ދިވެހި ފުޓްބޯޅަ އަށް އޭގެ ހަގީގީ ބާރުވެރިކަން ލިބޭނީ މުޅި ރާއްޖެ ޝާމިލްވާ ގޮތަށް އެފްއޭއެމްގެ ވެރިން އިންތިހާބުކުރެވި އަދި އެފަދަ ލީގު ސިސްޓަމެއް ތައާރަފްކުރެވިގެން ކަމަށާއި، އެ އުސޫލުން އަސާސީ ގަވާއިދު ބަދަލުކޮށްގެން ބާއްވާ އިންތިހާބެއްގައި ވާދަކުރައްވަން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށް އެ އެސޯސިއޭޝަނުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލް ހާމިދު އަބްދުލްގަފޫރު ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ނިއު ރޭޑިއަންޓާއި ވިކްޓްރީ ގުޅިގެން ހުށަހަޅާފައިވާއިރު އެ މަސައްކަތުގައި ވެސް ހާމިދުގެ ދައުރެއް އެބައޮތެވެ.

ވިކްޓްރީން ހުށަހެޅި މައްސަލައިގައި ވަނީ އިންޓަރިމް ކޮމިޓީއެއް ނެގުމަށް ފަހު އަސާސީ ގަވާއިދު ބަދަލުކޮށް އާ އިންތިހާބަކަށް ދިއުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދިފަ އެވެ. އެކަމަކު އޯޑިނަރީ ކޮންގްރެސްއެއް އޮތުމުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން ފީފާ އަށް ނުފެންނާތީ، އެ ކޮންގްރެސް ނުބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

ހާމިދު ވިދާޅުވީ އެފްއޭއެމަށް ބަދަލުތަކެއް ގެންނަން ޖެހެނީ ވަރަށް އަސާސީ ހިސާބަކުން ކަމަށާއި އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު މިހާރު އޮންނަ ގޮތުން، ގައުމީ އެސޯސިއޭޝަނެއްގެ ސިފައެއް ނެތުމުން ދިވެހި ފުޓްބޯޅަ އޮންނަން ޖެހޭ ހިސާބަށް ދަތުރުނުކުރެވޭ ކަމަށެވެ.

ފީފާ އިން ހެދި ދިރާސާއަކާ ހަވާލާދީ ހާމިދު ވިދާޅުވީ ރާއްޖޭގައި ފުލް ޕޮޓެންޝިއަލްގެ 60 ކްލަބް އޮޕަރޭޓްކުރެވޭނެ ކަމަށާއި އެކަމަކު އެ ހިސާބަށް ނުދެވި އަދި އެހިސާބަށް ދިއުމަށް ފުރުސަތު ހުޅުވިފައި ނެތް ކަމަށެވެ. ރާއްޖޭގެ ފުޓްބޯޅައިގައި މަތީ ފަޑީގައި އޮތީ ވެސް އަދި ވޯޓްލުމުގެ ހައްގު އޮތް ގިނަ ކްލަބްތަކަކީ މާލެ އަށް ނިސްބަތްވާ ކްލަބްތަކެއް ކަމަށާއި ސަރުކާރުން ފުޓްބޯޅައަށް ބޮޑު ހޭދައެއްކުރާއިރު އެ ފައިސާ ބެހެން ޖެހޭނީ މުޅި ރާއްޖެ ހިމެނޭ ފުޓްބޯޅަ ސިސްޓަމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންސެޕްޓަކީ ފުޓްބޯޅަ ލާމަރުކަޒުކުރުން. ރާއްޖޭގައި 200 ޔުނިޓްސް (ރަށް) އެބައޮތް މީހުން ދިރިއުޅޭ. އޭގެ ތެރެއިން 70 ރަށެއްގައި ހަރަކާތްތެރި ކްލަބްތަކެއް އެބައޮތް. އެހެންވެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފުޓްބޯޅައިގެ ހަރަކާތްތައް ފެށީމާ ވަރަށް ބޮޑަށް ފައިދާކުރާނެ. ކޮންމެ އަތޮޅެއްގައި ފުޓްބޯޅަ ލީގެއް ބާއްވައި އޭގެ ތެރެއިން ޗެމްޕިއަނުންގެ މެދުގައި ޕްރިމިއާ ލީގު ހަގީގަތުގައި ކުޅެވެން ޖެހޭނީ. އެ ނިޒާމެއް ރާއްޖެއަކު ނެތް. ސަރުކާރާއި ފީފާ އިން އެހީވާން ތައްޔާރުގައި ތިބޭއިރު ރާއްޖެ އެބަޖެހޭ އެ ދިމާލަށް ދަތުރުކުރަން،" ހާމިދު ވިދާޅުވި އެވެ.

