އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އަށް، އޭނާއާ ވައްތަރު މީހަކު ކެނެޑާ އިން ފެނިވަޑައިގެންފި އެވެ. އެއީ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯގެ ފޮޓޯގްރާފަރެވެ.

ކެނެޑާގައި މިހާރު ކުރިއަށްދާ އިންވިކްޓަސް ގޭމްސްގައި ޓްރޫޑޯގެ ފޮޓޯ ނަގަން އެޑަމް ސްކޮޓީ އުޅެނިކޮށް އޭނާގެ އަތުން ކެމެރާ އަތުލައްވައި ބޮޑުވަޒީރު ވަނީ ހެރީ އާއި ސްކޮޓީގެ ފޮޓޯއެއް ނަންގަވައިފަ އެވެ. އަދި ސްކޮޓީ އެ ފޮޓޯ ޓްވީޓްކުރި އެވެ.

އަނިޔާ ލިބިފައިވާ ސިފައިންގެ ކުޅިވަރު މުބާރާތް އިންވިކްޓަސް ގޭމްސް އަށް ވަޑައިގެން ހެރީ މިހާރު އުޅުއްވަނީ ޓޮރޮންޓޯގަ އެވެ. އެއީ އިނގިރޭސި އަސްކަރިއްޔާގައި އުޅުއްވުމަށް ފަހު 2014 އިން ފެށިގެން ހެރީ ބާއްވަވަމުން ގެންދަވާ ބައިނަލްއަގުވާމީ މުބާރާތެކެވެ. މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެރީ އިންނެވީ ޓްރޫޑޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް އަރިހުގަ އެވެ.

އިސްތަށިގަނޑުގެ ކުލަ އެއްގޮތް ހެރީ އާއި ސްކޮޓީ ވައްތަރުކަން ފާހަގަކުރެއްވުނީ ޓްރޫޑޯ އަށް އެކަންޏެއް ވެސް ނޫނެވެ. ޓްވިޓާގައި މީހަކު ޕޯސްޓްކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޓޮރޮންޓޯގެ ހޮޓަލެއްގެ ބޭރުގައި ހެރީގެ އިންތިޒާރުގައި ތިބި ފޭނުންތަކެއް، ސްކޮޓީ އެ ހޮޓަލުން ނުކުންނަ މަންޒަރު ފެނިގެން "ހެރީ!"އޭ ކިޔައި ހަޅޭއްލަވައިގަނެ އެވެ.

ސްކޮޓީގެ ފަހަތުން ނުކުމެވަޑައިގެންނެވި ޓްރޫޑޯ ވަނީ ސަމާސާކުރައްވާ ފަދަ ގޮތަކަށް ސްކޮޓީއާ ދިމާއަށް އިނގިލިދިއްކުރެއްވުމަށް ފަހު އެއްވެ ތިބި މީހުންނަށް ހަނާއަޅުއްވައިފަ އެވެ. ބެލެވޭގޮތުގައި ޓްރޫޑޯ ރާއްވަވައިގެން، އެ ތަނަށް އެއްވެ ތިބި މީހުންނަށް "ލަނޑެއް" ދެއްވީ އެވެ.

ފަހުން ސްކޮޓީ ވަނީ ކެނެޑާގެ އެހެން ފޮޓޯގްރާފަރަކާއި ޕްރިންސް ވިލިއަމް ވައްތަރުކަން ދެއްކުމަށް އެ ދެ މީހުންގެ ފޮޓޯ ވެސް ޓްވީޓްކޮށްފަ އެވެ. އަދި ހެރީގެ ހަޔާތާ ބެހޭ ފިލްމެއްގައި އޭނާގެ ބައި ކުޅެން ލިބޭނެ ކަމުގެ އުއްމީދުގައި ހުރި ކަމަށް ބުނެ ސަމާސާ ވެސް ކުރި އެވެ.

ސްކޮޓީއަކީ ކުރިންސުރެ ވެސް ކެނެޑާގައި އެންމެން ދަންނަ، ސިޔާސީ ދާއިރާގައި ނުފޫޒުގަދަ ކަމަށް ބެލެވިފައިވާ ޒުވާނެކެވެ. ޓްރޫޑޯގެ ސޯޝަލް މީޑިއާއާ ރައްޓެހި ތަސައްވުރާއި މަގްބޫލުކަމުގެ ފަހަތުގައި ހުރީ ސްކޮޓީ ކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ.

އަށް ދުވަހަށް ކުރިއަށް ގެންދާ އިންވިކްޓަސް ގޭމްސްގައި 15 ގައުމެއްގެ 550 މީހަކު ބައިވެރިވެ އެވެ.

-ބީބީސީ