ގައުމީ ރާޅާއެޅުމުގެ މުބާރާތް، "ރަންނަމާރި ޗެލެންޖް" 2022 ގައި އަލަށް ބާއްވަން ފެށި ޓީމް އިވެންޓް ކަމަށްވާ 'މަރުހަބާ ކަޕް' ގެ ޗެމްޕިއަންކަން ރ. ރަސްމާދޫ އިން ހޯދައިފި އެވެ.
ރަސްމާދޫ އިން ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު އޮތް ފައިނަލް ހީޓުގައި ގދ. ގައްދޫ ޓީމާ ވާދަކޮށް، 21.17 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ގައްދޫ ޓީމަށް ލިބުނީ 17.23 ޕޮއިންޓެވެ.
ރަސްމާދޫ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ހުސެއިން އަރީފް (އިބޫ) އެވެ. އިބޫ އޭނާގެ ފުރަތަމަ ރާޅުގައި 8.17 ޕޮއިންޓް ހޯދި އެވެ. މިއީ މުބާރާތުގައި އެތުލީޓެއް ރާޅަކަށް ހޯދި އެންމެ މަތީ ޕޮއިންޓެވެ.
އަބްދުﷲ އަރީފް (ފުކޫ) ގެ ފަހު ރާޅުގައި 7.83 ޕޮއިންޓް ސްކޯ ކުރި އެވެ. އިބްރާހިމް އަރީފް (މާކް) އަށް 3.30 ޕޮއިންޓް ލިބުނު އިރު މުހައްމަދު އާރިފް (ރިފޭ) އަށް ލިބުނީ 1.87 އެވެ.
ގައްދޫ ޓީމުގެ ސާފަރުންގެ ތެރެއިން ހޫދު އަހުމަދު (ހޫބްޒް) ގެ އެންމެ ރަނގަޅު ރާޅަށް ލިބުނީ 4.93 ޕޮއިންޓެވެ. އިސްމާއިލް ރަޝީދު (ސްމައިލީ) އަށް 4.17 ޕޮއިންޓް ހޯދުނު އިރު ނަޖާހު މުހައްމަދު (ކަނބޯ) އަށް ވަނީ 4.00 ޕޮއިންޓް ލިބިފަ އެވެ. އެ ޓީމުގެ އެންމެ ފަހު ރާޅާއެޅުންތެރިޔާ ޖައިލަމް ނިޒާރު (ޖައި) ހީޓް ނިމެން 12 ވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ރާޅަށް އެރިގެން އެޓީމަށް ލީޑު ހޯދައިދޭން މަސައްކަތް ކުރި ނަމަވެސް، ހަމަކުރެވުނީ 4.13 ޕޮއިންޓެވެ.
ގައްދޫ ޓީމު ފައިނަލަށް ދަތުރު ކުރީ މިދިޔަ އަހަރުގެ އެއްވަނަ ޓީމަކަށް ހޮވުނު ކ. މާލޭ ޓީމު ބަލި ކޮށްފަ އެވެ. ފައިނަލަށް ނުދެވުނު ނަމަވެސް، މާލޭ ޓީމުން ވަނީ ސެމީ ގައި ރަސްމާދޫ އަތުން ބަލިވި ކ. ތުލުސްދޫ ޓީމުގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ.
ތިން ވަނަ ހޮވި މެޗުގައި މާލޭ ޓީމުން މޮޅުވީ 0.11 ޕޮއިންޓުގެ ތަފާތުންނެވެ. އެޓީމުން ޖުމްލަ 17.07 ޕޮއިންޓް ހޯދި އިރު، ތުލުސްދޫ އަށް ލިބުނީ 16.96 ޕޮއިންޓެވެ.
މިއަހަރު އަލަށް ބޭއްވި ޓީމް އިވެންޓް ގައި ހަ ޓީމެއް ވާދަ ކުރި އެވެ. ރަސްމާދޫ، ގައްދޫ، މާލެ، ތުލުސްދޫގެ އިތުރުން ވާދަކުރީ މ. މުއްޔާއި ގދ. ވާދޫ އެވެ.