މިދިޔަ އަހަރުގެ ކޮވިޑްގެ ހާލަތު އެންމެ ގޯސްވުމުގެ ކުރިން ދީނާ އަހުމަދު ޝަރީފާއި އޭނާގެ އާއިލާއިން އެކުގައި އެންމެ ގިނައިން ކޮށް އުޅުނު ކަމަކީ ބޯޑް ގޭމްސް ކުޅުމެވެ. ނަމަވެސް ދިވެހި ބޯޑު ގޭމްތައް މަދު ކަމަކީ އަބަދުވެސް އޮތް ފަޅުކަމެކެވެ. އެންމެ ފަހުން އެކަމަށް ހައްލެއް ހޯދަން ދީނާ އާއި އާއިލާގެ މެންބަރުން ގުޅިގެން އުފެއްދީ "ފީކޮއި" އެވެ. ފީކޮއިގެ ތެރެއިން އުފަންވެގެން އައީ މިހާރު މަގުބޫލުވަމުން އަންނަ ބޯޑު ގޭމް "ހައްޕު" އެވެ.
އުމުރުން 26 އަހަރުގެ ދީނާ އާއި އާއިލާގެ އެންމެން ވެަސް އެކި ކަހަލަ ބޯޑު ގޭމްތަކަށް ލޯބިކުރެ އެވެ. ދުވަހުގެ ބިޒީ ޝެޑިއުލަށް ފަހު އެއްވެ ވަގުތު ހޭދަކޮށްލުމަށް އެންމެ ގިނައިން އެ މީހުން ކުރާ ކަމަކީ މިއީ އެވެ.
"އަބަދުވެސް ބޯޑު ގޭމްސް ކުޅޭ އިރު ހަމަ ދެކެވޭ ވާހައެއް އެއީ. ދިވެހި ބޯޑު ގޭމްތައް ވަރަށް މަދު ކަމަށް. ދެން އަދި އެކި އުމުރުގެ މީހުންނަށް ހާއްސަކޮށް އެކުގައި ކުޅެވޭނެ ގޭމެއް ނެތުމުން އެކަމަށް ހައްލެއް ބޭނުންވި،" ދީނާ ކިޔައިދިނެވެ.
ބޯޑު ގޭމް ކުޅުމުގެ ތެރެއިން ދީނާ އާއި އޭނާގެ ދެބެއިންގެ ދެ ދަރި ކުއްޖަކު ވިސްނީ އޭގެ ގޭމެއް ތައްޔާރުކުރާށެވެ. އެހެންވެ "ފީކޮއި" ނަމުގައި ކުންފުންޏެއް އުފައްދައި އެ ކުންފުނި މެދުވެރިކޮށް "ހައްޕު"ގެ ނަމުގައި ތަފާތު ގޭމެއް އުފެއްދުމުގެ މަސައްކަތް ފެށި އެވެ.
އާއިލާގެ މެމްބަރުންނާއި ފިރިމީހާގެ އެހީއާ އެކު މި ގޭމުގެ މަސައްކަތް ފެށީ އޭނާގެ ކުޑަ ދެ ދަރިފުޅު ބަލަމުން ފުލްޓައިމް މަންމައެއްގެ ގޮތުގައި އުޅެމުންނެވެ. މި ހުރިހާ ކަމެއް ފެށުނީ މިދިޔަ އަހަރުގެ ލޮކްޑައުންގެ ދުވަސްވަރުގަ އެވެ.
"ލޮކްޑައުންގެ ދުވަސްވަރު ވަރަށް މިސްވޭ ގޭމް ނައިޓްތައް މަތިން. އެހެންވެ އެންމެނަށް ބައިވެރިވެވޭނެ ގޭމެއް ތައްޔާރުކުރަން ނިންމީ،" އޭނާ ކިޔައިދިނެވެ.
