ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލައިގައި މޮރިޝަސް އިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް ރާއްޖެ އިން އިއްޔެ ޖަވާބު ދީފި އެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިޓްލޮސް އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލާގައި ރާއްޖެ އިން ވަކާލާތު ކުރަމުން އައީ ޓްރައިބިއުނަލަށް މައްސަލަ ނުބެލޭނެ ކަމަށް ބުނެ އެވެ.

އިޖުރާޢީ ގޮތުން ރާއްޖެ އިން ފާހަގަކުރި ކަންކަމާ ގުޅިގެން އަޑުއެހުންތައް ބޭއްވުމަށް ފަހު، މޮރިޝަސްއާ އެއްކޮޅަށް ނިންމުމުގެ ނަތީޖާ އަކީ ރާއްޖޭހެ ހާއްސަ އިގްތިސާދީ ސަރަޙައްދާއި މޮރިޝަސްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ސަރަހައްދާ މެދު ގޮތެއް ކަނޑައަޅަން ޖެހުމެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން މޭ 25، 2021 ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރާއްޖެ އިން މިއަދު ޖަވާބު ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރު ކަމަށެވެ.

ރާއްޖެ އިން ޖަވާބު ހުށަހަޅާފައިވަނީ ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރަން އިސްކަންދީގެން ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...މި މައްސަލައަކީ ދިވެހިރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށް ވާއިރު، މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ދިވެހިރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާ އިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާ ހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ އައްޔަނު ކުރެވިފަ އެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

މައްސަލައިގެ އަސްލު

މީގެ ކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޯޒް މައްސަލައަކީ އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ. މޮރިޝަސް އިން އިއުތިރާޒް ކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ.

އެ އަށް ފަހު، އައްޑު އާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

އދ. ގެ އާންމު މަޖިލީހުން މެއި 23، 2019 ގައި ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ފާސްކޮށްފަ އެވެ. އެކަމަކު ރާއްޖެ އިން ވޯޓު ދިނީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖެ އިން ބުނެފައިވަނީ މި ގޮތަށް ވޯޓު ދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި، ރާއްޖެ އިން ކަނޑުގެ ސަރަހައްދެއް ރާއްޖެ އަށް ގެއްލިދާނެތީ ކަމަށެވެ.

ރާއްޖެއާ އެކު ހަ ގައުމަކުން އެ ގަރާރާ ދެކޮޅަށް ވޯޓު ދިން އިރު، 116 ގައުމަކުން ތާއީދުކުރީ ޗާގޯޒް މޮރިޝަސްގެ ތަނެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ޖުމުލަ 56 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަން ވެސް ހިމެނެ އެވެ. ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ދެން ވޯޓު ދިނީ އިނގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ހަންގޭރީ އަދި އިޒްރޭލެވެ.

ޗާގޯސް އައިލެންޑްސް މޮރިޝަސް އަތުން އިނގިރޭސިން ވަނީ 1965 ވަނަ އަހަރު ތިން މިލިއަން ޕައުންޑަށް ގަނެފަ އެވެ. އެމެރިކާއާ އެކު ޗާގޯޒްގެ ޑިއެގޯ ގާސިއާ (ފޯޅަވަހި) ގައި އަސްކަރީ މަރުކަޒެއް ގާއިމްކުރުމަށް އިނގިރޭސިން ވަނީ 1967 އާއި 1973 އާ ދެމެދު އެ ރަށްތަކުން މީހުން ހުސްކޮށްފަ އެވެ. ޑިއެގޯ ގާސިއާ އެމެރިކާ އަށް ދޫކޮށްފައިވާ މުއްދަތު 2016 ގައި ވަނީ 2036 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ އެވެ.