ޓިއުރިން، ޔުވެންޓަސް (މެއި 17) - އަންނަ ސީޒަނުގައި ޔުވެންޓަސްގެ ކޯޗުގެ މަގާމުގައި މެކްސިމިލިއާނޯ އެލެގްރީ ނުހުންނާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.
ދެ ފަރާތް އެއްބަސްވެގެން ކޮންޓްރެކްޓް އުވާލަން ނިންމައި އޭގެ ތަފްސީލް ދިނުމަށް މާދަމާ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ އެވެ. ޔުވެންޓަސްގެ ޑިރެކްޓަރުންނާ އެކު އެލެގްރީ ބޭއްވި ބައްދަލުވުންތަކަށް ފަހު މި ގޮތް ނިންމީ ބައެއް ކަންކަމާ މެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ. ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް ޔުވެންޓަސް އިން ކުރަމުން އަންނަ މަސައްކަތުގައި މި ސީޒަނުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސޮއި ހޯދައިދިން ނަމަވެސް އެލެގްރީ އަށް އެކަން ހާސިލްކޮށްނުދެވުމުން ގިނަ އަދަދެއްގެ ސަޕޯޓަރުން ވެސް ތިބީ ހިތްހަމަނުޖެހިފައި ކަމަށްވެ އެވެ.
އޭސީ މިލާނަށް 2012 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީގެން ފާހަގަވި އެލެގްރީ ޔުވެންޓަސްގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވީ މިލާނުން ވަކިކުރުމުން ވަޒީފާއެއް ނެތި ހުރުމަށް ފަހު އެވެ. އޭނާ ވަނީ ޔުވެންޓަސް ފަސް ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީ އިޓާލިއަން ކަޕް ތިން ފަހަރު ކާމިޔާބުކޮށްދީފަ އެވެ. ދެ ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި އެވެ.
އަންނަ ސީޒަނުގައި ޔުވެންޓަސް އިން ގެންނަން ބޭނުންވާ ތިން ކޯޗުންނަކީ ރިޕޯޓްތައް ބުނާ ގޮތުގައި އެ ޓީމުގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އާއި މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ފްރާންސްގެ ޑިޑިއޯ ޑިޝޯމްޕްސް އެވެ. މީގެ ތެރެއިން ކޮންޓޭ އިންޓަ މިލާނާ ހަވާލުވާން އެއްބަސްވެފައިވާއިރު ގާޑިއޯލާ ސިޓީ ދޫކޮށްލާ ނަމަ ގުޅުން ގާތީ ބާސެލޯނާއާ އެވެ. އަދި ފްރާންސްގެ ވަޒީފާގައި ހުރުމުން ޑިޝޯމްޕްސް ގެނައުމުގެ ފުރުސަތު ވެސް ކުޑަ އެވެ. އެހެންވެ ޔުވެންޓަސް އިން ގެނައުމުގެ ކަމުގެ ފުރުސަތު ބޮޑީ ޓޮޓެންހަމް ހޮޓްސްޕާސްގެ މައުރީޒިއޯ ޕޮޗެޓީނީ އާއި ލާޒިއޯގެ ސިމޯނީ އިންޒާގީ އަދި ރޯމާގެ ކުރީގެ ކޯޗު ޔުސޭބިއޯ ޑި ފްރެންސެސްކޯގެ ތެރެއިން ކޯޗެވެ.
އެލެގްރީގެ ޑިމާންޑް ވެސް ވަނީ ބޮޑުވެފަ އެވެ. އޭނާ ގެންދަން ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބަޔާން މިއުނިކާއި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ހިމެނެ އެވެ.