ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ބުދަ ދުވަހުގެރޭ ކިންގްސް ބާސްކެޓްބޯލް އަތުން ޓީރެކްސް ބާސްކެޓްބޯލް ކްލަބް 82-75 ބަލިވި ނަމަވެސް އެ މެޗުގައި ޓީރެކްސްގެ އަހުމަދު ޒަބީރު (ޒަބީ) ވައްޓާލި ތިން ޕޮއިންޓަށް ތައުރީފް އޮހިއްޖެ އެވެ.

އެ މެޗުގެ ފުރަތަމަ ކުއާޓަރު ނިމެން ސިކުންތުކޮޅެއް ހުއްޓާ ޒަބީރު ތިން ޕޮއިންޓުގެ ސްކޯއެއް ކުރީ އަމިއްލަ ހާފުގެ ތެރޭ ހުރެ، ބާސްކެޓާ 65 ފޫޓެއްހާ ދުރުންނެވެ. މިއީ ރާއްޖޭގެ ބާސްކެޓްބޯޅަ މެޗެއްގައި އެންމެ ދުރުން ސްކޯކުރި ތިން ޕޮއިންޓަށް ވާނެ އެވެ. އެއީ އެ ތިން ޕޮއިންޓް ހާއްސަވާ އެއް ސަބަބެވެ. އަނެއް ސަބަބަކީ އެއީ ބަޒާ ބީޓާކަށް ވުމެވެ. ބާސްކެޓްބޯޅައިގައި ބަޒާ ބީޓާ އަކީ ކުއާޓަރެއް ނިމިނިމި އޮއްވާ ފަހު ސިކުންތުކޮޅުގެ ތެރޭގައި ވައްޓާލާ ޕޮއިންޓެވެ. އާއްމުކޮށް އެފަދަ ޕޮއިންޓްތައް އަޅަން ބޯޅަ ދުރުން ހޫރާލާނީ ބަލިވެފައި އޮންނަ ވަގުތު، ފަހު ސިކުންތުކޮޅުގެ ތެރޭގައި ނަތީޖާ އަނބުރާލެވޭތޯ ބަލަން ޕޮއިންޓެެއް ވެއްޓޭތޯ ބެލުމަށެވެ. އެ މެޗުގައި ކަންވީ ވެސް އެހެންނެވެ. ޒަބީ ވައްޓާލި ބަޒާ ބީޓާއާ އެކު ފުރަތަމަ ކުއާޓަރު ނިމިގެން ދިޔައީ 16-30 އިން ޓީރެކްސް ކުރީގައި އޮވެގެންނެވެ. އެ ވަގުތު ޓީރެކްސްގެ ބެންޗުގައި ތިބި ކުޅުންތެރިންނާއި އެ ޓީމުގެ އޮފިޝަލުން އައިސް ޒަބީއާ އެކު ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.

މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްގެ އިތުރުން ކުޅިވަރުގެ ގިނަ ފަރާތްތަކުން އަންނަނީ ޒަބީގެ މި ހާއްސަ ތިން ޕޮއިންޓަށް ތައުރީފުކުރަމުންނެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު ޒިލާލްގެ ކޮއްކޮ ޒަބީ ވަނީ ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި އޭނާ ވަނީ 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ފެށިގެން މިހާތަނަށް ރާއްޖޭން ވާދަކުރި ބައިނަލްއަގްވާމީ ހުރިހާ ބާސްކެޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ޓީމުގައި ހިމެނިގެން މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލީ ވެސް ޒަބީ އެވެ.

ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ ފަރާތުން މޮޅު ކަންތައްތަކެއް މީގެ ކުރިން ވެސް ފެނިގެންދިޔަ އެވެ. އެ ގޮތުން ރާއްޖޭގެ އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު އަމިއްލަ އޭރިއާ ތެރޭގައި ހުރެފައި ޖެހި ބޯޅައެއް ގޯލަށް ވައްދާލި އެވެ. އަދި އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) މޮޅު އުކުޅަކާ އެކު ވެއްޓިގެންފައި ޖެހި ޕެނަލްޓީއަށް ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ވެސް ހުއްޓުނެވެ.