ހުޅުމާލެ ބީޗު ބޭނުންކުރާ މައްސަލައިގައި އެޗްޑީސީގެ ރާގު ބަދަލުވެއްޖެ

ހުޅުމާލޭގެ ބީޗު ސަރަހައްދުގެ ބޮޑު ބައެއްގައި ކެފޭ އާއި ރެސްޓޯރެންޓްތަކުން ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރަމުންދާ މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ރާގު ބަދަލުވެއްޖެ އެވެ.


އެޗްޑީސީގެ ހުއްދަ ނެތި ހުޅުމާލޭ ބީޗު ސަރަހައްދުގައި ކެފޭތައް ހިންގާ މައްސަލަ ފެންމަތިވެ، އެކަން އެތައް ބައެއްގެ ސަމާލު ކަމަށް އައީ އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީ އަށް މިދިޔަ ޑިސެމްބަރު 24 ގައި އެންގި އެންގުމަކާ ގުޅިގެންނެވެ. އެ މިނިސްޓްރީން އެޗްޑީސީ ގައި އެދުނީ ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުއްދަ ނެތި ކެފޭތައް ހިންގާތީ އެ ތަންތަން މިދިޔަ މަހުގެ ނިޔަލަށް ހުސްކުރުމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހުޅުމާލެ ބީޗް ގައި ހިންގާ ކެފޭތަކުގެ މައްސަލަ ބެލިއިރު އެ ތަނތަން ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތިކަން އެނގިފައިވާ ކަމަށެވެ. އެހެންވެ، މިދިޔަ މަހުގެ 31 ގެ ކުރިން ބީޗު ހުސްކޮށް، އާންމުންނަށް އެ ތަން ފުރިހަމަޔަށް ބޭނުންކުރެވޭނެ ގޮތް ހަދަން ފައްޔާޒް އެޗްޑީސީ ގައި އެދިވަޑައިގަތެވެ.

ފައްޔާޒްގެ އެދިވަޑައިގަތުމާ ގުޅިގެން، އެޗްޑީސީން ވަނީ ބީޗް ސަރަހައްދުގައި ހުރި ތަންތަނަން ހުސްކުރުމަށް ނޯޓިސް ދީފަ އެވެ. އެގޮތުން، މިދިޔަ މަހުގެ 31 ގެ ކުރިން އެ ނޯޓިހަށް އަމަލު ނުކޮށްފި ނަމަ އެޗްޑީސީން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމުގެ އިންޒާރު އޭރު ދިނެވެ. އަދި އެކަން ކުރުމުގެ ސަބަބުން، އެ ތަނުގައި ބަހައްޓާފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ކުރިއަށް ގެންގޮސް، ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެ ވަރުގަދަ އިންޒާރު ދިނެވެ.

އެކަމަކު، ކަނޑއެޅި އެ މުއްދަތު ހަމަވެ ދެ ހަފްތާވާން ކައިރިވެފައިވާ އިރު ވެސް އަދިވެސް ބީޗު ސަރަހައްދުގައި ކެފޭތަކާއި ރެސްޓޯރެންޓްތަކުން އެ ސަރަހައްދުގައި ގޮނޑި މޭޒު ބަހައްޓައިގެން ދަނީ ވިޔަފާރި ކުރަމުންނެވެ. ބައެއް ވިޔަފާރިތަކުން ގޮނޑި އާއި މޭޒުތައް ނަގާފައިވާ އިރު އަދިވެސް އެ ސަރަހައްދުގައި ރެސްޓޯރެންޓްތަކުން ދަނީ ވިޔަފާރި ކުރަމުންނެވެ. ގޮނޑި އާއި މޭޒުގެ އިތުރުން ހަޓުތައް ބައެއް މީހުން ނަގާފައިވާއިރު، އެންމެންނަށް ހަމަހަމަކޮށް އެޗްޑީސީން އަމަލު ނުކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

"އަޅުގަނޑުމެން މިވަނީ އެޗްޑީސީން ބުނި ދުވަހަށް ހަޓުތައް ނަގައި ރޫޅާލާފައި. އެކަމަކު އެ އަށް އަމަލު ނުކުރާ އެތައް ބަޔަކު އެބަތިބި. އެ މީހުންނަށް ފިޔަވަޅެއް ނާޅާ ތާނގައި އިންޒާރެއް ވެސް ނުދޭ. އަޅުގަނޑުމެން ގަވައިދަށް ބޯލެނބި މީހުންނަށް ލިބުނު ވަކި މޮޅެއް ނެތް. ގަވައިދާ ޚިލާފު ވި މީހުން އަދިވެސް އެގޮތުގައި އެ ތިބީ،" އެޗްޑީސީގެ އެންގުމަށް ބޯލެނބި ކެފޭއެއްގެ އިސްވެރިއަކު ވިދާޅުވި އެވެ.

މި މައްސަލައިގައި އެޗްޑީސީގެ ވިސްނުން ވެސް މިހާރު ތަފާތުވެފައިވާ ކަމަށް އެ ކުންފުނީގެ އިސްވެރިންގެ ވާހަކަތަކުން އެނގެ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ވިދާޅުވީ، ބީޗު ސަރަހައްދުގައި ކޮފީ މޭޒު ބަހައްޓައިގެން އަދިވެސް ވިޔަފާރި ކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ފަރާތްތަކަށް ފިޔަވަޅެއް އެޅުމަށް ނުވިސްނަވަ އެވެ. ސަބަބަކީ އެ ސަރަހައްދުގައި އެފަދަ ފަރާތްތަކުން ވެސް ބޮޑު ޚަރަދެއް އެ ކަމަށް ކޮށްފައިވާތީ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އެޗްޑީސީން އެދެނީ ވިޔަފާރި ކުރުމަށް އެ ސަރަހައްދުގައި އިމާރާތްކޮށްފައިވާ ސްޓްރަކްޗާތައް ނެގުމަށެވެ. ނަމަވެސް ގޮނޑި މޭޒު ބަހައްޓައިގެން ރެސްޓޯރެންޓްތަކުން އެ ސަރަހައްދު ބޭނުން ކުރުމަށް ހުއްދަ ދޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސްޓްރަކްޗާތައް ނަގާތޯ ބަލާނެ ކަމަށާއި ނުނަގައިފި ނަމަ އެޗްޑީސީން އެތަންތަން ހުސްކުރާނެ ކަމަށެވެ.

އެއްވެސް ފީއެއް ދެއްކުމަކާ ނުލަަަައި ހުޅުމާލޭ ގެސްޓްހައުސްތަކުންނާއި ރެސްޓޯރެންޓްތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ސަރަހައްދު ބޭނުންކުރާ މައްސަލައިގައި އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފާޑުކިޔާ މީހުން ބުނަނީ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފައި ކަމަށާއި އެކަމަކު އެއީ އެންމެންނަށް އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި ޓެކްސް ދެއްކުމަކާ ނުލާ ދައުލަތުގެ ބިން ބޭނުންކޮށްގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.