އަހުލާގީ މައްސަލައަކާ ގުޅިގެން ނިއު ރޭޑިއަންޓުން އެ ޓީމުގެ ވައިސް ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ސަސްޕެންޑްކޮށްފި އެވެ.
ނިއު އިން ބުނީ ރިލޭ ސަސްޕެންޑްކުރީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާތީ އާއި އެހެން ކުޅުންތެރިން ފަރިތަކުރުންތަކުގައި ބައިވެރިވުމަށް ހުރަސް އަޅަމުންދާ ކަމުގެ ޝަކުވާ މެނޭޖްމަންޓަށް ލިބިފައިވާތީ ކަމަށެވެ.
މީގެ އިތުރުން ކްލަބުގެ އަގުވެއްޓޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަދައްކައި ކްލަބުގެ ކުޅުންތެރިންގެ މެދުގައި ފިތުނަރުވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކަމުން އަންނާތީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ނިއު އިން ބުނެ އެެވެ.
މުސާރަ ނުދޭތީ ނިއުގެ ކުޅުންތެރިން މިދިޔަ ހަފުތާގައި ޕްރެކްޓިހަށް ދިއުން ހުއްޓާލި އެވެ. އެކަމަކު މުސާރަ ދިނުމާ އެކު ޕްރެކްޓިހަށް ކުޅުންތެރިން ނުކުންނަން ފެށި އެވެ.
ނިއުއާ 2012 ވަނަ އަހަރު ގުޅުނު ރިލްވާންގެ ކޮންޓްރެކްޓް އެ ކްލަބުން އަހުލާގީ މައްސަލައަކާ ގުޅިގެން 2014 ވަނަ އަހަރު ވެސް އުވާލި އެވެ. އެ އަހަރު މާޒިޔާ އަށް ކުޅުމަށް ފަހު އެނބުރި ނިއުއަށް އައީ މިދިޔަ އަހަރެވެ.
ކްލަބް ވެލެންސިއާ އިން ތައާރަފްވި ކުޅުންތެރިޔާ އަކީ ކުރިން ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުން އައި ކުޅުންތެރިއެކެވެ. އެކަމަކު ފަހަކަށް އައިސް ޓީމުން އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.