީ 2020 ގައި ކޫޕްމަން ބުނެފައިވެ އެވެ. "އަހަރެމެން [ގައުމީ ޓީމު ކޯޗުން] މަސައްކަތް ކުރާނަން ރަނގަޅު ސިސްޓަމެއްގެ ތެރެއިން ރީތި ގޭމެއް ކުޅެން. ކުލަބުތަކުން ކުޅުންތެރިން ޑިވެލޮޕްކުރަން ޖެހޭނެ."
ކޮލިފިކޭޝަންގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދިޔައިރު އަނެއްކާ ވެސް ކޫޕްމަންގެ ވާހަކަ ބަދަލު ވެއްޖެ އެވެ. ދުބާއީގައި ކުޅޭ ތިން މެޗު ބޭނުންކުރާނީ އާ ޖީލެއް ބިނާކުރުމަށް ކަމަށް ބުނި ކޯޗް ފިލިޕީންސާ ދެކޮޅަށް ނުކުތީ، ކޮވިޑްގެ ދަތި ހާލަުގައި ތިބި ދިވެހިންގެ މޫނު މައްޗަށް އުފާވެރިކަން ގެނެސް ދިނުމަށެވެ.
ކޫޕްމަން ފުރަތަމަ ހަވާލުވެގެން ދެއްކި ވާހަކަ އާއި އޭނާގެ ފުރަތަމަ ތިން މެޗުގެ ވާހަކަތަކުން، އެފްއޭއެމުން އޭނާއަށް ދިން ޕްރައިމް ޓާގެޓް ހަނދާން ނެތިފައިވާ ކަހަލަ އެވެ. އެފްއޭއެމުން އޭނާއަށް ޓާގެޓެއްގެ ގޮތުގައި ދީފައި އޮތީ ޗައިނާގައި 2023 ގައި ބާއްވާ އޭޝިއަން ކަޕަށް ކޮލިފައިވުމެވެ. އެ ފުރުސަތު އަދި ރާއްޖެއަށް ހުޅުވިފައި އެބައޮތެވެ. އަަންނަ އަހަރު ފަށާ ކޮލިފިކޭޝަނަކީ، އެކަމަށް ވާސިލުވުމަށް އޮތް މަރުހަލާ އެވެ.
ނަމަވެސް އޭޝިއަން ކަޕަށް ވާސިލުވާން ކުރަންޖެހޭ މަސައްކަތުގެ ވާހަކަ ކޫޕްމަން ދެއްކިލެއް މަދެވެ. ދުބާއިގައި ކުރިއަށް ގެންދިޔަ ކޮލިފިކޭޝަންގައި ސާފް ޗެމްޕިއަންޝިޕްގެ ވާހަކަ ތިން ފަހަރެއްގެ މަތިން އޭނާ ދެއްކި އެވެ. ސާފް ޗެމްޕިއަންޝިޕަކީ، އެ މުބާރާތުން ތަށި ނޫން އެހެން އެއްޗެއް ދިވެހިން ބޭނުން ނުވާނެ މުބާރާތެކެވެ.
ހާއްސަކޮށް، އެ މުބާރާތާ މެދު އިންޑިއާއިން ކުރިން ދެކެމުން އައި ސީރިއަސް ކަމެއް، މިހާރު އެ ގައުމަކުން ނުގެން ގުޅެ އެވެ. އެ މުބާރާތް އިންޑިއާ ބޭނުންކުރަނީ ޒުވާން ކުޅުންތެރިންނަށް ދޭ ފުރުސަތެއްގެ ގޮތުގަ އެވެ. އިންޑިއާގެ ގައުމީ ޓީމުން ބޭނުންކުރާ ޑިވެލޮޕްމެންޓް ޕްލެޓްފޯމަކީ ސާފް ޗެމްޕިއަންޝިޕެވެ.