ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ފަށަނީ

ރާއްޖެ އާއި ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ގުޅޭ އެއްބަސްވުމެއްގައި ދެ ގައުމުން މިއަދު ސޮއިކޮށްފި އެވެ.


މި އެއްބަސްވުމުގައި ސޮއިކުރީ ރާއްޖޭގެ ސިވިލްއޭވިއޭޝަން އޮތޯރިޓީ އާއި ފިލިޕީންސްގެ ސިވިލް އެއޮރޮނޮޓިކްސް ބޯޑާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

ރާއްޖޭގެ ސިވިލް އޭވިއޭޝަނުން ބުނީ މި އެއްބަސްވުމާ އެކު، ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ދޭން ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލާާފައިވާ ކަމަަށެވެ. ނަމަވެސް އެއްބަސްވުމާ ގުޅޭ އިތުރު ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

"މި މަޝްވަރާތަކުގައި، ވައިގެ ދަތުރުފަތުރާ ބެހޭ އެއްބަސްވުމުގެ ދެލިކޮޕީއެއް އެކުލަވާލެވުނެވެ. އަދި ދެ ގައުމު ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންވާ އެއާލައިންތަކަށް ފުރުސަތު ހުޅުވާލައި، އެގްރީޑްމިނިޓްސް އެއްގައި ދެ ގައުމުން ސޮއިކުރި އެވެ،" ފިލިޕީންސްގެ ވެރިރަށް މެނީލާގައި ބޭއްވި މަޝްވަރާތަކަށް ފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތީރިޓީން ނެރުނު ބަޔާނުގައި ވެ އެވެ.

ރާއްޖެ އަށް ފިލިޕިންސް އިން ޒިޔާރަތް ކުރާ ޓޫރިސްޓުންނާއި ރާއްޖޭގައި މަސައްކަތް ކުރާ ޕިލިޕީންސް މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު، ދެ ގައުމު ދެމެދު ވައިގެ ސީދާ ދަތުރުތައް ފެށިއްޖެ ނަމަ ފަތުރުވެރިކަން އިތުރަށް ފުޅާވެ، ވިޔަފާރީގެ ގުޅުން ބަދަހިވާނެ ކަމަށް މިއަދުގެ މަޝްވަރާތަކުގައި ދެ ގައުމުން ވެސް ފާހަގަ ކުރި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 10،000 އަށް ވުރެ ގިނަ ފިލިޕީންސްގެ ފަތުރުވެރިން ރާއްޖެ އަށް މިދިޔަ އަހަރު ޒިޔާރަތްކުރި އެވެ.

މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވި ދިވެހި ވަފުދުގެ އިސް މަންދޫބެއްގެ ގޮތުގައި ހުންނެވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޗެއާމަން އިބްރާހިމް ފައިޒަލް އެވެ. އަދި ސިވިލް އޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ހުސައިން ޖަލީލާއި އެ އޮތޯރިޓީގެ ޑިރެކްޓާ އެއާ ޓްރާންސްޕޯޓް އަބްދުﷲ ރަޝީދާއި ސީނިއާ ލީގަލް އޮފިސަރު އަހްމަދު މުޝްހިދު ރަޝީދު ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.

ރާއްޖެ އާއި 46 ގައުމަކާ އެކު މިހާރު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުންތައް ގާއިމް ކޮށްފައިވާ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި 36 މަންޒިލަކުން 31 އެއާލައިން ރާއްޖެ އަށް އޮޕަރޭޓް ކުރަމުން އަންނަަ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.