ވޯލްޑް ކަޕްގެ މެޗުތައް ބަލަންޏާ ރިސޯޓްތަކުގެ ކޮންމެ ކޮޓަރިއަކުން މެޗަކަށް އެއް ޑޮލަރު ޗާޖް ކުރާނެކަން މީޑިއާނެޓުން އަންގާފައިވާ ކަމަށް ބުނެ، އޭގެ ހިތްހަމަނުޖެހުން މަޓީން ފާޅުކޮށްފި އެވެ.
ޓޫރިޒަމް ޖަމިއްޔާ މަޓީގެ ބޯޑު މެމްބަރު އިބްރާހިމް ނޫރައްދީން "މިހާރު" އަށް ވިދާޅުވީ އެއީ ރިސޯޓްތަކާއި މީޑިއާނެޓާ އެކު ހަދާފައިވާ އެގްރިމެންޓާ ވެސް ހިލާފު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"މަޓީގެ ކޮންސާނަކީ ވަރަށް ގިނަ ރަށްރަށް ހުންނާނެ މީޑިއާނެޓާ އެކު އެގްރިމެންޓް ހަދާފައި. އޭގައި ހުންނާނެ ޗެނަލްތަކެއް ހިމަނާފައި. ބައެއް ރަށްތަކުން އެ ޕެކޭޖްގައި ހިމަނާފައި ހުންނާނެ ލޯކަލް ޗެނަލްތައް ވެސް. އޭގެ މާނައަކީ, އެ ޗެނަލްތަކުން ކޮންމެ އެއްޗެއް ދެއްކިޔަސް, އެ އެގްރިމެންޓްގައި ބުނެފައިވާ މުއްދަތެއް ހަމަވަންދެން ލިބެން ޖެހޭނެއޭ،" އިބްރާހިމް ވިދާޅުވި އެވެ.
"އެކަމަކު މިހާރު އެ ބުނަނީ ވޯލްޑް ކަޕް ނުފެންނާނެއޭ. މިސާލަކަށް ރާއްޖެޓީވީ ޕީއެސްއެމް އިން ވޯލްޑް ކަޕް ދައްކާ ނަމަ އެ ފެންނަން ވާނެ. މިހާރު ބުނަމުންދަނީ އިތުރަށް ފައިސާ ނުދައްކަނީސް ނުލިބޭނެއޭ ވޯލްޑްކަޕްއެއް."
މި މައްސަލަ މަޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު، އެ ކޮމިޝަނުން ޖަވާބެއް ނުދިން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 65 ޕަސެންޓާ ހަމައަށް އޮކިއުޕަންސީ ހުރި ރިސޯޓްތަކުން ކޮޓަރިއަކަށް ކޮންމެ މެޗަކަށް އެއް ޑޮލަރު ދައްކަން އަންގާފައިވާ ކަމަށާއި އެއަށް ވުރެ މަތިން އޮކިއުޕަންސީ ހުރި ރިސޯޓްތަކުން އެއަށް ވުރެ އިތުރަށް ދައްކަން ޖެހޭ ކަމަށެވެ.
"އެހެންވެ، އަޅުގަނޑުމެންނަށް އެނގިފައި އޮތީ ބައެއް ރިސޯޓްތަކުން މި މުބާރާތް ބަލަން 13،000 ޑޮލަރު އަދި ބައެއް ރިސޯޓްތަކުން 19،000 ޑޮލަރު ވެސް ދައްކަން ޖެހިފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ސުވާލަކީ މިއީ އިންސާފެއްތޯ. ކޮންމެ ކަމެއްގައި ވެސް ޕްރިންސިޕަލެއް އޮންނަން ވާނެ. އެގްރިމެންޓެއް އޮތިއްޔާ އެއަށް އިހުތިރާމް ކުރަން ވާނެ އެ އެގްރިމެންޓްގެ މުއްދަތު ހަމަވަންދެން. އަނެއްކާ އެ އެގްރިމެންޓް ހެދިއިރު ވެސް، މީޑިއާނެޓަށް ވެސް އެނގޭނެ މި މުބާރާތް އޮތްކަން."
މި މައްސަލައިގެ ކަންބޮޑުވުން ރިސޯޓްތަކުގައި ވަރަށް ބޮޑު ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ މައްސަލަ މަޓީ އަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ޓޫރިސްޓަކު މެޗެއް ނުބަލާނެ. މެޗު ބަލަން ގިނަ ފަހަރަށް މި ބޭނުން ވަނީ ދިވެހިން. ފުޓުބޯޅަ އަކީ ދިވެހިން މޮޔަވެފައި ތިބޭ ކުޅިވަރެއް. އަޅުގަނޑުމެން މި ތިބީ ރިސޯޓްތަކުގައި ތިބި ދިވެހި މުވައްޒަފުންނަށް، އެއީ ކިތަންމެ ބޮޑު ހޭދައެއްކޮށްގެން ވެސް ވޯލްޑް ކަޕް ދައްކައިދޭން،" އިބްރާހިމް ވިދާޅުވި އެވެ.
އެކަމަކު، އޭނާ ވިދާޅުވީ މިކަހަލަ ކަންކަމުގައި ފައިސާ ނެގުމުގައި "ކޮންމެ ވެސް އުސޫލެއް އޮންނަން ވާނެ" ކަމަށެވެ.
ރިސޯޓްތަކުގެ ކޮޓަރިތަކުން ނިސްބަތުން ބޮޑުއެއްޗެއް ޗާޖްކުރާއިރު، ރިސޯޓްގައި ތިބޭ މުވައްޒަފުންނަށް ވޯލްޑް ކަޕް ދައްކަން 5،000 ޑޮލަރު ވެސް ޗާޖް ކުރާ ގޮތަށް ވަނީ ނިންމައި، އެކަން ރިސޯޓްތަކަށް އަންގައިފަ އެވެ.
ރީބްރޯޑްކާސްޓަރުންނަށް އެއްވެސް އަގެއް ނެގޭނީ، ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްގެންނެވެ.
އެކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ދީފައިވާނީ ކޮޓަރިއަކުން 65-75 ސެންޓް ނަގަން ކަމަށާއި މީޑިއާނެޓުން އެދުނު ވަރަކީ ކޮޓަރިއަކުން އެއް ޑޮލަރު ކަމަށެވެ.
"އެއީ [ވޯލްޑް ކަޕަކީ] ވަކިން އަންނަ ފީޑް ކޮންޓެންޓަކަށް ވާތީ އެ ހުއްދަ އަޅުގަނޑުމެން މިދިނީ،" އޭނާ ވިދާޅުވި އެވެ.
"މީޑިއާ ނެޓުން ބުނެފައި އޮތީ އެ މީހުން ބަލަނީ، ކޮންމެ ކޮޓަރިއެއް އެއީ ވަކި ގޭބިސީއެއް ކަމަށް."