އެއާޕޯޓެއްގައި ދިރިއުޅުމަކީ ބޮޑެތި ފައިދާތަކާއި ހިތްހަމަޖެހުންތައް ލިބިދާނެ ކަމެކެވެ. ގައިމު ވެސް ސިންގަޕޫރުގެ ޗާންގީ އެއާޕޯޓުގެ ރީތިކަމާއި ފުރިހަމަކަމުން އެ ގޮތަށް އުފާ ހޯދާ މީހުން އެބަ އުޅެ އެވެ. ހަމައެކަނި ދަތުރުވެރިންނެއް ނޫނެވެ.
"ސްކައިޓްރެކްސް" އިން ހޮވާ ދުނިޔޭގެ އެންމެ ސަޅި އެއާޕޯޓުގެ ޝަރަފް ވިދިވިދިގެން ފަސް އަހަރު ހޯދާފައިވާ ޗާންގީ އިން ހިޔާވަހިކަން ހޯދައިގެން އުޅޭ މީހުންގެ އަދަދު ދިހައަކަށް ވުރެ މަދު ނުވާނެ ކަމަށް ސިންގަޕޫރުގެ މީޑިއާ ބުނެ އެވެ. އޭގެ ތެރޭގައި، އެ ތަނުގައި އުޅޭތާ އަށް އަހަރު ދުވަސް ވެފައިވާ އަންހެނަކު ވެސް ހިމެނެ އެވެ.
ސިންގަޕޫރުގައި ޗައިނާ ބަހުން ނެރޭ ދުވަހު ނޫހެއް ކަމަށްވާ ލިއަންހޭ ވަންބާއޯއާ ހަވާލާދީ މި އަހަރުގެ ޖެނުއަރީ މަހު ދަ ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި އުމުރުން ފަންސާހުގެ އަހަރުތަކުގައި އުޅޭ އެ މީހާ އެއާޕޯޓަށް ބަދަލުވީ އޭނާގެ ތިން ކޮޓަރީގެ ފްލެޓް ކުއްޔަށް ދީފަ އެވެ. އެ މީހާގެ ނަމެއް ނޫހުން ހާމައެއް ނުކުރެ އެވެ.
އެ މީހާ ބުނެފައި ވަނީ 2008ގައި ކުރިމަތިވި މާލީ ބޮޑު މައްސަލަގަނޑުގެ އަސަރު އޭނާ އަށް ކޮށްގެން އަތްމަތި ދަތިވެ، "ގޮތް ހުސްވީ" ކަމަށެވެ. އޭނާ އެއާޕޯޓަށް ދިޔައީ ކުޑަ ދުވަސްކޮޅަކު އެ ތަނުގައި އުޅެން ގަސްދުކޮށްގެންނެވެ. އެކަމަކު އެ މުއްދަތު އަށް އަހަރަށް ދިގުދެމިގެންދިޔައީ އެވެ. އޭނާ އުޅެނީ އަންނައުނާއި ރީތިވާ ސާމާނާއި ކާއެއްޗެހި ޓްރޮލީއަކަށް ލައިގެންނެވެ. އެއާޕޯޓުގެ ފުޑް ކޯޓުން ކައިގެން އުޅޭ އެ މީހާ އަށް އެ ތަނުގައި ދިރިއުޅެން ފަސޭހަ އެވެ. ފެންވެރޭނެ ގޮތާއި އެއާކޯނާއި ވައިފައި ހިލޭ ލިބެ އެވެ.
ޗާންގީ އެއާޕޯޓުގައި ދިރިއުޅޭ އެހެން މީހުންގެ ތެރޭގައި، ރައްޓެހިވެގެން ނުވަތަ ކައިވެނިކޮށްގެން އުޅޭ ޖޯޑެއް ވެސް ހިމެނޭ ކަމަށް އަންހެންމީހާ ނޫހަށް ކިޔައިދިނެވެ. އަދި އުމުރުން 60ގެ އަހަރުތަކުގެ ފިރިހެނަކު ވެސް ވަނީ، އެއާޕޯޓުގައި އޭނާ އުޅޭ ގޮތް ވަންބާއޯ އަށް ކިޔައިދީފަ އެވެ. މީހަކާ އެއްކޮށް ފްލެޓެއް ކުއްޔަށް ހިފައިގެން އުޅެނިކޮށް އޭނާއާ މައްސަލަ ޖެހިގެން، ފިރިހެންމީހާ އެއާޕޯޓަށް ނިދަން ދާން ފެށީ އެވެ. އެކަމަކު ދުވާލު އޭނާގެ ގެ އަށް ދެ އެވެ. ހޫނުގަދަ ރޭތަކުގައި ވެސް އޭނާ ނިދަން ބޭނުންވަނީ އެއާޕޯޓުގަ އެވެ.
