ދުވެލި އެންމެ ހަލުވި ކަމަށް ބުނާ އިލެކްޓްރިކް މަތިންދާބޯޓް އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި ރޯލްޒް-ރޮއިސް އިން ޓެސްޓްކޮށްފި އެވެ.
މި މަހުގެ 16 ވަނަ ދުވަހު ވިލްޓްޝަޔާގެ އޭމެޒްބެރީގެ ބޮސްކޮމްބް ޑައުންގައި "ސްޕިރިޓް އޮފް އިނޮވޭޝަން" މަތިންދާބޯޓް ޓެސްޓްކުރި އިރު ގަޑިއަކު 555.9 ކިލޯމީޓަރު (ގަޑިއަކު 345.4 މެއިލް) އަށް އުދުހިފައިވާ ކަމަށް ބުންޏެވެ.
ޓެސްޓް ދަތުރު ކުރިއަށް ގެންދިޔައީ ރޯލްޒް-ރޮއިސްގެ ޓެސްޓް ޕައިލެޓް އަދި ފްލައިޓް އޮޕަރޭޝަންސްގެ ޑިރެކްޓަރު ފިލް އޯ ޑެލް އެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅިން ވެސް ކަރަންޓް ހަކަތައިން އުދުހޭ މަތިންދާބޯޓްގެ ޓެސްޓް ފްލައިޓް ކާމިޔާބުކަމާ އެކު ނިންމާލެވުމަކީ އަމިއްލަ ކެރިއަރުގައި ލިބުނު ވަރަށް ބޮޑި ކުރިއެރުމެއްގެ އިތުރުން ރޯލްޒް-ރޮއިސްގެ މަސައްކަތަށް ވެސް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ޓެސްޓް ފްލައިޓްގައި ރެކޯޑް ސްޕީޑެއްގައި ދަތުރު ކުރެވުމާ ގުޅިގެން އިތުރަށް ވެރިފައި ކުރުމަށް މިހާރު ވަނީ ވޯލްޑް އެއާ ސްޕޯޓްސް ފެޑެރޭޝަން (އެފްއައިއޭ) އަށް ވެސް ހުށަހަޅައިފަ އެވެ.
ރޯލްޒް-ރޮއިސް އިން ބުނި ގޮތުގައި ކުންފުނީގެ "ސްޕިރިޓް އޮފް އިނޮވޭޝަން" އަކީ ކުރިން ދުވެލި އެންމެ ބާރު އިލެކްޓްރިކް މަތިންދާބޯޓްގެ ރެކޯޑް އޮތް ސީމެންސްގެ އީ-އެއާކްރާފްޓް، އެކްސްޓްރާ 330 އެލްއީ އެއޮރޮބެޓިކް އެއާކްރާފްޓް އަށް ވުރެ ގަޑިއަކު 132 މީޓަރު ދުވެހި ބާރު އެއްޗެކެވެ. ސީމެންސްގެ މަތިންދާބޯޓް 2017 ގައި ޓެސްޓްކުރި އިރު، ދުވެއްޔަކީ ގަޑިއަކު 213.04 ކިލޯމީޓަރެވެ.
ރޯލްޒް-ރޮއިސް އިން ބުނި ގޮތުގައި އެ ކުންފުނީގެ މަތިންދާބޯޓަކީ އެންމެ ހަލުވިކޮށް 3،000 މީޓަރު (9842.52 ފޫޓް) އުހަށް އެރުމުގެ ގާބިލުކަން ވެސް އޮތް އުފެއްދުމެވެ. އެއީ ނައްޓާލާތާ 202 ސިކުންތުގެ ތެރޭގަ އެވެ.
"ސްޕިރިޓް އޮފް އިނޮވޭޝަން" އަކީ 400 ކިލޯވޯޓްގެ އިލެޓްރިކް ޕަވާޓްރެއިން ހިމެނޭ އުޅަނދެކެވެ.
ރޯލްޒް-ރޮއިސްގެ ޗީފް އެގްޒެކެޓިވް ވޮރެން އީސްޓް ވިދާޅުވި ގޮތުގައި ކުންފުނީގެ އިލެކްޓްރިކް މަތިންދާބޯޓުގެ ނަތީޖާތަކުން ދައްކަނީ ވަރަށް އުންމީދީ މަންޒަރެކެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވައިގެ ދަތުރުތައް ތިމާވެއްޓާ ރައްޓެހިކޮށް ކުރިއަށް ގެންދަން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
"މި ވަގުތު ކޮޕް26 ގެ ވާހަތަކަށް ވަރަށް ބޮޑު ފޯކަސްއެއް ހުއްޓިފައި ވަނިކޮށް އަހަރެމެންގެ އިލެކްޓްރިކް މަތިންދާބޯޓް ޓެސްޓް ފްލައިޓުން އުންމީދީ ނަތީޖާތަކެއް ދެއްކުމަކީ ޖެޓް-ޒީރޯ ހަގީގަތަކަށް ކުރާ މަސައްކަތަށް ލިބުނު ކުރިއެރުމެއް." ވޮރެން ވިދާޅުވި އެވެ.