މި އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރާ "އަ ސްޓާ އިޒް ބޯން" އިން މަޝްހޫރު އެކްޓަރު ބްރެޑްލީ ކޫޕާގެ އަލަތު ޑައިރެކްޝަން ބެލުންތެރިންނަށް ތަޖުރިބާކޮށްލަން ފުރުސަތު ލިބުމުގެ ކުރިން ދެވަނަ ޑައިރެކްޝަނަކަށް އޭނާ ތައްޔާރު ވާން ފަށައިފި އެވެ.
އޭނާ މި ފަހަރު ލިޔެ، ޑައިރެކްޓްކޮށް އަދި ބަތަލުގެ ރޯލް ކުޅެން ހަމަޖެހިފައި ވަނީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މިއުޒިކް ކޮމްޕޯޒަރުންގެ ތެރޭގައި ހިމެނެނު އެމެރިކާގެ ލެޖެންޑް ލިއޮނާޑް ބާންޒްޓެއިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެވެ.
މި ފިލްމްގެ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނެނީ މަޝްހޫރު ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ސްޓީވެން ސްޕީލްބާގާއި މާޓިން ސްކޮސިސް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ލިއޮނާޑްގެ ފިލްމްގެ ލިޑް ރޯލަށް ކޫޕާ އަށް ދިނުމުގެ އިތުރަށް މީގެ ޑައިރެކްޝަން ސްކޮސިސް އާއި ސްޕީލްބާގް ކޫޕާއާ ހަވާލުކުރީ އޭނާ އަށް އޮތް ބޮޑު އިތުބާރެއްގެ ސަބަބުންނެވެ. އަދި ޑައިރެކްޓަރެއްގެ ގޮތުގައި ފިލްމްގައި ކޫޕާ ކުޅަދާނަކަން ދައްކައިލާނެ ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.
ލިއޮނާޑްގެ ބައޮޕިކެއް ކޫޕާ، 43، ގެނެސް ދޭން ފޫގަޅާފައިވާ އިރު، އެކްޓަރު ޖޭކް ޖިލެންހާލް ވެސް ވަނީ "ދި އެމެރިކަން" ނަމުގައި ލިއޮނާޑްގެ ބައޮޕިކެއް ހަދަން ނިންމައިފަ އެވެ. ލިއޮނާޑްގެ ރޯލް ޖޭކް ކުޅޭ މި ފިލްމް އިއުލާން ކުރީ މި މަހުގެ 7 ވަނަ ދުވަހު އެވެ. އަދި މީގެ ޕްރޮޑިއުސަރެއްގެ ޒިންމާ ވެސް އޭނާ ނަގާނެ އެވެ.
އަންނަ އަހަރު ރިލީޒްކުރަން އަމާޒު ހިފާފައިވާ އެ ފިލްމް ހަދަނީ ހަމްފްރީ ބާޓަން 2001 ގައި ލިޔުނު ބައޮގްރަފީ "ލިއޮނާޑް ބާންޒްޓެއިން" އަށް ބިނާކޮށެވެ. "ދި އެމެރިކަން" ޑައިރެކްޓް ކުރަނީ އެޗްބީއޯ އިން 2014-2015 އަށް ގެނެސް ދިން ޓީވީ ސިލްސިލާ "ޓްރޫ ޑިޓެކްޓިވް" ގެ ޑައިރެކްޓަރު ކެރީ ފުކްނަގާ އެވެ.
"ސިލްވަ ލައިނިން ޕްލޭބުކް" އާއި "ހޭންގްއޯވާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކޫޕާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ލީޑް ރޯލުން ފެނިގެންދާ "އަ ސްޓާ އިޒް ބޯން" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު މަހުގެ 5 ގަ އެވެ. އެކަމަކު އޭނާ ޑައިރެކްޓް ކުރާ ލިއޮނާޑްގެ ބައޮޕިކް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.