މިލާން (ޑިސެމްބަރު 6) – އަންނަ ސީޒަނުގެ ކުރިން ޓީމަކާ ހަވާލުނުވާނެ ކަމަށް އާސެނަލާއި ބަޔާން މިއުނިކުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގެ ކުރީގައި އޮތް އިޓަލީގެ މަސިމިލިއާނޯ އެލެގްރީ ބުނެފި އެވެ.
ޔުވެންޓަސް އަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބުކޮށްދިނުމަށް ފަހު މިދިޔަ ސީޒަން ނިމުމުން އެ ޓީމުން ވަކިވި އެލެގްރީ އަކީ ޔޫރަޕުގައި މިވަގުތު އެންމެ ޑިމާންޑް ބޮޑު އެއް ކޯޗެވެ. އޭނާ މި ވަގުތު އިނގިރޭސި ބަސް ދަސްކުރަމުން އަންނާތީވެ ބެލެވެނީ ދެން ހަވާލުވާނީ އިނގިރޭސި ޓީމަކާ ކަމަށެވެ. އާސެނަލުން އުނާއީ އެމެރީ ވަކިކޮށް ދާއިމީ ކޯޗަކަށް ބަލަމުން އަންނައިރު ބަޔާން މިއުނިކުން ވެސް އަންނަނީ ނިކޯ ކޮވަޗް ވަކިކޮށް ދާއިމީ ކޯޗަކަށް ބަލަމުންނެވެ. އަނެއްކޮޅުން މެންޗެސްޓާ ޔުނައިޓެޑުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމާ ގާތުގައި އޮތް ކަމަށް ރިޕޯޓްތައް ބުނާތީ އެއީ ވެސް އޭނާ އަށް ޝައުގުވެރިވާނެ ކްލަބެކެވެ.
އެލެގްރީ ބުނީ އޭނާ ދެން މަސައްކަތަށް ނުކުންނާނީ އަންނަ އަހަރުގެ ޖޫންގައި ކަމަށާއި ޔުވެންޓަސްއާ ވަކިވި ހިސާބުން ނިންމާފައި އޮތީ އެއް އަހަރުގެ ޗުއްޓީއެއް ނެގުމަށް ކަމަށެވެ.
"އަންނަ އަހަރު ވާނީ މުހިއްމު އަހަރަކަށް. އަހަރެން ނިންމާ ނިންމުމަށް ވެސް އަދި އެކަމަށް ތައްޔާރުވުމަށްޓަކައި ވެސް. ޔުވެންޓަސްގައި ފަސް އަހަރު ހޭދަކުރުމަށް ފަހު އަދި އެއް އަހަރުގެ ބްރޭކަކަށް ފަހު އަހަރެން ބޭނުމެއް ނޫން އަލުން އެނބުރި ގޮސް ގޯސް ނަތީޖާއެއް ހޯދާކަށް،" އެލެގްރީ ބުންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެލެގްރީ ސީޒަނުގެ މެދުތެރެއިން ޓީމަކާ ހަވާލުވާނީ ހަމައެކަނި މެންޗެސްޓާ ޔުނައިޓެޑުން އޮފާއެއް ލިބިއްޖެ ނަމަ އެވެ.
އޭސީ މިލާނަށް 2011 ވަނަ އަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްދީގެން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެލެގްރީ އޭގެ ފަހުން ކެރިއަރު އެއްކޮށް ހޭދަކުރީ ޔުވެންޓަސްގަ އެވެ. އެ ޓީމަށް ފަސް ފަހަރު ލީގު ހޯދައިދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ގެންގޮސްދިނެވެ. އަދި އިޓާލިއަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްދިނެވެ.