ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންތަކުގެ މުއްދަތަކީ ނުވަ މަސް ކަމަށް ނިންމައި، ރާއްޖޭގައި މިހާރު ހުރި ފައިޒާ ވެކްސިންގެ ސްޓޮކް ވެސް އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ބޭނުންކުރެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ވެކްސިން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވީ ކުރިން އޮންނަ ގޮތުން ނަމަ ކޮވިޑް ވެކްސިންގެ އެކްސްޕަޔަރީއަށް ދީފައި ވަނީ ހަ މަސް ދުވަސް ކަމަށެވެ. އެހެން ނަމަވެސް ވެކްސިނަކީ ޑަބްލިއުއެޗްއޯ އިން އަދިވެސް ދިރާސާކުރަމުން އަންނަ އެއްޗަކަށް ވާތީ، މުއްދަތު ހަމަވާ ތާރީހުގެ ތިން މަސް ފަހުން ބެލި އިރު ވެސް އޭގެ އެފެކްޓިވްނެސް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހަށް ތިން މަސް އިތުރުކޮށް ރާއްޖޭގައި މިހާރު ހުރި ފައިޒާ ވެކްސިންގެ އެެކްސްޕަޔަރީ ޑޭޓް ނުވަ މަހަށް އިތުރުކުރިކަން ޑަބްލިއުއެޗްއޯ އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވެކްސިންގެ އެެކްސްޕަޔަރީ އަކީ އެބޭފުޅުން ހަމަ ޓެސްޓް ކުރުމަށް ފަހު މިހާރު ވެސް ރިސާޗް ހަދަމުންދާ އެއްޗަކަށްވާތީވެ ކުރިން އިންނަނީ ހަ މަސް ދުވަސް (މުއްދަތު ހަމަވާ ތާރީހަކަށް) އެހެން ނަމަވެސް ނުވަ މަހަށް ބެހެއްޓުމަށް ފަހު ޓެސްޓްކުރި އިރު ވެސް އޭގެ އެފެކްޓިވްނެސް ހުރިކަން ފާހަގަކުރެވޭތީީވެ މިހާރު އަންގާފައި ވަނީ ރާއްޖޭގައި ހުރި ފައިޒާ ވެކްސިން ފެބްރުއަރީގެ ނިޔަލަށް ބޭނުންކުރެވޭނެ ކަަމަށް،" ގުރައިޝާ ވިދާޅުވި އެވެ.

ރާއްޖޭގެ 362،517 މީހުން މިހާރު ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ޖެހޭ ވަރަށް ކޮވިޑް ވެކްސިން އެބަހުރި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. ފައިޒާ ވެކްސިން ދެމުން އަންނަނީ 12 އަހަރުން ދަށުގެ ކުދިންނަށާއި މާބަނޑު މީހުންނަށެވެ. އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށްދޭ ބޫސްޓާ ޑޯޒްގެ ގޮތުގައި ވެސް ދެނީ ފައިޒާ ވެކްސިންނެވެ.