އާއިލާގެ ތެރޭގައި ސިޔާސީ ބޭފުޅުން ތިއްބެވި ނަމަވެސް، މި ދާއިރާއާ ދޭތެރޭ ނަޒްރާ ނަސީމް (ނަޒޫ)ގެ ހިޔާލެއް ކުޑަކޮށް ވެސް ނެތެވެ. އެކަމަކު، ފިރިކަލުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އަހަރެއްހާ ދުވަހަށް ޖަލަށްލުމާ އެކު، އޭނާގެ ހައްގުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވަން ޖެހިވަޑައިގަތީ ނަޒޫ އަށެވެ. ނުސީދާކޮށް ސިޔާސީ ކަންކަމުގެ ތެރެއަށް ނަޒޫ އަށް ވެދެވަޑައިގަންނަވަން ޖެހިވަޑައިގަތީ އެ ހިސާބުންނެވެ. އޭނާ ކިޔަވާ ވިދާޅުވީ ވެސް މުޅިން އެހެން ދާއިރާއަކުންނެވެ. ހަގީގަތަކީ، ނަޒޫ އަކީ މުޅިން އެހެން ކަހަލަ ބޭފުޅެއް ކަމެވެ. އޭނާގެ ހަޔާތުން މިއީ، ތިޔަބޭފުޅުންނަށް ފަހަރެއްގައި ނޭނގި އޮވެދާނެ ބައެއް ކަންކަމެވެ.
ބަތް އެއްގޮތަކަށް ވެސް ފަރިއްނުކުޅުއްވާ!
ބަތް ނުކާ މީހަކު ހުރެދާނެ ބާ އެވެ؟ ހާއްސަކޮށް ގަރުދިޔަ އާއި ބަތަކީ، ރާއްޖޭގައި ޒަމާނުއްސުރެ ވަރަށް ދޯޅު، އަދި މިހާރުގެ މި ޖީލުގެ ވެސް ވަރަށް ފޭވަރިޓް އެއްޗެކެވެ. ބަތް ނުކެވޭ ނަމަ އެ ދުވަހެއް ފުރިހަމަ ނުވާ މީހުން ވެސް މަދެއް ނޫނެވެ. ނަޒޫ މުޅިން ތަފާތެވެ. އޭނާ އަށް އެއް ގޮތަކަށް ވެސް ބަތް ކަމަކު ނުދެ އެވެ. ހަމައެކަނި ކަމުދަނީ ރޮއްޓެވެ. ތަނަކަށް ކާން ދިޔަޔަސް، އޯޑަރު ކުރަނީ ބަތް ނޫން އެއްޗަކަށެވެ.
"ކުޑައިރުއްސުރެ މަންމަމެން ކާން ދީފައި ހުރެދާނެ ބަތް. އެކަމަކު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ހަމަ އެއްގޮތަކަށް ވެސް ބަތް ނުކާތާ. އެހާ ގަޔާވާ އެއްޗަކަށް ބަތެއް ނުވޭ،" ނަޒޫ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާ އަށް އެންމެ ކަމުދަނީ އިންޑިއަން އަރަބިކް ފުޑެވެ. ރޮށި ކާހިތް ނުވާ ފަހަރުގައި ނާނަކުން ފުއްދާލަ އެވެ. ކުޅިކޮށް ކެއުމަށް އޭނާ އެއްވެސް ވަރަކަށް ބޭނުމެއް ނުވެ އެވެ. މިރުހެއް ފެނުނުނަސް ނަޒޫ އަށް ވަނީ ބޮޑު "ވޭނަކަ"ށެވެ.
"މިރުހުގައި ވަރަށް އަތް ނުލަން. މިރުސް ލައިގެން އެއްޗެއް މޮޑެން ވެސް ނުކެރޭނެ. ފެނުނަސް ދިލަ ނަގާނެ،" އޭނާ ވިދާޅުވި އެވެ.
ފަތަން އެނގޭތަ؟
މިއީ ބޮޑު ވާހަކައެކެވެ. އޭނާއަކަށް ފަތާކަށް ނޭނގެ އެވެ. ފެތުމަކީ، ނުވަތަ ފަތަން ދަސްކުރުމަކީ ކިހާ މުހިންމު ކަމެއް ކަން އޭނާ އަށް ސިކުނޑި އަށް ވެސް ނަގައިގަނެވިފައެއް ނެތެވެ. އެކަމަކު އެކަން ވެސް މުހިންމުވެ، އޭގެ ބޭނުން މި ޖެހުނީ ހަމަ ކުއްލިއަކަށެވެ.
މަހްލޫފް މާފުށީ ޖަލުގައި ހުންނަވާތީ ބައްދަލުވުންތަކަށް ނަޒޫ ދަތުރުކުރައްވަން ޖެހިވަޑައިގަންނަވަނީ އެ ރަށަށެވެ. ކަނޑު ގަދަ ދުވަހެއްގައި ނަމަ، ދެ ގަޑިއިރެއް ހާއިރު ލޯންޗުގައި ދަތުރުކޮށްލެއްވުމަކީ ނަޒޫ އަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. ކަނޑަށް ނުލާހިކު ބައްޔެވެ. ފަތަން އެނގިވަޑައިގެންފައި ނެތުމަކީ އަނެއް ބިރުވެރިކަމެވެ.
"މަހްލޫފްއާއެކު އެކަހެރި ބައްދަލުވުމެއް ނިންމާލާފައި ލޯންޗުގައި މާލެ އަންނަނިކޮށް ކަނޑު ވަރަށް ގަދަ ދުވަހަކާ ދިމާވި، އެ ދުވަހު ވަރަށް ބިރުން އިނީ،" ނަޒޫ ވިދާޅުވި އެވެ.
ނަމަވެސް ކަނޑުގައި ދަތުރުކުރުން އާންމު ކަމަކަށްވެ، އޭނާ ގަންނަމުން އައި ބިރު ކެނޑިއްޖެ އެވެ. މިހާރު އޭނާގެ އެންމެ ބޮޑު އަމާޒަކީ ވީހާ ވެސް އަވަހަކަށް ފަތަން ދަސްކުރެއްވުމެވެ. ނަޒޫ ވަނީ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ގެންދަވަނިކޮށް ކުރިމަތިވެވަޑައިގަތް ހާދިސާއެއް ހިއްސާ ކުރައްވައިފަ އެވެ.
"ޕެރަޑައިސް ރިސޯޓުގެ ޕޫލް ކައިރީގައި ހުއްޓާ މީހަކު ކޮއްޕާލީ މޫދަށް. ވަގުތުން އަޑިއަށް ދިޔައީ. އެ ދުވަހު ސަލާމަތް ކުރީ ކައިރީގައި ހުރި ދައްތައެއް. އެ ދުވަހު ވަރަށް ބޮޑަށް ލޮނު ބޮވުނު،" އޭނާ ވިދާޅުވި އެވެ.
މާސްޓާސް އާއި ޑިގްރީ ނެންގެވި
މަހްލޫފް ޖަލަށްލި ދުވަސްކޮޅަކީ ހިތްދަތި އެކަނިވެރި ދުވަސްތަކެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ. އެކަމަކު ނަޒޫގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. އޭނާ ވަނީ އެކަނިމާއެކަނި ވެސް ދިރިއުޅުމުގެ ކަންކަން ކުރެވޭނެ ކަން ސާބިތުކޮށްދީފަ އެވެ.
ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ވިލާ ކޮލެޖްގައި ތައުލީމް ހާސިލް ކުރައްވައިގެން މާސްޓާސް ހާސިލް ކުރެއްވީ މި އަހަރު އެވެ. އޭގެ ކުރިން އޭނާ ވަނީ މެލޭޝިއާގައި އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖްމަންޓުން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާސްޓާސް ހާސިލް ކުރެއްވީ ވަރަށް ބުރަ މަސައްކަތުންނެވެ. މަހްލޫފް ކައިރީގައި ނެތުމާއި، ޑިސެމްބަރު މަހުގެ ތެރޭގައި އެހެން ގެއަކަށް ބަދަލުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތުން އޭނާ އަށް ވީ ފަސޭހަ ކަމަކަށް ނޫނެވެ. އެހެން ނަމަވެސް، ފިރިހެނުން ވެސް ކުރަން ޖެހޭ މަސައްކަތްތައް އަމިއްލަ އަށް ކުރައްވައިގެން، އޭނާގެ ދިރިއުޅުމުގައި ހަގީގަތުގައި ހުސް ކަމެއް ނެތެވެ.