ސްޓްރެއިޓްސް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ޗާންގީ އެއާޕޯޓުގައި މީހުން ދިރިއުޅޭ ކަމުގެ ރިޕޯޓްތައް ކުރިން ވެސް ތިލަވެފައިވެ އެވެ. އޭގެ ތެރޭގައި، ގެދޮރު ނެތް ދެމަފިރިއަކު ވެސް ހިމެނެ އެވެ. އާއިލާއާ މައްސަލަ ޖެހިގެން ވަންނާނެ ތަނެއް ނެތިގެން އެއާޕޯޓަށް ބަދަލުވި އެ ދެ މީހުން އެތައް މަހެއް ވަންދެން އެ ތަނުގައި އުޅުނެވެ.
ޗާންގީ އެއާޕޯޓް ގްރޫޕުން ބުނެފައިވަނީ އެ އެއާޕޯޓުން ބޯހިޔާވަހިކަން ހޯދައިގެން އުޅޭ މީހަކު ފެނިއްޖެ ނަމަ އެ ތަނުގެ މުވައްޒަފުން އެކަން ހުއްޓާލަން ބާރުއަޅާނެ ކަމަށެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، އެފަދަ މީހުންނަށް އެންމެ ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާނެ ކަމަށް ވެސް އެއާޕޯޓް ހިންގާ ކުންފުނިން ބުނެފައިވެ އެވެ.
ޗާންގީ އެއާޕޯޓުގައި 18 ދުވަސް ވަންދެން ދިރިއުޅުނު މެލޭޝިއާ މީހެއްގެ ވާހަކަ ވެސް މިދިޔަ އަހަރު ސްޓްރެއިޓްސް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވެ އެވެ.
އެއާއޭޝިއާގެ ފްލައިޓެއްގައި ކުއަލަ ލަމްޕޫރަށް ފުރަން ވަންދެން އެއާޕޯޓުގެ ލައުންޖެއްގައި މަޑުކޮށްގެން ހުރި ރައިޖާލީ ބަންތޫތު، 32، އަށް ނިދިފައި ހޭލެވުނު އިރު ފްލައިޓް ކަޓައިފި އެވެ. ދެން އޭނާ ޑިޕާޗާގެ ޓްރާންސިޓް ސަރަހައްދުގައި ދިރިއުޅެން ފެށީ އެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 21 އިން ސެޕްޓެމްބަރު 7އާ ހަމައަށް ބަންތޫތު ޓްރާންސިޓްގައި ހުރީ ކެތޭ ޕެސިފިކް އާއި ސިންގަޕޯ އެއާލައިންސް އިން ދޫކުރާ މޮބައިލް ބޯޑިން ޕާސް އިންޓަނެޓުން ޑައުންލޯޑްކޮށްގެން ލެޕްޓޮޕުން އެ އެއްޗެހި ފޯޖުކޮށް އޭނާގެ ނަމަށް ބަދަލުކޮށްގެންނެވެ. މޮބައިލް ފޯނަށް އެ ފާސްތައް އަޅައިގެން، އެއާޕޯޓުގެ ތިން ޓާމިނަލުގެ އެކި ލައުންޖުތަކަށް ވަންނަން 21 ފާސް އޭނާ ބޭނުންކުރި އެވެ. އޭގެ ތެރެއިން ލައުންޖެއްގެ މުވައްޒަފަކަށް ފަސްވަނަ ފަހަރު ބަންތޫތުއާ ދިމާވުމުން އެކަން ފަޅާއަރައި ފުލުހުން ގެންގޮސް އޭނާ ހަވާލުކުރީ އެވެ.
ކުރިން ސިންގަޕޫރުގެ ކުންފުންޏެއްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރެއްގެ ގޮތުގައި އުޅުނު ބަންތޫތުގެ މައްޗަށް ފޯޖަރީގެ ދައުވާކުރުމުން އޭނާ ވަނީ އެ ކުށަށް އިއުތިރާފްވެފަ އެވެ. އަދި ސިންގަޕޫރުގެ ކޯޓަކުން ވަނީ ދެ ހަފްތާ އަށް އޭނާ ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
ސްޓްރައިޓްސް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ވަޒީފާއެއް ނެތް ބަންތޫތު އެއާޕޯޓުގައި މަޑުކުރަން ބޭނުންވީ ކީއްވެގެން ކަމެއް ޝަރީއަތުގައި ހާމަވެފައެއް ނުވެ އެވެ.