ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފި އެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ކަލައިދޫ ކައުންސިލް ރައީސް އަހުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާހު ބައިވެރިވެވަޑައިގަތެވެ. ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ.
މި އިންޖީނުގެ ހުންނަނީ ކަލައިދޫގަ އެވެ.
މި އިންޖީނުގެއިން 1.2 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދޭނެ އެވެ. ތިން ރަށަށް ކަރަންޓު ފޯރުކޮށްދޭ މި އިންޖީނުގޭގައި ބެޓެރީ ރޫމަކާއި ކޮންޓްރޯލް ރޫމެއްގެ އިތުރުން ޓެކްނިކަލް އޮފީހަށް ހާއްސަ ބައެއް ވެސް ހިމެނެ އެވެ.
ލ އަތޮޅުގެ ކަރަންޓުގެ ހިދުމަތް އެއް ވިއުގައަކުން ގުޅާ ލުމުގެ މަސައްކަތް ފެނަކައިން ފެށީ މިދިޔަ އަހަރު އެވެ. މި ޕްރޮޖެކްޓަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެކުންފުނިން ބުންޏެވެ. އެ ޕްރޮޖެކްޓު ނިމޭ އިރު މުޅި އަތޮޅަށް 4.5 މެގަވޯޓުގެ ކަރަންޓު ފޯރުކޮށްދެވޭނެ އެވެ.
މިކަން ކުރަން ލ. ގަމުގައި ވެސް ކަރަންޓް ހިދުމަތްދޭން ބޮޑު އިންޖީނުގެ އެއް އަޅަން ނިންމާފަ އެވެ.