ނޭހާ ކައްކަރު ލަވަކިޔުން ހުއްޓާލައި ދާއިރާއާ ދުރަށް ދާން ނިންމައި އެކަން މިއަދު އިއުލާންކޮށްފި އެވެ. 

ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ އިންސްޓަގްރާމް ސްޓޯރީގައި ކުރި ޕޯސްޓެއްގައި ބުނީ މިއުޒިކީ ދާއިރާއިންނާއި "ޕަބްލިކް ލައިފް" އިން އޭނާ ބްރޭކެއް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި ދާއިރާއަށް އެނބުރި އަންނާނެ ކަން ޔަގީން ނޫން ކަމަށް އޭނާ ބުންޏެވެ. 

މިވަގުތު އޭނާގެ ބޮލުގައި އެޅިފައިވާ ޒިންމާތަކާއި ގުޅުންތަކާ އަދި އެހެނިހެން ކަންކަމުން ދުރުވެ، އަމިއްލަ ނަފުސަށް ވަގުތު ދޭން  ބޭނުންވާ ކަމަށް ނޭހާ ބުންޏެވެ.

"އެނބުރި އަންނާނީ ކޮންއިރަކު ކަމެއް ނުވަތަ ދެން އެނބުރި އަންނާނެ ކަމެއްވެސް ޔަގީނެއް ނޫން،" ނޭހާ ބުންޏެވެ.

ނޭހާ ވަނީ ފޮޓޯގްރާފަރުންނާއި ޕަޕަރާޒީން އަދި ފޭނުން ވެސް އޭނާގެ ފޮޓޯ އާއި ވީޑިއޯ ނުނެގުމަށް އެދިފަ އެވެ.

އޭނާގެ އަމިއްލަ މިނިވަންކަމަށް އިހުތިރާމް ކުރުމަށާއި ހިތްހަމަޖެހިގެން ދިރިއުޅުމަށް ފުރުސަތު ދިނުމަށް ވެސް ނޭހާ އެދިފައިވެ އެވެ.

ނޭހާ ލަވަކިޔުން ހުއްޓާލައި ބްރޭކެއް ނަގާއިރު، އޭނާ އާއި އޭނާގެ ބޭބެ ޓޯނީ ކައްކަރު މިދިޔަ މަހު ނެރުނު "ކޭންޑީ ޝޮޕް" ލަވައަށް ގިނަ ބަޔަކު ފާޑުކިޔާފައިވެ އެވެ. 

އެ ލަވައިގެ ވިޝުއަލްސް އާއި ހެދުން އެޅުމުގެ ވައްޓަފާޅި އަދި މޭކަޕް ހުރި ގޮތުން އެއީ ދެކުނު ކޮރެއާގެ މަޝްހޫރު ބޭންޑްތައް، ހާއްސަކޮށް "ބްލެކްޕިންކް" ކޮޕީކުރަން އުޅެ ނާކާމިޔާބުވެފައިވާ "ޗީޕް" މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި އެވެ.

ލަވައިގެ ބަސްމަގާއި ބޭނުންކޮށްފައިވާ ބައެއް ޑާންސް ސްޓެޕްތަކަކީ ބަލަން އެކަށީގެންނުވާ ނުވަތަ ބަދުއަހުލާގީ ކަންކަމަށް ހިތްވަރުދޭ ކަންތައްތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔެވެ. އެ މައްސަލައިގައި އިންޑިއާގެ ޕަންޖާބުގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ކޮމިޝަނަށް ބަޔަކު ޝަކުވާ ވެސް ހުށަހެޅި އެވެ.

މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި، ނޭހާ ދާއިރާއާ ދުރަށް ދާން ނިންމި މައިގަނޑު އެއް ސަބަބަކީ ވެސް އެ ލަވައާ ގުޅިގެން އޭނާއަށް އަމާޒުވި ފާޑުކިޔުންތަކެވެ.