އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ ފަހުގެ ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް 58-30 އިން ބަލިކޮށް ޔޫއެން ފްރެންޑްސް މުބާރާތުގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.
މިދިޔަ އަހަރުގެ ބާސްކެޓްބޯޅަ ސީޒަނުގައި ފުރިހަމަ ކާމިޔާބެއް ހޯދި ސައިކްލޯން ވަނީ މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ވެސް ވަރުގަދަކޮށް އޮތް ޔޫއެން ފްރެންޑްސް އަތުން ބަލިވެފަ އެވެ. ރޭގެ ފައިނަލަށް އެ ޓީމުން ނުކުތީ އެ މެޗުން އިބުރަތް ހާސިލްކޮށް ނަތީޖާ އަނބުރާލުމުގެ އުއްމީދުގަ އެވެ. އެކަމަކު އެކަން ނުވީ ޔޫއެން ފްރެންޑްސްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިން ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ.
ސައިކްލޯން އިން މިދިޔަ އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބުކުރީ ފައިނަލުގައި ޖިބިއްލީ ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު، ޔޫއެން ފްރެންޑްސް އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކު 20-06 އިން ކުރީގަ އެވެ. ފުރަތަމަ މިނިޓުން ފެށިގެން ޔޫއެން ފްރެންޑްސް އިން ދިޔައީ މެޗު ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ޓީމުގެ ފާތިމަތު ރިޝްމާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ދެ ވަަނަ ކުއާޓަރުގައި ސައިކްލޯން އިން ކޮންމެވެސް ވަރަކަށް ކުޅުން ރަނގަޅުކުރިި އެވެ. އެކަމަކު ކުރިން ވެސް ކުޅެމުން އައި ފޯމުގައި ޔޫއެން ފްރެންޑްސް އިން ކުޅެމުންދިއުމުން ސައިކްލޯން އަށް މާ ބޮޑު ތަފާތެއް ނުގެނެވުނެވެ. ޔޫއެން ފްރެންޑްސް އިން ދެ ވަަނަ ކުއާޓަރު ވެސް ނިންމާލީ ރަނގަޅު ލީޑެއްގަ އޮވެ އެވެ. ތިން ވަނަ ކުއާޓަރުގައި ޔޫއެން ފްރެންޑްސްގެ ޝިޒްނާ ރަޝީދާއި އައިޝަތު ރީމާގެ މޮޅު ކުޅުމާ އެކު އަލުން ޔޫއެން ފްރެންޑްސް އިން ލީޑުބޮޑުކުރި އެވެ. ނަތީޖާއަކަށްވީ ފަހު ކުއާޓަރުގައި ވެސް އެ ކުޅުން ދަމަހައްޓައި ސައިކްލޯން އަށް އެއްވެސް ފުރުސަތެއް ނުދީ ޔޫއެން ފްރެންޑްސް އިން މެޗު ކާމިޔާބު ކުރުމެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔޫއެން ފްރެންޑްސް އަށް 16 ޕޮއިންޓް އެއްކޮށްދިން ރިޝްމާ އެވެ. އަދި މި ފަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ވެސް ރިޝްމާ އެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޔޫއެން ފްރެންޑްސްގެ ޝިޒްނާ އާއި އާމިނަތު އިސްރާއު އަދި އައިޝަތު ރީމާގެ އިތުރުން ސައިކްލޯންގެ ރައިފާ އިބްރާހިމް އާއި ނަޝްފާ އާމިރާ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި މިރޭ ކުޅޭނީ ކިންގްސް ބާސްކެޓްބޯލް ކްލަބާއި ރެޕްޓާސް ބާސްކެޓްބޯލް ކްލަބް އެވެ. ކިންގްސް ފައިނަލުން ފުރުސަތު ހޯދީ ސެމީގައި މިދިޔަ އަހަރުގެ ޗެމްޕިއަން ޓީރެކްސް ކަޓުވާލުމަށް ފަހު އެވެ. އަނެއްކޮޅުން ރެޕްޓާސް ވެސް ވަނީ ސެމީގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ. މިރޭގެ ފައިނަލް ފަށާނީ 20:30 ގަ އެވެ.