ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ އެކުއަތެލޯން މުބާރާތުގެ ޗެމްޕިއަންކަން ޖޫނިއާ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި އައިމިނަތު އިރަމް ސަލީމް ހޯދައިފި އެވެ. އުމުރުން 14 އަހަރުގެ މި ދެ ކުދިން ވަނީ ފުރަތަމަ އެކުއަތެލޯން ޗެމްޕިއަން ކަމާ އެކު ތާރީހުން ޖާގަ ހޯދައިފަ އެވެ.
ކ. ދިއްފުށީގައި ކުރިއަށްދިޔަ މި މުބާރާތުގެ އެކި ކެޓަގަރީތަކުގައި 100 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރި އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި މި ބޭއްވުނު އެކުއަތެލޯން އަކީ ފެތުމާއި ދުވުން ހިމެނޭ އިވެންޓެކެވެ. މި މުބާރާތުގައި އިންޑިވިޖުއަލް އަދި ޓީމް ކެޓަގަރީ ހިމެނޭ ސަބް ހަ ކެޓަގަރީ ކުރިއަށް ދިޔަ އެވެ.
މިއަދު ކުރިއަށްދިޔަ މި މުބާރާތުގެ އެންމެ ފޯރިގަދަވީ 14 އަހަރުން މައްޗަށް ހުޅުވާލާފައިވާ އިންޑިވިޖުއަލް ކެޓަގަރީ އެވެ. މި ބައިގައި އޮތީ 2.5 ކިލޯމީޓަރަށް ދުވުމާއި އެއް ކިލޯމީޓަރު ފެތުން އަދި 2.5 ކިލޯމީޓަރުގެ ދުވުމެވެ. މި ބައިގެ އަންހެން ބައިގެ ޗެމްޕިއަންކަން އިރަމް ހޯދިއިރު، ދެ ވަނަ އަށް ދިޔައީ އައިޝަތު ހުލްވާ ހުލައިލް އެވެ. އަދި ތިން ވަނަ ހޯދީ އަންމާއު އަހުމަދު ސަލީމް އެވެ.
ފިރިހެން ބައިގެ އެއް ވަނަ ހޯދީ އާން އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރީ ހުސެއިން މުބާހު އެވެ. ތިން ވަނަ އަށް ދިޔައީ އަހުމަދު އައްޒާން ޒާހިދު އެވެ. ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ މި ކުދިން ވަނީ އިއްޔެ ގައުމީ ދިގު ފެތުމުގެ މުބާރާތުގައި ވާދަކޮށްފަ އެވެ. އަދި އެ މުބާރާތަށް 24 ގަޑިއިރު ވެސް އެއްކޮށް ހަމަ ނުވަނީސް މި ކުދިން ކުރިމަތިލީ މުޅިން އާ ޗެލެންޖަކަށެވެ. އަދި ފާހަގަކޮށްލެވޭ ކާމިޔާބެއް ހޯދި އެވެ.
އިރަމް އާއި އާން އަކީ ފެތުންތެރިން ކަމަށްވުމުން އެންމެ އުނދަގޫ ކަމަކަށް ދިމާވީ ދުވުމުގެ ބައިގަ އެވެ. ދުވުމަކުން ފަށާފައި ރަނގަޅަށް ވޯމްއަޕް ވެފައި ހުރެ، އަނެއްކާ ފަތަން ޖެހުމުން ދެ ކުދިންނަށް ވެސް އޭގެ ފައިދާ ނެގުނެވެ. އެހެން ނަމަވެސް އަލުން ދުވަން ޖެހުމުން ދެ ކުދިންގެ ފަރާތުން ވެސް ވަރުބަލިކަން ފެނިގެންދިޔައިރު، ރޭސް ނިންމީ ވަރަށް ހިތްވަރާ އެކު އެވެ.
ޖޫނިއާ ކެޓަގަރީ 10 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްފައިވާއިރު، މި ބައިގައި ޖެހުނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރު ފެތުން އަދި 1.5 ކިލޯމީޓަރު ދުވުމެވެ. މި ބައިގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއިރު، ޖޫނިއާ ފިރިހެން ޗެމްޕިއަނަކީ އަހުމަދު އަލާން އަލީ އެވެ. ދެ ވަނަ އަށް ޔޫސުފް ނުހައިކް ނަސީމް ދިޔައިރު، ތިން ވަނަ ހޯދީ ހުސެއިން އަލްސަން މުހައްމަދު އެވެ.
