ރަންނަމާރި ޗެލެންޖް ގައި މިއަހަރުގެ ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) އިވެންޓްގެ ފައިނަލް ގައި މުހައްމަދު މުއާޒް ބަލިކޮށް، އަބްދުﷲ އަރީފް (ފުކޫ) ޗެމްޕިއަންކަން ހޯދައިފި އެވެ.

އެސްޔޫޕީ ޗެމްޕިއަންކަން ފުކޫ ހޯދީ މިއަދު ކުރިއަށް ދިޔަ ފައިނަލް ހީޓުގައި ޖުމްލަ 14.33 ޕޮއިންޓް ހޯދައިގެންނެވެ. ދެ ރާޅާއެޅުންތެރިން ވެސް 11 ރާޅާ އެޅި އިރު، މުއާޒް އަށް ހަމަކުރެވުނީ 8.70 ޕޮއިންޓެވެ.

ފުކޫ ގެ އެންމެ ރަނގަޅު ރާޅަށް 7.33 ޕޮއިންޓެއް ހޯދި އިރު، އޭނާގެ ފަހު ރާޅަށް 7.00 ޕޮއިންޓް ހޯދި އެވެ.

މުއާޒް އަކީ މިދިޔަ އަހަރު އަލަށް ބާއްވަން ފެށި އެސްޔޫޕީ އިވެންޓްގެ އަލަތު ޗެމްޕިއަނެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ފުކޫ ވެސް ވާދަ ކުރި އެވެ. އެފަހަރު އޭނާ އަށް ލިބުނީ ތިންވަނަ އެވެ.

މުޅިއެކު ހަ އެތުލީޓުން ވާދަކުރި އެސްޔޫޕީ އިވެންޓްގެ ފައިނަލަށް ފުކޫ ދަތުރު ކުރީ، ސެމީ ފައިނަލް ހީޓުގައި، މިދިޔަ އަހަރުގެ ރަނަރަޕް މުހައްމަދު ތޮއްލަމް ބަލި ކޮށްފަ އެވެ.

މި އަހަރުގެ ފައިނަލަށް ދަތުރު ނުކުރެވުނަސް ތޮއްލަމް ވަނީ ތިންވަނަ ހޮވި ހީޓުގައި 0.16 ޕޮއިންޓުގެ ތަފާތަކުން އަހުމަދު އިރުފާން އަލީ ގެ މައްޗަށް ކުރި ހޯދައި ތިންވަނަ ހޯދައިފަ އެވެ. އިރުފާން ތިން ރާޅާ އަޅައިގެން ޖުމްލަ 7.00 ޕޮއިންޓް ހޯދި އިރު، ތޮއްލަމް އޭނާގެ ދެ ރާޅުން ޖުމްލަ 7.16 ޕޮއިންޓް ހޯދި އެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވާދަކުރި މޫސާ ރަޝީދު މި އަހަރުގެ އިވެންޓްގައި ވެސް ވާދަ ކުރި އެވެ. މިދިޔަ އަހަރުގެ ފަސް އެތުލީޓުންގެ އެތުލީޓުންގެ އިތުރަށް، މި އަހަރު ވަނީ އުމުރުން 17 އަހަރުގެ ސާފަރެއް ވެސް އެސްޔޫޕީ އިވެންޓްގައި ވާދަ ކޮށްފަ އެވެ.

ތ. މަޑިފުށްޓަށް އުފަން ދާއިން ހުސެއިން ފުރަތަމަ ބުރުގައި ވާދަކުރީ މުއާޒް އާއި ތޮއްލަމް އާ އެއް ހީޓެއްގަ އެވެ.