ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021 ގެ ބާކީ ތިން ޑިވިޝަނުގެ ފަހު ހީޓުތައް މާދަމާ ބާއްވަން މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

މާސްޓާސް ޑިވިޝަނާއި ފިރިހެން އޯޕަން ޝޯޓްބޯޑާއި ޖޫނިއާ ޝޯޓްބޯޑް ޑިވިޝަނުގެ ސެމީ ފައިނަލާއި ބްރޯންޒް އަދި ފައިނަލް ހީޓުތައް މާދަމާ ހެނދުނު ކުރިއަށް ގެންދާނެ އެވެ.

ގައުމީ ރާޅާއެޅުމުގެ 13 ވަނަ މުބާރާތުގައި މި އަހަރު ހަ ޑިވިޝަނެއް ބާއްވާއިރު، ތިން ޑިވިޝަނެއްގެ ހީޓުތައް ވަނީ ނިމިފަ އެވެ. އެއީ މި އަހަރު މުޅިން އަލަށް ބާއްވަން ފެށި އަންހެނުންގެ އޯޕަން ޑިވިޝަނާއި ފިރިހެނުންގެ ސްޓެންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން އަދި ލޯންގްބޯޑް ޑިވިޝަނެވެ.

ޖޫނިއާ ޑިވިޝަނުގައި ވާދަކުރާ އަޔާން. އަޔާން ވަނީ ސެމީއިން ޖާގަ ހޯދައިފައި.-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް
ޖޫނިއާ ޑިވިޝަނުގައި ވާދަކުރާ އަޔާން. އަޔާން ވަނީ ސެމީއިން ޖާގަ ހޯދައިފައި.-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް

މިއަދުގެ ހީޓުތައް ފެށީ ޖޫނިއާ ޑިވިޝަނުގެ ފަސްވަނަ ބުރުގެ ހީޓްތަކުންނެވެ. ފަސްވަނަ ބުރުގައި ކުރިއަށް ގެންދިޔަ ފަސް ހީޓުގެ ތެރެއިން ކޮންމެ ހީޓަކުން އެންމެ ރަނގަޅު ދެ ރާޅާއެޅުންތެރިން ކުއާޓާ ފައިނަލަށް ހޮވުނެވެ.

ކުއާޓާގައި ތިން ހީޓެއް އޮތް އިރު ފުރަތަމަ ހީޓުގައި ވާދަކުރީ ސައްޔިދު ސަލާހުއްދީނާއި ކަޔާން އަބްދުﷲ އަރީފް އަދި މުހައްމަދު އިނާން އަބްދުލް ހަންނާނެވެ. މި ހީޓުގެ ލީޑު ހޯދީ ސަލާހުއްދީނެވެ. އަދި ދެވަނައިގައި ނިންމީ ކަޔާން އެވެ. މި ދެ ބައިވެރިން ވެސް ވަނީ ސެމީން ޖާގަ ހޯދައިފަ އެވެ.

ދެވަނަ ހީޓުގައި ހަތަރު ބައިވެރިން ވާދަކުރި އެވެ. އެއީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އާއި އަޔާން ނޫރައްދީނާއި ޝަރޫފް ޝާއިރު އަދި ހުސައިން އައިހަމެވެ. މި ހީޓް ކާމިޔާބުކުރީ ކަޔާން ޒަކީ އެވެ. ދެވަނަ ހޯދީ އަޔާން އެވެ.

ތިންވަނަ ހީޓު ނެގީ އަހުމަދު އަމީރެވެ. އޭނާގެ ފަހަތުން ދެވަނައިގައި ނިންމީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ތިންންވަނައިގައި ނިންމީ ޖުމާން މުހައްމަދެވެ.

