ގދ. ފަރެސްމާތޮޑާގެ އެއާޕޯޓާ އެކު ހުވަދު އަތޮޅުގެ އިގްތިސާދަށް ހަތް މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވަން ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރިޒްވީ ވިދާޅުވީ، އެ އެއާޕޯޓުގައި މިހާރު ވެސް 45 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ވަޒީފާތަކާއި ދެން އުފެދެން ހުރި ވަޒީފާތަކާ އެކު ސަރަހައްދުގެ ވަކި ވަކި ފަރުދުންގެ ފުދުންތެރިކަން އިތުރުވެ، އާމްދަނީ އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ ވަޒީފާއަށް ހުޅުވާލުމުން 150 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ.

"އިގްތިސާދު ލާމެހި ރަށު ބަންދުން ވީއްލި ރައްޔިތުން އެދޭ ދިރިއުޅުން ފަރެސްމާތޮޑާ އާއި މި ހުވަދޫ މިވަނީ ފައްކާވެފައި،" އޭނާ ވިދާޅުވި އެވެ.

ފަރެސްމާތޮޑާ އެއާޕޯޓު. އެއާޕޯޓުން މިއަދުން ފެށިގެން ކޮމާޝަލް ދަތުރުތައް ވަނީ ފަށާފައި. -- ފޮޓޯ: ނިޝާން އަލީ |  މިހާރު
ފަރެސްމާތޮޑާ އެއާޕޯޓު. އެއާޕޯޓުން މިއަދުން ފެށިގެން ކޮމާޝަލް ދަތުރުތައް ވަނީ ފަށާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ އެއާޕޯޓު ހުޅުވުނު އިރު އެއީ އެ ކުންފުނި އުފެއްދި ފަހުން އެ ކުންފުނީގެ އެންމެ ބޮޑު ބައިވެރިވުން އޮތް ކުންފުންޏެވެ.

ރިޒްވީ ވިދާޅުވީ އެއާޕޯޓުތައް ހިންގުމަށް އެ ކުންފުނިން އަބަދުވެސް ތައްޔާރު ކަމަށެވެ. ފަރެސްމާތޮޑާ އެއާޕޯޓު ހުޅުވި އިރު އެތަނުގެ ހިދުމަތްތައް ވެސް ފުރިހަމައަށް ދޭން ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގެ އެއާޕޯޓުގައި ރީޖަނަލް އެއާޕޯޓުގެ 45 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރީޖަނަލް އެއާޕޯޓުތަކުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ކުންފުނީގެ ދަށުން ހިންގާ އެއާޕޯޓުތަކުގެ އިކުއިޕްމެންޓްތަކުގެ 80 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގައި ހަދާފައިވާ ވެއިޓިން އޭރިއާ. އެތަނުގައި ތިބޭ އިރު ބޯޓުން ފުރާ މީހުން އަދި ފައިބާ މީހުން ފެންނާނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފަރެސްމާތޮޑާ އެއާޕޯޓުގައި ހަދާފައިވާ ވެއިޓިން އޭރިއާ. އެތަނުގައި ތިބޭ އިރު ބޯޓުން ފުރާ މީހުން އަދި ފައިބާ މީހުން ފެންނާނެ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެ ކުންފުނިން ގެންނަ ސްކޭން މެޝިނާއި ފަޔާ ލޮރީތަކާއި އިކުއިޕްމެންޓްތަކުގެ ގޮތުގައި ގެންނަނީ މުޅިން އާ ތަކެއްޗެވެ.

ރިޒްވީ ވަނީ އިތުރު އެއާޕޯޓުތަކުގައި ނައިޓް ލޭންޑިން ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކުޅުދުއްފުއްޓާއި ހޯރަފުއްޓާއި މާވަރުލުގައި ރޭގަނޑު ދަތުރު ކުރެވޭނެ ގޮތަށް ލައިޓު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.