ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން "ސްމާޓްކޮމް"ގެ ނަމުގައި ބްރޭންޑެއް މިރޭ ތައާރަފު ކޮށްފި އެވެ.
ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ރަސްމިއްޔާތުގައި އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެޗްޑީސީގެ އިސްވެރިން އަދި އެޗްޑީސީގެ އޯޕަން އެކްސަސް ނެޓްވޯކުގެ ޕާޓްނަރުން ކަމަށްވާ ދިރާގާއި އުރީދު އާއި މީޑިއާނެޓުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސްމާޓްކޮމް ބްރޭންޑަކީ ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލުމަށް ތައާރަފު ކުރި ބްރޭންޑެކެވެ. އެގޮތުން، ހުޅުމާލޭގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފުކޮށް، ރައްޔިތުން ހިމެނޭހެން ޕާޓްނާޝިޕްތައް މި ބްރޭންޑުގެ ދަށުން އުފައްދާނެ އެވެ. މި ބްރޭންޑުގެ ސަބަބުން ޓެކްނޮލޮޖީ އާއި އުފެއްދުންތެރިކަން ބޭނުން ކޮށްގެން ރައްޔިތުންގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސް ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ބިން ކުޑަ ސަރަހައްދެއްގައި ބޮޑު އާބާދީއެއް އުޅެން ޖެހުމުން ގިނަ ގޮންޖެހުންތަކާ ދިމާވާ ކަމަށެވެ. އެހެންވެ، ސްމާޓް ސިޓީއެއް އުފެއްދުމުގެ ބޭނުމަކީ މިފަދަ ކަންކަމުން އަރައިގަތުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ ހުޅުމާލޭގެ އިތުރުން ގުޅީފަޅާއި ތިލަފުށި ވެސް ތަރައްގީ ކުރަމުން އަންނައިރު ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިމް ކުރާނެ ކަމަށެވެ.
"ޓެކްނޮލޮޖީ ބޭނުން ކޮށްގެން ސިޓީތައް ތަރައްގީ ކުރުމަކީ މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް. މި ވަސީލަތްތަކުގެ ސަބަބުން ފުރިހަަމަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމު ކުރުމުގެ އިތުރުން، ކުނި މެނޭޖު ކުރުމާއި ރައްކާތެރި މާހައުލެއް ގާއިމު ކުރުން ފަދަ ގިނަ ކަންކަން ހާސިލް ކުރެވިގެންދޭ. ފަހަރެއްގައި މިއީ ގިނަ ދުވަސްތަކެއް ވެގެންދާނެ ކަމެއް ކަމަށް ބެލެވުނު ނަމަވެސް މިއަދު އަޅުގަނޑުމެން މިދަނީ މި ހުވަފެން ހަގީގަތަކަށް ހަދަމުން،" ސުހައިލް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ޑިޖިޓަލައިޒޭޝަން މަސައްކަތްތަކަށް ސަރުކާރުން އިންވެސްޓްކޮށްފައި ހުރީ ވަރަށް މަދުން ކަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވާ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވޭނީ ޓެކްނޮލޮޖީ ކުރިއަރުވައިގެން ކަމަށާއި އެޗްޑީސީން ތައާރަފު ކުރި މި ބްރޭންޑަކީ އެކަމަށް ލިބޭ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ތެރޭގައި އިންޓަނޭޝަނަލް ޕާޓްނާސްއާ ގުޅިގެން އަޅުގަނޑުމެން މިގެންދާ ޕްރޮގްރާމަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އަޅުގަނޑުދެކެން، ސްމާޓްކޮމް ޕްރޮޖެކްޓަކީ. މިއީ އެހެން ފަރާތްތަކަށް ވެސް ތަޖުރިބާއަކަށްވެ، ސަރުކާރަށް ވެސް އަދި އެހެނިހެން ޕްރައިވެޓް ސެކްޓާތަކަށް ވެސް ރަނގަޅު ބަދަލުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
ސްމާޓްކޮމްގެ ސްމާޓް ސޮލިއުޝަންތަކުގެ ސަބަބުން ލިބޭނެ ފައިދާތައް
- ސިއްހަތާ ގުޅުނން ހުރި ކަންކަން ކުރިއަރާނެ.
- ދަތުރުފަތުރުގެ ނިޒާމް ކުރިއެރުން.
- އާއްމުންނަށް ދޭ ހިދުމަތްތައް ރަނގަޅުވުން.
- ރައްޔިތުންނަށް އާއްމު ތަންތަނުގައި ރައްކާތެރިކަން ކަށަވަރުވުން.
- ވިޔަފާރި އާއި އިގްތިސާދު ކުރިއެރުން.
- ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން.
ހުޅުމާލެ ސްމާޓް ސިޓިއަކަށް ހެދުމަށް އެޗްޑީސީން މިހާރު ވެސް އަންނަނީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އޯޕަން އެކްސަސް ނެޓްވޯކާ އެކު ޑިޖިޓަލް އިންފްރާސްޓްރާކްޗާއެއް ގާއިމު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފަ އެވެ. މި ނެޓްވޯކް މެދުވެރިކޮށް ޓެލެކޮމިއުނިކޭޝަން ހިދުމަތާއި އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ދޭ ފަރާތްތަކަށް އެއް ވިއުގައެއް މެދުވެރިކޮށް އެ ހިދުމަތްތައް ފޯރުކޮށްދެވޭނެ އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ހިދުމަތްތައް ދެނީ މި ނެޓްވޯކް ބޭނުން ކޮށްގެންނެވެ.
އެޗްޑީސީން މިރޭގެ ޖަލްސާގައި ވަނީ އެ ކުންފުނީގެ ހިދުމަތްތަކާ ގުޅޭ ހަބަރުތައް ގެނެސްދޭ ނިއުސްލެޓާ ވެސް ތައާރަފު ކޮށްފަ އެވެ. މި ނިއުސްލެޓާ ތައާރަފު ކޮށްދެއްވީ އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޖައިޝް އިބްރާހިމެވެ.