ހާޑް ޑިސްކްތައް މުޅިން ދޫކޮށް ސޮލިޑް ސްޓޭޓް ޑްރައިވް (އެސްއެސްޑީ) އަށް ބަދަލުވުމަކީ ދުލުން ބުނެލަން ވަރަށް ފަސޭހަކަމެކެވެ. އެކަމަކު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ސަބަބު އެހާ ގިނައެއް ނޫނެވެ. ހާޑް ޑިސްކަށް ވުރެ އެސްއެސްޑީ އަގުބޮޑީ އެވެ. ވަރަށް އަގުބޮޑީ އެވެ. އެހެންކަމުން، ހާޑް ޑިސްކްތައް ދޫކޮށް އެސްއެސްޑީ އަށް މުޅިން ބަދަލުވެވޭނެ ޒަމާނެއް ބުނެދޭކަށް ނޭނގެ އެވެ.

ހާޑް ޑިސްކަށް ވުރެ އެސްއެސްޑީ ލުއިވުން އެއީ އެވްރެޖް މީހަކަށް އެހާ މުހިންމު ކަމަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް، ވެބް ހޯސްޓިން އަދި ކްލައުޑް ސްޓޯރޭޖް ވިޔަފާރިކުރާ ކުންފުންޏަކަަށް އެއީ ވަރަށް ބޮޑު ފައިދާއެކެވެ. އާދައިގެ މީހަކަށް އެސްއެސްޑީ މުހިންމުވަަނީ ސްޕީޑްގައި ޖެހުމުންނެވެ.

ހާޑް ޑިސްކްގައި މައުލޫމާތު ރައްކާކުރަނީ މައުދަން ފޮތިތަކެއްގަ އެވެ. އެ މައުލޫމާތު ހަަމަ އެ ހާޑް ޑިސްކްގެ އެހެން ދިމާއަކަށް ބަދަލުކުރަން ވަގުތު ނަގަ އެވެ. ސަބަބަކީ، ހާޑް ޑިސްކްގެ ސްޕީޑް ދަމަހައްޓަނީ މި ބުނި ފޮތިތައް އެނބުރޭ އަވަސް، ލަސް މިނުން ކަމަށް ވާތީ އެވެ.

އެސްއެސްޑީގައި އެނބުރޭ ބައިތަކެއް ނުހުރެ އެވެ. މައުލޫމާތު ރައްކާކުރަނީ ޔޫއެސްބީ ޕެން ޑްރައިވްގައި މައުލޫމާތު ރައްކާކުރާ ކަހަލަ ގޮތަކަށެވެ. މައިކްރޮއެސްޑީ ކާޑުގައި ވެސް މައުލޫމާތު ރައްކާކުރަނީ ދާދި އެއް މިޒާޖަކަށެވެ.

އެސްއެސްޑީ އުފައްދަނީ "ފްލޭޝް މެމަރީ" ވިއުގައަކުންނެވެ. އެހެންކަމުން ވެއްޓި ހާޑް ޑިސްކް ހަލާކުވާހާ ފަސޭހައިން އެސްއެސްޑީ ހަލާކުވުން ދުރެވެ. އެހެން ނަމަވެސް މެމަރީ މޮޑިއުލްތައް ތަތްކޮށްފައި އޮންނަ "ޕްރިންޓެޑް ސާކިޓް ބޯޑް" (ޕީސީބީ) ބިންދައިގެން ދިއުމަކީ އެކަށީގެންވާ ކަމެވެ.

އާންމު ގެއެއްގައި ބޭނުންކުރާ ކޮމްޕިއުޓަރެއްގައި އެސްއެސްޑީއެއް އަޅުވާލި ނަމަވެސް، ބިޔަ ކުންފުނިތަކަށް މިއީ ވަރަށް ބޮޑު ޚަރަދެކެވެ. ކޮމްޕިއުޓަރުތަކުގެ ހާޑް ޑިސްކްތައް އެއްފަހަރާ އެސްއެސްޑީ އަށް ބަދަލުކުރަން ހިފައިފި ނަމަ، ޖެހިގެން އަންނަ މަހު މުވައްޒަފުންނަށް މުސާރަނުދެވުމަކީ ވެސް ބަހުސްކުރެވިދާނެ ކަމެކެވެ.