ޖޫނިއާ ޑިވިޝަނުގައި ޝަރޫފް ރާޅާއަޅަނީ. ޝަރޫފް ވަނީ އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަ ކޯށްފަ އެވެ. އޯޕަން ޑީވިޝަނާއި ޖޫނިއާ ޑިވިޝަނުން ޝަރޫފް ކެެޓީ ކުއާޓާއާ ހަމައިންނެވެ.-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް
ޖޫނިއާ ޑިވިޝަނުގައި ޝަރޫފް ރާޅާއަޅަނީ. ޝަރޫފް ވަނީ އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ވެސް ވާދަ ކޯށްފަ އެވެ. އޯޕަން ޑީވިޝަނާއި ޖޫނިއާ ޑިވިޝަނުން ޝަރޫފް ކެެޓީ ކުއާޓާއާ ހަމައިންނެވެ.-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް

ޖޫނިއާ ސެމީ ފައިނަލް ހީޓް ތައް:

ހީޓް 1: ސައްޔިދު ސަލާހުއްދީން، ކަޔާން އަބްދުﷲ އަރީފް، މުހައްމަދު ޒަޔާން

ހީޓް 2: އަހުމަދު އަމީރު، ޔޫސުފް ކަޔާން ހަމްދާން ޒަކީ، އަޔާން ނޫރައްދީން

ޖޫނިއާ ބައިން ފައިނަލަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ހީޓަކުން އެންމެ ރަނގަޅު މާކްސް ހޯދާ ދެ އެތުލީޓުންނެވެ.

މިއަދު ވަނީ މާސްޓާސް ކެޓެގަރީގެ ތިންވަނަ ބުރާއި ކުއާޓާގެ ހީޓުތައް ވެސް ނިންމާލައިފަ އެވެ. ތިންވަނަ ބުރުގައި ފަސް ހީޓު ބޭއްވިއިރު، އެންމެ ފަހުގެ މި ޑިވިޝަނުގެ ޗެމްޕިއަން އަޒްލީ ނަސީމަށް މިއަދުގެ ހީޓަށް ހާޒިރު ނުވެވުނެވެ. ޕައިލެޓެއްގެ ވަޒީފާ އަދާކުރާ އަޒްލީ ތިންވަނަ ބުރަށް ދިޔައީ ވެސް ފުރަތަމަ ބުރުގެ ހީޓަށް ހާޒިރު ނުވެވުމުން ދެވަނަ ބުރުގެ ހީޓް ކާމިޔާބު ކޮށްގެންނެވެ.

މާސްޓާސް ޑިވިޝަނުގައި އަހުމަދު ނާސިރު (ލޮނޭ) ރާޅާއަޅަނީ. ލޮނޭ ވަނީ ކުއާޓާއާ ހަމައިން މުބާރާތުން ކަޓައިފަ އެވެ. ފޮޓޯ: މުންދު ފޮޓޯގްރާފާ
މާސްޓާސް ޑިވިޝަނުގައި އަހުމަދު ނާސިރު (ލޮނޭ) ރާޅާއަޅަނީ. ލޮނޭ ވަނީ ކުއާޓާއާ ހަމައިން މުބާރާތުން ކަޓައިފަ އެވެ. ފޮޓޯ: މުންދު ފޮޓޯގްރާފާ

ތިންވަނަ ބުރުގެ ތިންވަނަ ހީޓުގައި ހިމެނުނު އިސްމާއިލް މިގްލާލް (ކުޑައިއްސެ) އަނިޔާއެއްގެ ސަބަބުން ހީޓުގައި ބައިވެރި ނުވެވުނެވެ. އޭނާގެ އިތުރުން ހަތަރުވަނަ ހީޓުގައި ވާދަކުރަން އޮތް އަހުމަދު ހަލީމް ވެސް ބައިވެރިއެއް ނުވެ އެވެ.