ހައްޕު ތައްޔާރުކޮށްފައިވަނީ އިނގިރޭސި ބޯޑު ގޭމެއް ކަމަށްވާ "ޓެބޫ" އަސްލަކަށް ބަލައިގެންނެވެ. ގިނަ މީހުންނަށް ކުޅެވޭ ގޭމް ޓެބޫ އަކީ ކާޑުތަކެއް ބަލައިގެން ބަސްތައް ދިމާކުރަން ޖެހޭ "ގެސިން" ގޭމް އެކެވެ. ހައްޕު އަކީ މި ކޮންސެޕްޓް އަސްލަކަށް ނަގައިގެން ތައްޔާރުކޮށްފައިވާ ގޭމެކެވެ.
އެ ގޭމް ދިވެހި ގޭމަކަށް ބަދަލުކޮށް އޭގެ ކޮންސެޕްޓް އުފައްދައި އެއަށް ބޭނުންވާ ބަސްތައް ހޯދައި ޑްރާފްޓްކޮށްފައިވަނީ ދީނާ އާއި އޭނާގެ ދައްތަ އާ ގުޅިގެންނެވެ.
"މި ގޭމްގައި ބަސްތައް ހޯދާފައިވާނީ ކުޑަކުދިންނަށް ދަސްކުރަން ރަނގަޅު ބަސްތަކުގެ އިތުރުން ބޮޑެތި މީހުންނަށް ވެސް އުނދަގޫ ވެދާނެހެން ހީވާނެ ގޮތަށް ބަލާފައި،" ދީނާ ކިޔައިދިނެވެ.
ހައްޕު ގޭމްގެ ކޮންސެޕްޓް ނިމުމުން ދެން އޭގެ އާޓްވޯކުގެ މަސައްކަތް ކުރުމާއި ތައްޔާރުކުރުމަށް ހަވާލުކޮށްފައިވަނީ ލޯކަލް އާޓިސްޓުންނަށެވެ. އާޓްވޯކް ތައްޔާރުކުރީ އާޓިސްޓު ޒިހުނީ ރަޝީދެވެ. އަދި ލޭއައުޓްގެ މަސައްކަތް އާދަމް ޒުބިން އެވެ. މި ހުރިހާ މަސައްކަތްތަކަށް ގާތްގަނޑަކަށް ހޭދަވީ ހަތަރު ވަރަކަށް މަހެވެ.
މި ގޭމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފެނި ނަމަވެސް ގޭމު އާންމުންނަށް ލިބޭވަރުވީ މި އަހަރު އެވެ. ދިމާވި އެންމެ ބޮޑު ހުރަހަކަށްވީ ޕްރިންޓް ކުރުމުގެ އުނދަގުލެވެ. ގޭމް ޕްރިންޓްކުރަން މިދިޔަ އަހަރުގެ ތެރޭގައި ފޮނުވި ނަމަވެސް އެ ލިބުނީ މި އަހަރުގެ މެދުތެރޭގަ އެވެ.
މި ހުރިހާ ކަމެއްގައި ވެސް ދީނާ އަށް އެންމެ ބޮޑު ސަޕޯޓަކަށްވީ އޭނާގެ ފިރިމީހާ މުހައްމަދު ލުއައިއްޔު ހުސައިން އެވެ. ފީކޮއި ފެށިގެން ހައްޕު ޑެލިވެރީގެ ހުރިހާ މަސައްކަތެއްގައި ވެސް ދީނާގެ ފިރިމީހާގެ ބައިވެރިވުން ބޮޑެވެ.
ކުރިއަށް އޮތް ތަނުގައި ވެސް ފީކޮއިގެ ގޭމް ޕްލޭންތައް އެބަހުއްޓެވެ. އިތުރު ގޭމަކާއި ފޮތްތަކެއްގެ މަސައްކަތް މިހާރު ވެސް ފީކޮއި މެދުވެރިކޮށް އުފެއްދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ވަރަށް އަވަހަކަށް އެ އުފެއްދުންތައް ފެންނާނެ ކަމުގެ ޔަގީންކަން ދީނާ ދިނެވެ.