"ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021" ގެ މާސްޓާސް ޑިވިޝަނުގެ ފައިނަލުގައި ރ. ރަސްމާދޫ ޓީމުގައި ހިމެނޭ ދެބެއިން ކަމަށްވާ އިބްރާހިމް އަރީފު (މާކް) އަދި ހަސަން އަރީފު (ކައިރޭ) ވާދަކުރި ހީޓު، މާކް ކާމިޔާބު ކޮށްފި އެވެ.

ފައިނަލުގައި ކޮއްކޮ ކައިރޭއާ ވާދަކޮށް މާކް ކާމިޔާބުކުރީ ކައިރޭ އަށް ވުރެ 1.84 ޕޮއިންޓް މަތިން، ޖުމުލަ 7.64 ޕޮއިންޓުންނެވެ. ކައިރޭ އަށް މާކުގެ މައްޗަށް ކުރި ހޯދަން 4.51 ޕޮއިންޓުގެ ރާޅެއް ބޭނުންވި އެވެ.

މާކް އާއި ކައިރޭ ވެސް ވަނީ މިއަދު ހެނދުނު ބޭއްވި ސެމީ ފައިނަލް ހީޓުތަކުން އެއްވަނަ ހޯދައިފަ އެވެ. ފުރަތަމަ ހީޓު ކައިރޭ ކާމިޔާބުކުރީ އަބްދުލް ގަފޫރު އަލީ (ގައްބެ) އާއި އަހުމަދު ޝިހާޒް (މައިކީ) އާ ވާދަކޮށެވެ. މި ހީޓުގެ ދެވަނަ އަށް ދިޔައީ ގައްބެ އެވެ.

ދެވަނަ ހީޓުގައި މާކް ވާދަކުރީ އިބްރާހިމް އަހުމަދު ޝަކޫރު (އިބުރޭ) އާއި އަހުމަދު ފަޔާޒް އެވެ. މި ހީޓުގެ ދެވަނަ އަށް ދިޔައީ އިބުރޭ އެވެ.

ކައިރޭ އާއި މާކް ވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި ވެސް އެއް ހީޓުގައި ވާދަ ކޮށްފަ އެވެ. އާދަމް ޝަރޫންއާއެކު ތިން ބައިވެރިން ވާދަކުރި ފުރަތަމަ ބުރުގެ ހީޓުގައި މާކް އާއި ކައިރޭގެ ސްކޯ އެއްވަރު ވުމުން، ސިންގަލް ބެސްޓް ވޭވްގެ ސްކޯ އަށް ބަލައި، ހީޓުގެ އެއްވަނަ ނެގީ ކައިރޭ އެވެ.

މި ޑިވިޝަނުގެ ތިންވަނަ ހޮވަން ބޭއްވި ހީޓުގައި ވާދަކުރީ ގައްބެ އާއި އިބްރޭ އެވެ. އިބްރޭ ބަލިކޮށް މާސްޓާސް ޑިވިޝަނުގެ ތިންވަނަ ހޯދީ ގައްބެ އެވެ.

ތިންވަނަ ހޯދި ގައްބެ އަށް ލޯ މެޑެއްޔާ އެކު 3،000ރ ގެ ފައިސާގެ އިނާމެއް ހުށަހެޅިއިރު، ދެވަނަ އަށް ދިޔަ ކައިރޭ އަށް ދިނީ ރިހި މެޑެއްޔާ އެކު 5،000ރ. އެވެ. އެއްވަނަ އަށް ދިޔަ މާކަށް ވަނީ ރަން މެޑެއްޔާއި 7،000ރ. އާއެކު ޗެމްޕިއަން ޓްރޮފީ ދީފަ އެވެ.

ކައިރޭ އާއި މާކްގެ އިތުރުން އެ އާއިލާގެ އެންމެ ދޮއްޓަށް ހުންނަ މުހައްމަދު އާރިފު (ރިފޭ) ވެސް ވަނީ މި ޑިވިޝަނުގައި ވާދަ ކޮށްފަ އެވެ. ރިފޭ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގެ ހީޓުގަ އެވެ. މި ތިން ބެއިންނަކީ ވެސް ރާއްޖޭގެ ރާޅާއެޅުމުގެ ގައުމީ ޝޯޓްބޯޑް މުބާރާތް ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ ހުސެއިން އަރީފު (އިބޫ) ގެ ބޭބެ އެވެ.

ރިފޭ އާއި މާކާއި ކައިރޭ އަދި އިބޫގެ ކޮއްކޮ އަބްދުﷲ އަރީފު (ފުކޫ) އަކީ ވެސް ގައުމީ މުބާރާތް ކާމިޔާބުކުރި އެތުލީޓެކެވެ. ފުކޫ ވަނީ މި އަހަރުގެ ފިރިހެން އޯޕަން ޝޯޓްބޯޑް ޑިވިޝަނާއި ލޯންގްބޯޑް އަދި ޝޯޓްބޯޑް ޑިވިޝަނުގައި ވެސް ވާދަ ކޮށްފަ އެވެ. މީގެ އިތުރުން ފުކޫގެ ދަރިފުޅު ކަޔާން އަބްދުﷲ އަރީފު ވެސް ވަނީ މި އަހަރު އަލަށް ގައުމީ އޯޕަން ޝޯޓްބޯޑާއި ޖޫނިއާ ޑިވިޝަނުގައި ވާދަ ކޮށްފަ އެވެ.

މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.