އެފްއޭއެމުން އަންނަނީ 2015 ވަނަ އަހަރުން ފެށިގެން މިނިވަން ޗެމްޕިއަންޝިޕުގެ ނަމުގައި މުޅި ރާއްޖެ ޝާމިލްވާ ގޮތަށް މުބާރާތެއް ބާއްވަމުންނެވެ. އަތޮޅު ޗެމްޕިއަނުން ހޮވައި ޒޯން މުބާރާތް ބާއްވައި ޒޯން ޗެމްޕިއަނުންގެ މެދުގައި ބާއްވާ ފައިނަލް ބުރުގެ ގަދަ ހަތަރު ޓީމަށް މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ދިނެވެ. އެކަމަކު މާލީ ގޮންޖެހުންތަކާ ހެދި ބައެއް ޓީމުތަކުން ހަމައެކަނި ނަމެއްގައި ވާދަކުރީ އެވެ. އެފްއޭއެމްގެ ވިސްނުން ހުރީ މުސްތަގުބަލުގައި ހޯމް އެންޑް އަވޭ އުސޫލެއް ތައާރަފްކުރުމެވެ.

ހާމިދު ވިދާޅުވީ ފުޓްބޯޅައިގައި އޮންނަން ޖެހޭނެ އުސޫލަކީ ހޯމް އެންޑް އަވޭކޮށް މެޗުތައް ކުޅުން ކަމަށާއި ރާއްޖޭގައި ދަތުރުފަތުރުކުރުން ކުރިއާ ބަލާއިރު ފަސޭހަވުމާ އެކު، ވަސީލަތްތައް ގާއިމްކުރެވިއްޖެ ނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.

"ޒާހިރު ހުސެއިންގެ ވަޒީރުކަމުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ދަނޑުތަކެއް ވަނީ ގާއިމްކުރައްވާފައި. ސ. ހިތަދޫ އާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގައި އެއޮތީ އެކަށީގެންވާ އަދަދަކަށް މީހުންނަށް ވަދެވޭ ވަރުގެ ދަނޑުތަކެއް. އެފަދަ އިންފްރާސްރަކްޗާތައް ގާއިމްކުރުމަށް ފަހު، އެބަޖެހޭ ހޯމް އެންޑް އަވޭ އުސޫލުން ކުރިއަށްގެންދަން. މުޅި ރާއްޖެ ޝާމިލްނުކޮށް ފުޓްބޯޅަ ކުރިއަރާނެ ގޮތެއް ނެތް،" ހާމިދު ވިދާޅުވި އެވެ.

ރާއްޖެ މިވަގުތު 18 އަތޮޅާއި ތިން ސިޓީ އަށް ބެހިފައިވާއިރު އެކަށީގެންވާ އާބާދީއެއް އޮތުމާ އެކު އަތޮޅު ފެންވަރުގައި ލީގެއް ފެށިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަން ޗެމްޕިއަންޝިޕާ އެކު ކޮންމެ ރަށަކީ ޓީމެއްގެ ގޮތުގައި އެފްއޭއެމުން ކަނޑައެޅި އެޅުން ބަލައިގަންނަ ކަމަށާއި އެކަމަކު ހަގީގީ ފައިދާކުރާނީ ކައުންސިލުގެ ބެލުމުގެ ދަށުގައި އޮންނަ ޓީމެއްގެ ބަދަލުގައި ކޮމިއުނިޓީ ކްލަބްތަކެއް އުފެދިގެން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ބައެއް ރަށްރަށުގައި އެބައޮވޭ ތިން ހަތަރު ކްލަބް ވެސް. އެ ކްލަބްތަކުގެ މެދުގައި ޕްރީ ކޮލިފިކޭޝަނެއް ބާއްވައި އޭގެ ތެރެއިން ކުރި ހޯދާ ޓީމަކަށް އެ ރަށުގެ ފްރެންޗެއިސް ލިބެން ޖެހޭނީ. އެ ރަށް ތަމްސީލްކުރާނީ އެ ކްލަބް. އޭގެ ފަހުން އަތޮޅު ލީގުގައި ވާދަކޮށް ޗެމްޕިއަންކަން ހޯދުމުން ރާއްޖޭގެ ބޮޑު ލީގުގައި ވާދަކުރަން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

ޔުވެންޓަސް އަށް ފުރަތަމަ ޑިވިޝަނުގައި ކުޅުމަށް ފަހު އަށްޑިހައިގެ ފަހުކޮޅުން ފެށިގެން އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމް ފުރުއްވި ހާމިދު ފަހުން މަސައްކަތްކުރެއްވީ ކުޅިވަރާ ބެހޭ މިނިސްޓްރީގަ އެވެ. އަދި އޭނާ އެ ޕާޓީއެއްގައި އިސްކޮށް މަސައްކަތްކުރައްވާ އެމްޑީޕީގެ ސަރުކާރުގައި 2008 ވަނަ އަހަރު ކުޑަދުވަސްކޮޅަކުއެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އެވެ. އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކަ އެވެ.