އިންޑިއާގައި ބަހަކަށް އެރި މީހެއްގެ އިސްޓާކީނުން ނުބައި ވަސް ދުވަން ފެށުމުން އެ މީހާ އާއި ބަހުގައި ތިބި ބަޔާ ދެމެދު ހަމަނުޖެހުން ހިނގައި އެންމެފަހުން، އެ މީހާ ހައްޔަރުކޮށްފި އެވެ.
ބީބީސީން ފުލުހުންނާ ހަވާލާދީ ބުނީ އުމުރުން 27 އަހަރުގެ ޕްރަކާޝް ކުމާރު ހައްޔަރުކޮށްފައި ވަނީ އާންމު އުނދަގުލަކަށްވާ ގޮތަށް އަމަލުތައް ބެހެއްޓި މައްސަލާގައި ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ބަސް ތެރޭގައި ހަމަނުޖެހުން ހިނގީ ނިއު ދިއްލީ އަށް ކުރި ދަތުރެއްގައި ކުމާރު އޭނާގެ ބޫޓާއި އިސްޓާކީނު ބޭލުމުންނެވެ. އޭނާ ބޫޓު ބޭލުމާ އެކު ދުވަން ފެށި ނުބައި ވަހުން، ބަހުގައި ތިބި މީހުން ވަނީ ބޫޓާއި އިސްޓާކީނު ދަބަހަށް ލާން އެދިފަ އެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވީ ނުބައި ވަސް ނުފެތުރޭނެހެން ދަބަހަށް ބޫޓު ލާން ކުމާރު ދެކޮޅުހެދުމުން ކަމަށްވެ އެވެ.
ބަހުގައި ތިބި ފަސިންޖަރުން ވަނީ ޕޮލިސް ސްޓޭޝަނަކާ ހިސާބުން ބަސް ހުއްޓުވުމަށް ފަހު ކުމާރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނީ ކުމާރުގެ އިސްޓާކީނުން ނުބައި ވަހެއް ނުދުވާ ކަމަށް އޭނާ ބުނާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގީ ކަމަކާ ނުލައި ކަމަށް ވެސް ކުމާރު ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ކުމާރު ހައްޔަރުކުރި ނަމަވެސް މިވަގުތު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ކަމަށެވެ.