ޕްރޮމޯޝަން ނުދެވޭތީ އާއި ކުރިއެރުމުގެ ފުރުސަތު ނެތުމުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިވާ ކަމަށް އޭސީސީން ބުނެފި އެވެ.
ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ މެންބަރު އަލީ އަޝްރަފް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 24 މުވައްޒަފުން ވަކިވެފައިވާ ކަމަށެވެ.
އޭސީސީގެ ގަވައިދު ބުނާ ގޮތުން ކޮންމެ ދެ އަހަރަކުން މުވައްޒަފުންނަށް ޕްރޮމޯޝަން ދޭން ޖެހެ އެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރުގެ ފަހުން އެ އިދާރާގެ އެއްވެސް މުވައްޒަފަކަށް ޕްރޮމޯޝަން ދީފައެއް ނުވެ އެވެ. އޭސީސީން މި އަހަރު ވަނީ 22 މުވައްޒަފަކަށް ޕްރޮމޯޝަން ދޭން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިފަ އެވެ. އެހެން ނަމަވެސް އެކަން އެ މިނިސްޓްރީން އެޕްރޫވްކޮށްދީފައި ނުވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
"މީގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވަކިވެއްޖެ. މި ވަގުތު ތިބީ އެންމެ ނުވަ މުވައްޒަފުން ޕްރޮމޯޝަން ލިބޭ. ބާވީސް މުވައްޒަފުންގެ ތެރެއިން ނުވަ މުވައްޒަފުން މިތިބީ،" އޭނާ ވިދާޅުވި އެވެ.
އޭސީސީގެ މައިގަނޑު އެއް މަސައްކަތަކީ އިންވެސްޓިގޭޝަން މަސައްކަތްތައް ކަމަށްވާ އިރު ރަނގަޅު ތަޖުރިބާހުރި މީހަކަށް ވުމަށް ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އޭސީސީން މުވައްޒަފުން ވަކިވާ އަދަދު 30 ޕަސެންޓުގައި ހުރި އިރު މުވައްޒަފުން އެހާ ގިނައިން ވަކިވާތީ އިންވެސްޓިގޭޓް ކުރަން އެންމެ އެކަށީގެންވާ އަދަދަށް މުވައްޒަފުން ނުތިބޭ ކަމަށެވެ.
މުވައްޒަފުން ވަކިވަނީ މުވައްޒަފުންގެ މުސާރަ ކުޑަވުމާއި ކުރިއެރުމުގެ ފުރުސަތު ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ވައްޒަފުންނަށް އެކަށީގެންވާ ރަނގަޅު މުސާރައެއް ނުދެވޭ އިރު އިތުރު ގަޑީގެ ފައިސާ ވެސް އޮންނަ އުސޫލުގެ ތެރެއިން ނުދެވޭ ކަމަށް އަޝްރަފް ވިދާޅުވި އެވެ.
ބަޖެޓު ނެތުމުގެ ސަބަބުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި މުވައްޒަފުންނަށް ދޭން ޖެހޭ ހަތަރު ލައްކައެއްހާ ރުފިޔާ ނުދީ އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގާނޫނީ ގޮތުން ހައްގުވާ ޕްރޮމޯޝަން ދެވޭނެ ގޮތެއް ހަދައިދިނުން މުހިއްމު ކަމަށެވެ. އަދި އިތުރުގަޑީގެ ފައިސާގެ ގޮތުގައި 20 ޕަސެންޓް އިތުރުކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
އޭސީސީން ވަނީ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން 12 އިންވެސްޓިގޭޝަން އޮފިސަރުން އިތުރު ކުރަން އެދޭކަމަށް ބުނެފަ އެވެ. އެކަމަށް 3.9 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.