ކުއާޓާގެ ތިން ހީޓު ކުރިޔަށް ގެންދިޔަ އިރު، ކޮންމެ ހީޓަކުން ދެ ބައިވެރިން ވަނީ ސެމީ ފައިނަލަށް ހޮވިފަ އެވެ. ކުއާޓާގެ ހީޓްތައް ކާމިޔާބުކުރީ ހަސަން އަރީފް (ކައިރޭ) އާއި އަބްދުﷲ އަރީފް (ފުކޫ) އާއި އިބްރާހިމް އަހުމަދު ޝުކޫރެވެ. ހީޓުތަކުގެ ދެވަނަ ހޯދައިގެން ސެމީން ޖާގަ ހޯދީ އަބްދުލް ގަފޫރު އަލީ (ގައްބެ) އާއި އަހުމަދު ފަޔާޒާއި އަހުމަދު ޝިހާޒު (މައިކީ) އެވެ.

މާސްޓާސް ޑިވިޝަނުގެ ހީޓްތައް:

ހީޓް 1: ހަސަން އަރީފް، އަބްދުލް ގަފޫރު އަލީ، އަހުމަދު ޝިހާޒް

ހީޓް 2: އިބްރާހިމް އަހުމަދު ޝަކޫރު، އިބްރާހިމް އަރީފް، އަހުމަދު ފަޔާޒް

މާސްޓާސް ޑިވިޝަނުގެ ކުއާޓާގެ ފަހު ހީޓު ކާމިޔާބުކުރި އިބްރާހިމް އަހުމަދު ޝަކޫރު (އިބުރޭ).-- ފޮޓޯ: މުންދު ފޮޓޯގްރާފާ
މާސްޓާސް ޑިވިޝަނުގެ ކުއާޓާގެ ފަހު ހީޓު ކާމިޔާބުކުރި އިބްރާހިމް އަހުމަދު ޝަކޫރު (އިބުރޭ).-- ފޮޓޯ: މުންދު ފޮޓޯގްރާފާ

މާސްޓާސް ޑިވިޝަނުގެ ފައިނަލަށް ދާނީ ސެމީގެ ދެ ހީޓުން މޮޅުވާ އެތުލީޓުންނެވެ. ދެ ހީޓުގެ ދެވަނައަށް ދާ ދެ އެތުލީޓުން ބްރޯންޒް ހީޓުގައި ވާދަ ކުރާނެ އެވެ.

ފިރިހެން އޯޕަން ޑިވިޝަނުގެ ކުއާޓާ ފައިނަލުގެ ހީޓުތައް ވެސް މިއަދު ވަނީ ފޯރިއާ އެކު ކުރިޔަށް ގެންގޮސްފަ އެވެ.

ކުއާޓާގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ އެއްވަނަ ރާޅާއެޅުންތެރިޔާ އަދި އެންމެ ފަހުން އެމްއެސްއޭ އިން ބޭއްވި ގައްދޫ ޕްރޯ 2020 ގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް ސެމީގެ ފުރަތަމަ ޖާގަ ހޯދީ ކ. ތުލުސްދޫ އަހުމަދު އަގީލް (އަންމަޑޭ) އެވެ.

ގައްދޫ ޕްރޯ މުބާރާތް ސްމައިލީ ނެގީ ސެމީ ފައިނަލުގައި އަންމަޑޭ ބަލިކޮށް، ފައިނަލުގައި ހޫދު އަހުމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ރާޅާއެޅުމުގެ މުބާރާތް 2019 ގައި ދެވަނަ ހޯދި އަންމަޑޭ މިއަދުގެ ކުއާޓާ ފައިނަލުގެ ހީޓުގައި ސްކޯގެ 0.4 ޕޮއިންޓުގެ ތަފާތަކުންނެވެ. ފައިނަލް ޕޮއިންޓަށް ގުނި އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯ އެއްކޮށްގެން އަންމަޑޭ ވަނީ 9.50 ޕޮއިންޓު ހޯދައިފަ އެވެ. އޭނާގެ މައްޗަށް ކުރި ހޯދަން ސްމައިލީ އަށް ބޭނުންވީ 4.74 ޕޮއިންޓުގެ ރާޅެކެވެ. ސްމައިލީގެ އެންމެ ރަނގަޅު ދެ ރާޅަށް މި ބުރުގައި ލިބުނީ 4.77 އަދި 4.33 ޕޮއިންޓެވެ.

