ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ އެކުއަތެލޯން މުބާރާތް، ގައުމީ ދިގު ފެތުމުގެ މުބާރާތާ އެއް ހަފުތާ ބަންދެއްގައި، ޖުލައި 21 ވަނަ ދުވަހު ކ. ދިއްފުށީގައި ބާއްވަން ނިންމައިފި އެވެ.
އެކުއަތެލޯން އަކީ ފެތުމާއި ދުވުން ހިމެނޭ އިވެންޓެކެވެ. ގައުމީ ފެންވަރުގައި ބާއްވާ އެކުއަތެލޯން ފުރަތަމަ މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް ކެޓަގަރީ ހިމެނޭ ސަބް ހަ ކެޓަގަރީ އޮންނާނެ އެވެ.
އިންޑިވިޖުއަލް ބައިގެ ހިމެނޭ ގައުމީ ކެޓަގަރީ 14 އަހަރުން މައްޗަށް ހުޅުވާލާފައިވާއިރު އޭގައި އޮންނާނީ 2.5 ކިލޯމީޓަރަށް ދުވުމާއި އެއް ކިލޯމީޓަރު ފެތުން އަދި 2.5 ކިލޯމީޓަރުގެ ދުވުމެވެ. ޖޫނިއާ ކެޓަގަރީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްފައިވާއިރު އޮންނާނީ 1.5 ކިލޯމީޓަރު ދުވުމާއި 750 މީޓަރު ފެތުން އަދި 1.5 ކިލޯމީޓަރު ދުވުމެވެ. ކިޑްސް އެކުއަތެލޯން 10 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލާފައި އޮންނައިރު މި ކެޓަގަރީގެ ބައިވެރިން ޖެހޭނީ 200 މީޓަރަށް ފެތުމަށް ފަހު 500 މީޓަރަށް ދުވާށެވެ.
ޓީމް ބައިގައި ފުރަތަމަ ކެޓަގަރީ ހުޅުވާލާފައިވަނީ 10 އަހަރާއި 14 އަހަރާ ދެމެދަށެވެ. ޖެހޭނީ ފުރަތަމަ 2.5 ކިލޯމީޓަރު ދުވުމަށް ފަހު އެއް ކިލޯމީޓަރަށް ފަތާފައި އަނެއްކާ ވެސް 2.5 ކިލޯމީޓަށް ދުވާށެވެ. ޖޫނިއާ ޓީމް ކެޓަގަރީ ވެސް އޮތީ ހަމަ އެ އުމުރުފުރާއަށެވެ. އެކަމަކު މި ކެޓަގަރީގައި ޖެހޭނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރަށް ފަތާފައި އަނެއްކާ ވެސް 1.5 ކިލޯމީޓަރު ދުވާށެވެ. ޓީމް ބައިގައި ދެން އޮންނާނީ ފެމިލީ ކެޓަގަރީ އެވެ. ދެ ޖިންސުގެ ބައިވެރިންނަށް ޓީމް ހަދައިގެން ބައިވެރިވެވޭއިރު އުމުރުފުރާއަކީ 10 އަހަރުން މައްޗެވެ. މި ކެޓަގަރީގައި އޮންނާނީ 2.5 ކިލޯމީޓަރު ދުވުމާއި އެއް ކިލޯމީޓަރު ފެތުމާއި 2.5 ކިލޯމީޓަރު ދުވުމެވެ. މި ކެޓަގަރީގައި ފިޔަވައި އެހެން ހުރިހާ ކެޓަގަރީއެއްގައި ވެސް އަންހެން، ފިރިހެން އޮންނާނީ ވަކިންނެވެ.
ގައުމީ ދިގު ފެތުމުގެ މުބާރާތް ޖުލައި 20 ވާ ހުކުރު ދުވަހު އޮންނައިރު ޖެހިގެން އަންނަ ހޮނިހިރު ދުވަހު އެކުއަތެލޯން މުބާރާތް އޮތުމުގެ ސަބަބުން ގިނަ ބަޔަކަށް ދެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި ހަފުތާ ބަންދެއްގައި އާއިލާއާ އެއްކޮށް ދިއްފުށްޓަށް ގޮސް މުބާރާތެއްގައި ވާދަކޮށްލެވި ޗުއްޓީއެއް ހޭދަކޮށްލަން ފުރުސަތު ލިބިގެންދާނެ އެވެ.
ދެ މުބާރާތް ވެސް ރާވައި އިންތިޒާމްކުރުމުގައި ސްވިމިން އެސޯސިއޭޝަނާ އެކު އެސޯސިއޭޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މާލޭ ފިޓްނަސް ކްލަބެވެ. މިއީ ރާއްޖޭގައި ދިގު ރާސްތާ ފެތުން ޕްރޮމޯޓްކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރާ މަސައްކަތެކެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޫން 21 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާ ހަމަޔަށެވެ. އެސޯސިއޭޝަނަށް ފޯމް ހުށަހަޅަން ޖެހޭއިރު ފޯމް ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ.