އޭޑީކޭގައި އުފަންވި ކުއްޖެއް--
17 ނޮވެމްބަރ 2021 - 23:17
އޭޑީކޭ ހޮސްޕިޓަލުގައި ވިހެއި 750 ގްރާމު ހުރި ކުއްޖަކު ސަލާމަތްކުރެވިއްޖެ އެވެ.
މިއަދު ފާހަގަކުރަމުން އަންނަ، ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަހާ ގުޅިގެން އޭޑީކޭ އިން އާންމުކުރީ ތުއްތު މައިރީން ސަލާމަތްކުރުމަށް އެ ހޮސްޕިޓަލުން ކުރި ކާމިޔާބު ދަތުރެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި މައިމީހާގެ ބަނޑަށް 26 ހަފްތާގައި ނެގި އެ ކުއްޖާ 25 ދުވަސް ވަންދެން އޮތީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އޭރު ކުއްޖާގެ ބަރުދަނުގައި ހުރީ އެންމެ 750 ގްރާމެވެ. ބަރުދަން އެހާ ބޮޑަށް ދަށް ކުދިންނަކީ ސަލާމަތްކުރަން އުނދަގޫ ކުދިންނެވެ.
އެކަމަކު ކުއްޖާ އަށް އެއް މަހުގައި ވެންޓިލޭޓަރުން ނަގައި ރެސްޕިރޭޓަރީ ސަޕޯޓް ދެވުނު ކަމަށާއި އޭގެ އެއް މަސް ފަހުން، ކުއްޖާ އަށް ދެ މަހުގައި އޮކްސިޖަން ތެރަޕީ ދޭން ފެށި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އޮކްސިޖަން ތެރަޕީ ހުއްޓާލީ ކުއްޖާ ވިހެއިތާ 98 ވަނަ އަށްވީ ދުވަހު އެވެ. އޭގެ ފަހުން ކުއްޖާއަށް ހަތަރު މަހުގައި ގެއަށް ދޫކޮށްލެވުނުއިރު މިހާރު އެ ކުއްޖާ އަށް ވަނީ ހަ މަސްވެފަ އެވެ. ކުއްޖާގެ ސިއްހީ ހާލަތު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.
Swipe to see the incredible journey of little Myreen!#WorldPrematurityDay2021 #adk35 pic.twitter.com/MNPlJXCOgu
— ADK Hospital (@ADKHospital) November 17, 2021
އޭޑީކޭ އިން 750 ގްރާމު ހުރި ކުއްޖަކު ސަލާމަތްކުރިއިރު މިއީ ރާއްޖޭގައި އުފަންވި އެންމެ ބަރުދަން ލުއި ކުއްޖާއެއް ނޫނެވެ. މީގެ ކުރިން 600 ގްރާމު ހަމަނުވާ ކުދިން ވެސް އުފަންވެ ސަލާމަތްކޮށްފައި އެބަހުއްޓެވެ.
ދުވަސް ނުފުރާ ކުދިން ކަމަށް ބަލަނީ މައިމީހާގެ ބަނޑަށް 37 ހަފުތާ ނުވަނީސް ވިހޭ ނަމަ އެވެ. ރާއްޖޭގައި ވެސް ދިހަ ޕަސެންޓް ކުދިން އުފަންވަނީ ދުވަސް ފުރުމުގެ މާކުރިންނެވެ. މިއީ ދުނިޔޭގައި ވެސް ޅައުމުރުގައި ތުއްތު ކުދިން މަރުވާ އެންމެ ބޮޑު ސަބަބެވެ.
ދުވަސް ނުފުރާ އުފަންވުން އެކި ރޭންޖުތަކަށް ބަހާލާފައި ހުންނައިރު، ރަނގަޅު ސިއްހީ ފަރުވާއާ އެކު ފުރާނަ ސަލާމަތް ކުރެވޭ އެންމެ ޅަ އުމުރަކީ 22 ހަފުތާ ނުވަތަ ފަސް މަހެވެ. ބާވީސް ހަފުތާ އިން ފެށިގެން 27 ހަފުތާއާ ދެމެދު ބަލަނީ "އެކްސްޓްރީމް ޕްރީޓާމް"ގެ ގޮތުގަ އެވެ. އަދި 27- 31 ހަފުތާ ބަލަނީ "ވެރީ ޕްރީޓާމް"ގެ ގޮތުގަ އެވެ. ރަނގަޅު ފަރުވާ ދެވިއްޖެ ނަމަ، 25 ހަފުތާއިން މަތީގެ ކުދިންގެ ފުރާނަ ގިނަ ފަހަރަށް ސަލާމަތް ކުރެވެ އެވެ.
ރާއްޖެއަކީ މި ސަރަހައްދުގެ ގައުމުތަކާ ބަލާއިރު، ދުވަސް ނުފުރާ ވިހާ ކުދިންގެ ފުރާނަ ސަލާމަތް ކުރެވޭ އަދަދު މަތީ ގައުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމި
18 November 2021
790 ގްރަމް ކަމަށް އެޑީކެއިން ޓްވިޓަރގައި ހާމަކުރީ، މިހާރު ނޫސްގައި އިނީ 750 ގްރާމް