ފިރިހެން އޯޕަން ޑިވިޝަނުގައި ހޫދު އަހުމަދު (ހޫބްޒް)-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް
ފިރިހެން އޯޕަން ޑިވިޝަނުގައި ހޫދު އަހުމަދު (ހޫބްޒް)-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް

މުބާރާތް ވިދިވިދިގެން ތިން ފަހަރު ކާމިޔާބުކުރި އިސްމާއިލް މިގްލާލް (ކުޑައިއްސެ) ބަލިކޮށް ކުއާޓާގެ ތިންވަނަ ހީޓުގައި ހޫދު އަހުމަދު ވަނީ ފުރިހަމަ ކާމިޔާބެއް ހޯދައިފަ އެވެ. ހޫދު 13.50 ޕޮއިންޓު ސްކޯ ކުރިއިރު، މި ސްކޯ ބީޓުކުރަން ކުޑައިއްސެ އަށް 8.33 ޕޮއިންޓުގެ ރާޅެއް ބޭނުންވި އެވެ. ހޫދުގެ އެންމެ ރަނގަޅު ރާޅަށް ވަނީ 7.67 ޕޮއިންޓު ސްކޯ ކޮށްފަ އެވެ.

ކުއާޓާގެ ދެވަނަ ހީޓުގައި ވާދަކުރީ ނަޖާހު މުހައްމަދާއި ޝަރޫފް ޝާއިރެވެ. މި ޑިވިޝަނުގައި ކުއާޓާ އަށް ދަތުރުކުރި އެންމެ ޒުވާން އެތުލީޓް ޝަރޫފް މި ހީޓުން ބަލިވި ނަމަވެސް އޭނާ ވަނީ ގައުމީ ރޭންކިންގެ ފަސްވަނައިގައި އޮތް ނަޖާހު މުހައްމަދާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފަ އެވެ. ނަޖާހު ސެމީއަށް ދިޔައީ 0.7 ޕޮއިންޓުގެ ތަފާތުން ކުރި ހޯދައިގެންނެވެ. ޖުމްލަ 7.87 ޕޮއިންޓު ނެގި ނަޖާހު ބަލިކުރަން ޝަރޫފަށް ބޭނުންވީ 3.91 ޕޮއިންޓުގެ ރާޅެކެވެ. ޝަރޫފްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.97 ޕޮއިންޓަކާއި 3.20 ޕޮއިންޓެވެ.

ފަހު ހީޓުގައި ވާދަކުރީ ޖިނާން އަހުމަދު (ޖިނޫ) އާއި އަބްދުﷲ އަރީފް (ފުކޫ) އެވެ. ފުކޫ މި ހީޓް ކާމިޔާބުކުރީ 10.20 ޕޮއިންޓު ހޯދައިގެންނެވެ. ޖިނޫއަށް ލިބުނީ 5.63 ޕޮއިންޓެވެ.

ފިރިހެން އޯޕަން ޑިވިޝަނުގައި ނަޖާހު މުހައްމަދު (ކަބޯ)-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް
ފިރިހެން އޯޕަން ޑިވިޝަނުގައި ނަޖާހު މުހައްމަދު (ކަބޯ)-- ފޮޓޯ: ލިކުއިފައި މޯލްޑިވްސް

ފިރިހެން އޯޕަން ސެމީ ފައިނަލް ހީޓުތައް:

ހީޓް 1: އަހުމަދު އަގީލް، ނަޖާހު މުހައްމަދު

ހީޓް 2: އަބްދުﷲ އަރީފް، ހޫދު އަހުމަދު

މި ޑިވިޝަނުގައި ވެސް ފައިނަލަށް ދާނީ ސެމީގެ ދެ ހީޓުން މޮޅުވާ އެތުލީޓުންނެވެ. ދެވަނަ އަށް ދާ ދެ އެތުލީޓުން ބްރޯންޒް ހީޓުގައި ވާދަ ކުރާނެ އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.