ޖޫނިއާ އަންހެން ޗެމްޕިއަނަކީ ފާތިމަތު އީޝަލް އައްސަދު ހަނީފް އެވެ. ދެ ވަނަ އަށް ޒައިނަބު އަބްދުﷲ ޝަފީގް ހޮވުނުއިރު، ތިން ވަނަ އަށް ދިޔައީ ޖުމައިރާ އައިމިނަތު އާމިރް އެވެ.
ސީނިއާ ޓީމް ބައިގައި ފުރަތަމަ ކެޓަގަރީ ހުޅުވާލާފައިވަނީ 10 އަހަރާއި 14 އަހަރާ ދެމެދަށެވެ. ޖެހޭނީ ފުރަތަމަ 2.5 ކިލޯމީޓަރު ދުވުމަށް ފަހު އެއް ކިލޯމީޓަރަށް ފަތާފައި އަނެއްކާ ވެސް 2.5 ކިލޯމީޓަށް ދުވާށެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޝަހުދާން ޝަހީމް އާއި އަބްދުލް ރަޝީދު އިސްމާއިލް އަދި އިބްރާހިމް މައިޝާން ޝަމީމްގެ ޓީމެވެ. ދެ ވަނަ އަށް ދިޔައީ މުހައްމަދު ނިހާމް، އަހުމަދު ޝާވީ ރާފިއު އަދި ހުސެއިން ހާއިޝް ހަަސަންގެ ޓީމެވެ. ތިން ވަނަ ހޯދީ މުހައްމަދު މާން ހާމިދު، އިސްމާއިލް ގައިޝް ބަދީއު އަދި ޔޫސުފް އަހުމަދުގެ ޓީމެވެ.
ޖޫނިއާ ޓީމު ބައިގައި ޖެހުނީ 1.5 ކިލޯމީޓަރު ދުވުމަށް ފަހު 750 މީޓަރަށް ފަތާފައި އަނެއްކާ ވެސް 1.5 ކިލޯމީޓަރު ދުވާށެވެ. މި ބައިގެ ޗެމްޕިއަންކަން ހޯދީ އަބްސަލް އަބްދުﷲ އާދަމް އާއި އިފްޒާލް އިބްރާހިމް މަހްފޫޒްގެ ޓީމެވެ. ދެ ވަނަ އަށް ދިޔައީ ޔޫސުފް ހަލީލް އަބްދުﷲ އާއި އަހުމަދު މާއިން މޫސާގެ ޓީމެވެ. އަދި ތިން ވަނަ އަށް ދިޔައީ އިބްރާހިމް މާދު ސާޖިދާއި މުހައްމަދު ޝަމްހާން ފަޔާޒްގެ ޓީމެވެ.
ކިޑްސް އެކުއަތެލޯން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ދިޔައިރު، މި ބައި ދިޔައީ ސަޕޯޓަރުންގެ މެދުގައި ވަރަށް ފޯރިގަދަ ކޮށެވެ. ވަނައެއް ނުހޮވި ނަމަވެސް ކުދިންނަށް ހިތްވަރު ދިނުމުގައި މި އިވެންޓުގައި އުޅުނު ހުރިހާ ފަރާތްތަކުން ބައިވެރިވި އެވެ. އަދި ގިނަ ކުދިން އިވެންޓް ނިންމާލިއިރު، މެޑަލް ލިބުމުގެ އުފަލުގެ އިތުރުން ގިނަ ބަޔެއްގެ ސަޕޯޓް ލިބުމުގެ ހިތްހަމަ ޖެހުން ވެސް އެ ކުދިންގެ މޫނުމަތިން ފެނުނެވެ.
މި މުބާރާތުގައި ހިމެނޭ ބައެއް ކެޓަގަރީތަކުގައި ޓީމުތަކުންނާއި އެތުލީޓުން ވާދަކުރި ނަމަވެސް އެކަށީގެންވާ ވަރަށް ޓީމުތަކުން ބައިވެރިނުވާތީ ވަނަ ނުހޮވަ އެވެ. އޭގެ ތެރޭގައި އަންހެން ޓީމު އިވެންޓާއި ފެމިލީ އިވެންޓް ބައި ހިމެނެ އެވެ.
