މެގަ މޯލްޑިވްސްގެ އޯނަޝިޕް ރީސްޓްރަކްޗާ ކުރުމަށާއި ބޮޑެތި ބަދަލުތަކެއް އެ ކުންފުންޏަށް ގެނައުމަށް އެ ކުންފުނީގެ ދަތުރުތައް މާދަމާ އިން ފެށިގެން ވަގުތީ ގޮތުން މެދުކަނޑައިލަން ނިންމައިފި އެވެ.
މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައިވަނީ ދަތުރުތައް ހުއްޓާލިޔަސް ކުންފުނީގެ އިދާރީ މަސައްކަތްތަކާއި ހިންގުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ. އެކަމަކު ދަތުރުތައް އަލުން ފަށާނެ ދުވަހެއް އެ ބަޔާނުގައި ނުބުނެ އެވެ.
"ކުންފުނިި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، މުޅިން އާ އަދި ފެންވަރު ރަނގަޅު ބޯޓުތަކަކާ އެކު ދަތުރުތައް ފެށުމަކީ މެގަ މޯލްޑިވްސް އިން އުއްމީދު ކުރާ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.
އެ ކުންފުނީގެެ އޯނަޝިޕް ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނި އިރު އެ ކުންފުނީގެ އޯނަޝިޕް ބަދަލުވި ކަމަށް މީގެ ދުވަސްކޮޅެއް ކުރިން އަޑުފެތުރުނެވެ. އެކަމަކު އޭރު އެ ކުންފުނިން ވަނީ އެކަން ދޮގުކޮށްފަ އެވެ.
އެ ބަޔާނުގައިވާ ގޮތުން ކުންފުނި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތަކީ މިދިޔަ އަހަރުން ފެށިގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެ ބަދަލުތަކުގެ ދަށުން އެ ކުންފުނީގެ އޯނަޝިޕް ރީސްޓްރަކްޗާ ކުރުމާއި ކަސްޓަމަރުން ބޭނުންވާނެ ފަދަ ޚިދުމަތްތައް ރަނގަޅު ކުރުމާއި މިހާރު ބޭނުންކުރާ ބޯޓުތަކުގެ ހާލަތު ބަލައި، އެންމެ އެކަށީގެންވާ އާ ބޯޓުތައް ހޯދުން ފަދަ މަސައްކަތްތައް ކުރިއަށްދާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި މުވައްޒަފުންނާއި ޚިދުމަތްތަކުގެ ފެންވަރު މަތި ކުރުމަކީ ވެސް އެ މަސައްކަތުގެ ދަށުން އެ ކުންފުނިން ކުރާނެ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. މެގަ މޯލްޑިވްސް އިން ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރު އެވެ. މިހާތަނަށް 50 މަންޒިލަކަށް ދަތުރުކޮށް، 1.1 މިލިއަން ޕަސިންޖަރުންނަށް އެ ކުންފުނިން ވަނީ ޚިދުމަތް ދީފަ އެވެ.