އުދޭ ޗޯޕްޅާ ކައިވެނި ކުރަން ބޭނުން ނޫން ކަމަށް ބުނެ ވަޓްސްއަޕުން "އިޓްސް އޯވާ" އޭ ބުނެ ކުރި މެސެޖަކުން ބަތަލާ ނަގްރިިސް ފަޚްރީއާ ގުޅުން ކަނޑާލުމުން ބޮލީވުޑް ދޫކޮށް ނަރްގިސް ދިޔަ ކަމަށް ބުނާ ވާހަކަ އުދޭ ދޮގުކޮށްފި އެވެ.

"ދޫމް" ސީރީސްގައި އަލީގެ ރޯލް ކުޅޭ އުދޭ، 43، އާއި ނަރުގިސް، 36، ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވުނަސް އެކަމާ އެ ދެ މީހުން މިހާތަނަށް އެއްބަހެއް ނުވެ އެވެ.

އެކަމަކު ދެ މީހުންގެ ޓްވިޓާ ހާވާލައިފި ނަމަ، ރައްޓެހިކަމަށް ވުރެ ގާތް ގުޅުމެއް އޮންނަ ކަމަށް ގަބޫލުކުރެވެ އެވެ. އަދި އެކުގައި ދެ މީހުން ޗުއްޓީ ހޭދަކުރަން ވެސް ދޭތެރެ ދޭތެރެ އިން ތަންތަނަށް ދެ އެވެ. އެގޮތުން 2013 ވަނަ އަހަރު ރާއްޖެ އަށް ވެސް އުދޭ އާއި ނަރްގިސް އައިސްފައިވެ އެވެ.

އުދޭ ކައިވެނި ކެންސަލް ކުރި ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން އޭނާ ބުނީ ނަރުގިސްއަކީ އަދިވެސް އޭނާގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. ކުރިން އޮތް ގުޅުން އަދިވެސް އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

އުދޭ ބުނީ މީޑިއާތަކުން ފަތުރާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

ނަރްގިސް މުހިއްމު ރޯލެއް ކުޅެފައިވާ "އަޒްހަރް" މިދިޔަ ހުކުރު ދުވަހު ރިލީޒް ކުރި އިރު، ފިލްމުގެ ޕްރޮމޯޝަނަލް ހަރަކާތްތައް ދިޔައީ ވަރަށް ބާރަށް ކުރިއަށް ގެންދަމުންނެވެ.

ނަރްގިސް: ފިލްމީ މަސައްކަތް ދޫކޮށް މިހާރު އޭނާ ހުރީ އެމެރިކާގައި.
ނަރްގިސް: ފިލްމީ މަސައްކަތް ދޫކޮށް މިހާރު އޭނާ ހުރީ އެމެރިކާގައި.

އަދި އަންނަ މަހު ރިލީޒް ކުރާ "ހައުސްފުލް 3" ގެ ޕްރޮމޯޝަން ވެސް މެކުހަށް ޖަހާފައިވާ އިރު، މިއިން ފިލްމެއް ޕްރޮމޯޓް ކުރުމުގައި ބައިވެރިވާކަށް ނަރްގިސް އިންޑިއާ އަކު ނެތެވެ. އޭނާ މިހާރު ހުރީ އުޅެ ބޮޑުވި ނިއުޔޯކްގަ އެވެ. އުދޭގެ ދިރިއުޅުން ވެސް ބިނާވެފައި ވަނީ އެމެރިކާގަ އެވެ.

ނަރުގިސްގެ ތަރުޖަމާން ބުނީ އޭނާ ކުއްލި ގޮތަކަށް އެމެރިކާ އަށް ދިޔައީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އެއްފަހަރާ ގިނަ ފިލްމުތަކެއްގައި ބިޒީކޮށް އުޅެން ޖެހުމުން ނަރުގިސް ވަރަށް ބޮޑަށް ބަލިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަރްގިސް ފުރައިގެން ދިޔަ އިރު ޝޫޓިން ވެސް ނުނިމި އޮތް ފިލްމެއް އެބަ އޮތެވެ. އެއީ ރިތޭޝް ދޭޝްމުކާ އެކު ކުޅޭ "ބަންޖޯ" އެވެ.

އުދޭއަކީ މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ހަގު ފިރިހެން ދަރިފުޅެވެ. އުދޭގެ ބޭބެ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާއަކީ ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.