މާލެ ސިޓީ ކައުންސިލުން ޕާކިން ސްލޮޓުތައް ކުއްޔަށް ދޫކުރި ގޮތުން އެ ކައުންސިލްގެ ބައެއް މެމްބަރުން ސުވާލު އުފައްދައިފި އެވެ.
ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް މާލޭގެ އެކި ހިސާބުތަކުން 450 ޖާގަ ކުއްޔަށް ދޫކުރަން ނިންމައި އޭގެ ތެރެއިން 211 ސްލޮޓަކަށް ކުރިމަތިލާން މިދިޔަ ޖުލައި މަހު ހުޅުވައިލި އެވެ. އެ މުއްދަތު ހަމަވިއިރު 969 ފަރާތުން ޕާކިން ސްލޮޓަށް ކުރިމަތިލި އެވެ.
ދިހަ ސަރަހައްދަކުން ޕާކިން ޒޯން ކުއްޔަށް ދޫކޮށްފައި ވަނީ 350 ކިލޯ އުފުލޭ ޕިކަޕާއި ކާރު އަދި ވޭނަށެވެ.
އެ ސްލޮޓުތައް ގުރުއަތުލުމަށް ރޭ ބޭއްވި ކުޑަ ހަފުލާގައި، މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ ސްލޮޓަށް ކުރިމަތިލި ހުރިހާ އެންމެންނަށް ސްލިޕް ނަމްބަރެއް ހަވާލުކޮށްފައިވާ ކަމަށެވެ. ގުރުއަތު ނަގާނީ އެ ސްލިޕް ނަމްބަރު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުތައް ވެސް، ޕާކިން ސްލޮޓުގެ ގުރުއަތު ނެގުމުގައި ނަރީޝް ކިޔައިދެއްވި އެވެ.
އެއް ކަމަކީ، އެއް އައިޑީ ކާޑު ނަމްބަރުގައި 3-2 ކާރު ރަޖިސްޓްރީކޮށްގެން ގެންގުޅުމެވެ. އެހެންވެ އައިޑީކާޑަކުން އެކަމެއް ޔަގީނެއް ނުކުރެވޭނެ ކަމަށާއި ފޯނު ނަމްބަރު ވެސް ރިޕީޓްވެފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޕީޓްނުވާ އެއްޗެއްގެ ގޮތުގައި މި ފެންނަނީ ސްލިޕް ނަމްބަރު އެކަނި. ގުރުއަތުގައި މި ބޭނުންކުރަނީ ސްލިޕް ނަންބަރު. އެ ހުރިހާ ނަމްބަރެއް ގުޅީގައި އޮންނާނެ،" ނަރީޝް ވިދާޅުވި އެވެ.
ނަމަވެސް ޕާކިން ސްލޮޓުގެ ކަންކަން ދޫކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ ސްލިޕް ނަމްބަރު ނެގީ "ސިއްރުން، ވަގަށް ތިބެގެން" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާކިން ސްލޮޓުގެ ކަންކަން ކުރުމަށް އެމްޑީޕީގެ ދެ މެމްބަރަކާއި ޕީޕީއެމްގެ ފަސް މެމްބަރުން ހިމެނޭގޮތަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އުފެއްދި އެވެ. އެކަމާ ގުޅޭގޮތުން ބައްދަލުވުމެއް ބާއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެކަނި ކަމަށާއި އޭގެ ފަހުން އެއްވެސް މަޝްވަރާއެއް ނެތި ގުރުއަތުލުން ބޭއްވީ ކަމަށް އެ މެމްބަރު ވިދާޅުވި އެވެ.
"ކޮމިޓީއަކަށް ނުވެސް އެނގޭ އެ ގުޅީގައި ހުރީ ކޯއްޗެއް ކަމެއް. ނޭނގޭ އެއްވެސް ގޮތަކަށް މީހުންނަށް ހާމަކޮށް އިއުލާނުކޮށްފައެއް ނުވޭ، މީހުންނަކަށް ނޭނގޭ."
އޭނާ ވިދާޅުވި ގޮތުގައި ގުރުއަތުން ސްލިޕް ނަމްބަރު ނެގި ނަމަވެސް، ފޯމު ހުށަހެޅި ބައެއް މީހުންނަށް ސްލިޕް ނަމްބަރު ނުދީ ވެސް އެބަހުއްޓެވެ.
ނަރީޝް ވިދާޅުވީ ފޯމު ހަވާލުކުރިއިރު އިދާރީ ގޮތުން ކަންކަން ދިމާވެ ބައެއް މީހުންނަށް ސްލިޕް ނަމްބަރު ދޫނުކުރެވުނު ކަމަށެވެ. ނަމަވެސް ފައިނަލް ލިސްޓުން އެ އެންމެންނަށް ވެސް ސްލިޕް ނަމްބަރު ދީ، އެ މީހުންގެ މައުލޫމާތު ހާމަކޮށްފައިވެ އެވެ.
އެ ލިސްޓުގައިވާ ގޮތުން ބައެއް މީހުންނަށް އެއް ސްލޮޓަށް ވުރެ ގިނަ ސްލޮޓު ވެސް ލިބިފައި އެބަހުއްޓެވެ.
ނަރީޝް ވިދާޅުވީ ގުރުއަތުލުން ނެގީ މީޑިއާގެ ކުރިމަތީގައި ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަަށެވެ.
"ވަރަށް އިންސާފުކޮށް ގުރުއަތުލުން ނެގީ. ސަތޭކަ ޕަސެންޓު ގެރެންޓީކޮށް ދެވޭނެ މިކަމުގައި ގޯހެއް ހަދާފައި ނޯންނާނެ ކަމުގެ. އޭސީސީ އަށް ވެސް ދާންވީ، މައްސަލައެއް ނޯންނާނެ،" ނަރީޝް ވިދާޅުވި އެވެ.