އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އޮފީސް އިމާރާތުގެ ކުއްޔަށް ބޮޑު ޚަރަދެއް ކުރަން ޖެހުމުގެ ކަންބޮޑުވުން ބަޖެޓް ދިރާސާ ކޮމިޓީގެ ބައެއް މެންބަރުން އިއްޔެ ފާޅުކޮށްފި އެވެ.
އަންނަ އަހަރަށް ހުށަހަހެޅި ދައުލަތުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ މެންބަރުންނާ، ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލް މުގުނީ ފުރަތަމަ ވެސް ސުވާލު ކުރެއްވީ އިމާރާތުގެ ކުއްޔާ ބެހޭ ގޮތުންނެވެ.
ދައުލަތުގެ މާލިއްޔަތާ ގުޅޭ ކަންކަން ދަނީ ރަނގަޅަށްތޯ ބަލަން އުފައްދާފައިވާ ކޮމިޝަނަކުން ހަރަދު ކުރުމުގައި އެއްވެސް މިންގަނޑެއް ނުގެންގުޅޭކަން ފާހަގަ ކުރައްވައި، އޭނާ ވަނީ އޭސީސީ އޮފީސް ހިންގަން ސަކީނާ މަންޒިލުން ކުއްޔަށް ހިފާފައިވާ ފަސް ބުރިއަށް އަހަރަކު 6.9 މިލިއަން ރުފިޔާ ޚަރަދު ކުރުމަކީ ކަންބޮޑުވާ ކަމެއް ނޫންތޯ ސުވާލު ކުރައްވައިފަ އެވެ.
"މަހަކަށް އެއީ 570،000 ނުވަތަ ގާތްގަނޑަކަށް ހަ ލައްކަ ރުފިޔާ ވަރު. ދައުލަތުގެ ބަޖެޓުން ބޮޑު ބައެއް އެންމެ ގެއަކަށް ޚަރަދުވާ ތަން އެބަ ފެނޭ. މިނިވަން މުއައްސަސާތަކާ ބައްދަލުކުރާ އިރު އެހެން ހުރިހާ ބޭފުޅުންނަށް ވުރެ ބޮޑު އަގުގައި ސަކީނާ މަންޒިލުން ތަންތަން ހިފައިގެން ތިޔަ އުޅުއްވަނީ އެއީ ކޮރަޕްޝަނެއް ނޫންތޯ،" މުގުނީ ސުވާލު ކުރެއްވި އެވެ.
މުގުނީ އަށް ޖަވާބު ދެއްވަމުން އޭސީސީގެ މެންބަރު އަލީ އަޝްރަފް ވިދާޅުވީ އެހާ ބޮޑު ކުއްޔެއްގައި ތިބޭތީ އެންމެ ފުރަތަމަ ކަންބޮޑުވަނީ އޭސީސީގެ މެންބަރުން ކަމަށެވެ.
"އެހާ ބޮޑު ކުއްޔެއްގައި ތިބެން ޖެހޭތީ ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީއާ އެކު އެތައް ބައްދަލުވުންތަކެއް ބޭއްވިން. މި އަށް ވުރެ ކުޑަ އަގެއްގައި އޮފީސް މާލޭގައި އަދި ހުޅުމާލޭގައި ހައުސް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އެޗްޑީސީއާ ބައްދަލު ކުރިން،" އަޝްރަފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ތަންތަން ބެލިން. ސްޓާ ކްލައުޑްސް ވެސް ބެލިން. މިހެން ގޮސް ކިޔާނެ ކަމެއް ނެތް. އެތައް ފަރާތަކުން މައުލޫމާތު ހޯދައިގެން އެތައް ތަނެއް ބެލިން.
އަޝްރަފް ވިދާޅުވިގޮތުގައި، އޭސީސީގެ އޮފީސް އިމާރާތް އެހެން ތަނަކަށް ބަދަލުކުރީ ހުރަވީ ބިލްޑިންގްގައި ހިންގި ތަން ހުސްކުރަން ފިނޭންސް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީން އަންގާފައިވާތާ އެއް އަހަރު ދުވަސް ފަހުންނެވެ.
އޭނާ ވިދާޅުވީ އޭސީސީގައި މަސައްކަތް ކުރާ ގާތްގަނޑަކަށް 100 މުވައްޒަފުންނަށް 12،000 އަކަފުޓޫގެ ޖާގައެއް ބޭނުންވާ ކަމަށެވެ.
"ދައުލަތުގެ ބަޖެޓުން ކުއްޔަށް 6.9 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ އަޅުގަނޑުމެންގެ ބާރެއް ފޯރާ ނަމަ ކުރާނެ ކަމެއް ނޫން،" އަޝްރަފް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރު އިބްރާހިމް ޝަކީލް ވިދާޅުވީ އެތައް ފަހަރަކު އިއުލާނު ކޮށްގެން ވެސް އޮފީސް ހިންގަން ބޭނުންވާ ޖާގައިގެ ތަނެއް ނުލިބުނު ކަމަށެވެ. ކުއްޔަށް ތަނެއް ހޯދުމުގެ ކުރިން ފިނޭންސް މިނިސްޓަރާއި އެޗްޑީސީގެ ވެރިންނާ ވެސް ބައްދަލު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓުން ކުއްޔަށް 6.9 މިލިއަން ރުފިޔާ ހަރަދު ކުރުމަކީ އަޅުގަނޑުމެންގެ ބާރެއް ފޯރާ ނަމަ ކުރާނެ ކަމެއް ނޫން،" މެންބަރު އަޝްރަފް
އޭސީސީގެ އޮފީސް އިމާރާތަށް އަކަ ފޫޓަކަށް ކިހާވަރެއް ހަރަދުކުރަންތޯ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ކުރެއްވި ސުވާލުގެ ޖަވާބުގައި އޭސީސީގެ މެމްބަރު ޝަކީލް ވިދާޅުވީ އަކަ ފޫޓަކަށް ކުއްޔަށް މަހަކު 48ރ. ހަރަދުކުރާ ކަމަށެވެ.
އޭސީސީން ވަނީ މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން އިތުރު އިންވެސްޓިގޭޝަން އޮފިސަރުން ހޯދަން 3.9 މިލިއަން ރުފިޔާ ބަޖެޓަށް އިތުރު ކޮށްދިނުމަށް ހުށަހަޅައިފަ އެވެ.