ވިޔާފާރި ކުރުމަށް ޓަކައި ހުޅުމާލޭ ބީޗް ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން އެ ސަރަހައްދު ހުސްކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.
އެޗްޑީސީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލޭ އިރުމަތީ ބީޗް ސަރަހައްދަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެ އަށް ޒިޔާރަތްކުރާ މީހުންނަށް ކަނޑައަޅާފައިވާ އާންމު ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދަކީ ވަކި ގޮތަކަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ސަރަހައްދެއް ނޫން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން އެ ސަރަހައްދުގައި ހައްދާފައިވާ ގަސްތައް ކޮށައި، ހަޓު، ގޮނޑި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން އެ ސަރަހައްދު ބޭނުން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ވިޔަފާރީގެ ބޭނުމަށް އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކުން އަންނަ ޖެނުއަރީ 31 ގެ ކުރިން އެ ސަރަހައްދު ހުސްކުރަން ޖެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކުރަމުންދާ އިމާރާތްތަކުގެ މަސައްކަތް ވެސް ހުއްޓާލައި، ހުއްދަ ނެތި އިމާރާތްކޮށްފައިވާ ތަންތަން ވެސް ނެގުމަށް ވަނީ އެދިފަ އެވެ.
ކަނޑައެޅިފައިވާ މުއްދަތަށް ހުސްނުކޮށްފި ނަމަ އެޗްޑީސީން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އެކަން ކުރުމުގެ ސަބަބުން އެތަނުގައި ބަހައްޓާފައިވާ އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަށް ޒިންމާ ނުނަގާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ކުރިއަށް ގެންގޮސް، ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ކުންފުނިން ބުނީ ހުޅުމާލެ ބީޗް ސަރަހައްދު ތަރައްގީ ކުރާނެ އުސޫލެއް އެކުލަވާލާއި އެކަން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. މި ސަރަހައްދު ތަރައްގީ ކުރާނީ، އާންމުންނަށް ވެސް އެ ސަރަހައްދު ބޭނުން ކުރެވޭނެ ކަހަލަ ގޮތަކަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.