ވުލްފް އޮފް ވޯލްސްޓްރީޓާއި ދަ ޑިޕާޓެޑް ފަދަ މޮޅެތި ފިލްމްތައް އުފައްދާފައިވާ މާޓިން ސްކޮސީސްގެ އާ ފިލްމް "އައިރިޝްމޭން" އަށް ބޮޑު ބަޖެޓެއް ދޭން ނެޓްފްލިކްސް އިން އެއްބަސްވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަށް މަދުވެގެން 125 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވާ އިރު ނެޓްފްލިކްސް އިން ވަނީ 120-150 މިލިއަން ޑޮލަރާ ދެމެދުގެ ބަޖެޓެއް ހަމަޖައްސައިފަ އެވެ.
ވަރުގަދަ ކާސްޓެއް ވެސް ހިމެނޭ "އައިރިޝްމޭން" ހަދަން ކުރިން މަސައްކަތް ކުރީ ޕެރަމައުންޓް ޕިކްޗާސްއާ ގުޅިގެންނެވެ.
ނަމަވެސް އެ ސްޓޫޑިއޯ އާއި ސްކޮސިސްއާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެން، އޭނާ ވަނީ ފަހުން ޕެރަމައުންޓާ އެކު މަސައްކަތް ކުރުމުގެ ހިޔާލު ދޫކޮށްލައިފަ އެވެ.
ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާ ފިލްމްގެ ކާސްޓުންގެ ތެރޭގައި ރޮބަޓް ޑި ނީރޯ އާއި އަލް ޕަސީނޯ އަދި ޖޯ ޕެސްކީ މުހިއްމު ރޯލްތައް ކުޅޭ "އައިރިޝްމޭން" އަށް ފަންޑް ކުރަން ނެޓްފްލިކްސް އިން އެއްބަސްވެފައިވާ އިރު، މިއީ ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ފިލްމެކެވެ.
ހާއްސަކޮށް ފިލްމުގެ މައި ތިން ކެރެކްޓާ ކުޅޭ ތިން އެކްޓަރުންގެ ސިފަ ފިލްމުގައި ބަދަލުވަމުންދާ ގޮތް ވަރަށް، ފުރިހަމަ އަށް ދައްކުވައި ދޭން ޖެހެ އެވެ.
މިހާރު އުމުރުން ދުވަސްވެފައި ތިބި ނީރޯ އާއި އަލް ޕަސީނޯ އަދި ޖޯ ޕެސްކީގެ އުމުރުން 30 އަހަރުން ފެށިގެން ގޮސް 70 އަހަރާ ހަމައަށް "އައިރިޝްމޭން" ގައި ދައްކައި ދޭން ޖެހެ އެވެ.
ނެޓްފްލިކްސް އިން މީގެ ކުރިން ވެސް ވަނީ ފިލްމްތަކަށް ބޮޑު ހޭދައެއްކޮށްފަ އެވެ.
އޭގެ ތެރޭގައި ޑީ ރީޒް ޑައިރެކްޓްކޮށް، މިދިޔަ ޖެނުއަރީ މަހު ރިލީޒް ކުރި "މަޑްބައުންޑް" ފާހަގަކޮށްލެވެ އެވެ.
މިދިޔަ އަހަރު "ސައިލެންސް" ގެނެސް ދިން "އައިރިޝްމޭން" ވެގެން ދާނީ ނެޓްފްލިކްސްއާ ގުޅިގެން ސްކޮސިސް ހަދާ ފުރަމަ ފިލްމަށެވެ.