ފުރަތަމަ ފަހަރަށް ކުރިއަށް އެކުއަތެލޯންގައި ފެތުމުގެ އިތުރުން ދުވުމުގެ މަގުބޫލު މޫނުތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އެ ގޮތުން ބައިނަލްއަގްވާމީ އެތުލީޓެއް ކަމަށްވާ ސްޕެއިނުގެ ރީސްޒާޑް މަޖޫސްކީގެ އިތުރުން ދިރާގު ރޯޑް ރޭހާއި ރެޑްބުލް ކެޗް ދަ ފެރީ ރޭހުގައި ރަނގަޅު ވަނަަތަކެއް ހޯދި ސްރީ ލަންކާގެ ޕެޓްރީޝިއާ ޑޮރީން ގޯމޭޒާއި ރާއްޖޭގެ މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް ބައިވެރިވި އެވެ.
ހަފްތާ ބަންދުގައި ފެތުމުގެ ބޮޑު ދެ ހަރަކާތެއް ދިއްފުށީގައި ބޭއްވިއިރު، ބައެއް އިވެންޓްތައް ކުރިއަށްދިޔައިރު ވާރޭ ވެސް ވެހުނެވެ. އެހެން ނަމަވެސް މުބާރާތް އިންތިޒާމް ކުރުމުގައި އުޅުނު ސްވިމިން އެސޯސިއޭޝަނާއި މާލެ ފިޓްނަސް ކްލަބުން ވަނީ މުބާރާތުގެ ކަންތައްތައް ޝެޑިއުލަށް ގެންދިއުމަށް ހުރިހާ ގޮތަކުން މަސައްކަތް ކޮށްފަ އެވެ.
މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި މުބާރާތުގައި ވާދަކުރި ހުރިހާ ކުދިންނަށް ބައިވެރިވި ކަމުގެ ލިޔުން ހަވާލުކުރި އެވެ. އަދި ވަނަތަކަށް ދިޔަ ކުދިންނަށް ވައުޗަރާއި ފައިސާގެ އިނާމް ހަވާލު ކުރުން އޮތެވެ.
މޯލްޑިވް ގޭސް އިން ސްޕޮންސަކުރި ދިގު ފެތުމުގެ ގައުމީ މުބާރާތާއި ފުރަތަމަ އެކުއަތެލޯން މުބާރާތް ފުރިހަމަ ކަމާ އެކު ނިންމާލެވުމުން އެކަމަށްޓަކައި ގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބުނު ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުއްސައްތާރު ދެއްކެވި ވާހަކައިގައި ވަނީ ފާހަގަކުރައްވައިފަ އެވެ.
"ދިއްފުއްޓަށާއި ސްޕޮންސަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން އަޅުގަނޑު ބޭނުން. އެއީ މި ފަދަ ކަމެއް މިހާ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވީތީ. ދެން އަޅުގަނޑުމެންގެ ސްވިމިން ކޮމިއުނިޓީ އަށް ވެސް ވަަރަށް ބޮޑު ޝުކުރެއް އަދާކުރަން. ދެން ހުރިހާ ކުދިން ކުރި ހިތްވަރު ހަގީގަތުގައި މިއީ ސްވިމިން އަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް. ހަގީގަތުގައި 10 އަހަރުން ދަށުގެ ކުދިން ވެސް އެ ދެއްކި ހިތްވަރު ފެނިފައި އަޅުގަނޑަށް ވެސް ހިތްވަރު ލިބިއްޖެ،" މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ސައްތާރު ވިދާޅުވި އެވެ.
ބޮޑު ދެ މުބާރާތް އެއް ހަފުތާ ބަންދެއްގައި މާލެ ކައިރި ރަށެއްގައި އޮތުމުން ގިނަ ބަޔަކަށް ދެ އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އަދި ހަފުތާ ބަންދެއްގައި އާއިލާއާ އެއްކޮށް ދިއްފުށްޓަށް އައިސް މުބާރާތެއްގައި ވާދަކޮށްލެވި ޗުއްޓީއެއް ހޭދަކޮށްލަން ފުރުސަތު ލިބުމުން ގިނަ ބަޔަކަށް އޭގެ ހިތްހަމަ ޖެހުން ލިބުނެވެ.
މުބާރާތް ރާވައި އިންތިޒާމްކުރުމުގައި ސްވިމިން އެސޯސިއޭޝަނާއި މާލޭ ފިޓްނަސް ކްލަބަށް މި މުބާރާތަކީ އުއްމީދީ ފެށުމެކެވެ. މިއީ ރާއްޖޭގައި ދިގު ރާސްތާ ފެތުން ޕްރޮމޯޓްކުރުމަށް ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރި ފުރަތަމަ ބޮޑު މަސައްކަތެވެ. މުސްތަގުބަލުގައި މި ފަދަ ބޮޑު އިވެންޓްތަކެއް ހިންގުމަށް ވަނީ ރޭވިފަ އެވެ.