މިއަދު ހދ. ކުޅުދުއްފުށްޓަށް އަރައިފި މީހަކަށް އެއް ކަމެއް ޔަގީންވާނެ އެވެ؛ ފުޓްބޯޅައަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ ކުޅިވަރެއް ކަމެވެ. ފުޓްބޯޅައިގެ ފޯރިއާ ދިވެހިންނާ ގުޅިފައި އޮތް މިންވަރު އެ ރަށުުން މިއަދު އެއޮތީ ދިމާލަށް ފެންނާށެވެ. އެސްޓީއޯ މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ހދ. ހަނިމާދޫއާ ދެކޮޅަށް ކުޅުދުއްފުށި ކުޅޭ މެޗަށް މުޅި ރަށް އޮތީ ރަތްކޮށްލައިފަ އެވެ. މިއީ އަޖައިބެއް ފަދަ ސަޕޯޓެކެވެ. ނަމޫނާ އެކެވެ.

ރަށުގެ އެންމެން ކަހަލަ ގޮތަކަށް ތިބީ ރަތް ހެދުމުގަ އެވެ. އޮފީސްތަކަށް ދިޔައީ ވެސް ރަތުން ހެދުން އަޅައިގެންނެވެ. ސްކޫލް ދަރިވަރުން ވެސް ތިބީ ރަތްކުލައިގެ ސްޕޯޓްސް ޔުނިފޯމުގަ އެވެ. މުޅި ރަށުގައި އޮތީ ރަތްކުލައިގެ ދިދަ އާއި ބެނާތަކެވެ.

ކުޅުދުއްފުށި ކަސްޓަމްސްގެ މުއައްޒަފުން ބެނާ ހިފައިގެން.
ކުޅުދުއްފުށި ކަސްޓަމްސްގެ މުއައްޒަފުން ބެނާ ހިފައިގެން.

"މިއީ އާދަޔާހިލާފު ސަޕޯޓެއް،" ކުޅުދުއްފުށި ސްޕޯޓްސް ކްލަބުގެ އިސް ސަޕޯޓަރު އަބްދުއްރަޝީދު ސައީދު (އަބްސީ) ބުންޏެވެ. "މުޅި ރަށުގައި އޮތީ އެއް އަޑަކަށް ޓީމުގެ ވާހަކަ. މުޅި ރަށް އޮތީ ރަތްކުލައިގައި."

ކުޅުދުއްފުށީގައި ޓީމަށްޓަކައި، އުފެދިފައިވަނީ އާދާޔާހިލާފު ރޫހެކެވެ. ޓީމުގެ 300 ޖާޒީ ވަނީ ވިކިވެފަ އެވެ. މީގެ އިތުރުން ޓީމުގެ ލޯގޯ ޖަހާފައިވާ 1000 ޓީޝާޓާއި 3000 ސްޓިކާ ވަނީ ހަ ގަޑިއިރު ތެރޭ ހުސްވެފަ އެވެ. އަދި އެ އަދަދަށް ދިދަ ވެސް ވަނީ ވިކިފަ އެވެ. ރަށުގެ ގިނަ ބަޔެއްގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއަކީ ޓީމުގެ ލޯގޯ އެވެ.

މުބާރާތުގެ މެޗުތައް ކުރިއަށް ދިޔައިރު ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑުގައި ވެސް އާދަޔާހިލާފު ގޮތަކަށް ސަޕޯޓްކޮށްފަ އެވެ. އެގޮތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އައިސްލެންޑް ސަޕޯޓަރުންގެ ފަރާތުން ފެނިގެން ދިޔަ އަތްތިލަބަޑި ފެނިގެން ދިޔަ އެވެ.

ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން.
ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން.

"މިއަދުގެ ފައިނަލުގައި މުޅިން ތަފާތުކޮށް އެކަން ފެނިގެންދާނެ. އަދި މެކްސިކަން ވޭވްގެ ވެސް މުޅިން ތަފާތު ވާޝަނެއް ފެންނާނެ،" ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވެސް ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އަބްސީ ބުންޏެވެ. "އަސްލު މިކަން ފެށިގެން ދިޔައީ ވެސް މި ފަހަރު ތަފާތުގޮތަކަށް ޓީމަށް ސަޕޯޓްކުރަން ރޭވި ރޭވުމެއްގެ ތެރެއިން."

މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދިޔަ ކުޅުދުއްފުށްޓަށް މިހާރު އަރާފައިވާ ފުޓްބޯޅައިގެ ފޯރިގަދަ ރާޅާ އެ މުބާރާތާ ވެސް ވަނީ ގުޅިފަ އެވެ. އެފަދަ އިތުރު މުބާރާތްތަކަށް އެ ރަށު ރައްޔިތުން އަންނަނީ އިންތިޒާރުކުރަމުންނެވެ. އެކަމަކު، މި ވަގުތު އެންމެންގެ އުއްމީދަކީ ހދ. އަތޮޅު ފައިނަލުގައި މިއަދު ހަވީރު ހަނިމާދޫ އަތުން މޮޅުވެ ކުޅުދުއްފުށި ޗެމްޕިއަންކަން ހޯދުމެވެ. މިދިޔަ އަހަރުގެ ފައިނަލުން، ނޮޅިވަރަމް އަތުން ބަލިވި ބަލިވުމުގެ ހަނދާން ނައްތާލައި އާ ރޫހަކާ އެކު ޓީމު ނުކުމެފައިވާއިރު ރަށުގެ ރައްޔިތުން ތިބީ ޓީމުގެ ފަހަތުގަ އެވެ.

ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން.
ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން.