ރަށްރަށުގެ އިންޖީނުގެތައް އާއްމުން ދިރިއުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތުގެ 99 ޕަސެންޓް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ބުނީ މި މަސައްކަތުގެ ދަށުން މ. ރަތްމަންދޫގެ އިންޖީނުގެ ވެސް އަޅާނީ އާންމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ކަމަށެވެ.

އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރުމުން އެކަމުގެ އުނދަގޫތައް އެ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ކުުރިމަތިވެ އެވެ. އާންމުގޮތެއްގައި ރަށްރަށުގައި ވެސް އިންޖީނުގެތައް އަޅާފައި ހުންނަނީ އާންމުން އުޅޭ ސަރަހައްދުތަކާ ދުރުގަ އެވެ.

އެކަމަކު އިންޖީނުގެތައް ބަދަލުކުރަން ޖެހެނީ ރަށްރަށުގެ އާބާދީ އިތުރުވެ، އިންޖީނުގެއާ ކައިރިން އާންމުންނަށް ގޯތި ދޭން ފެށުމުންނެވެ.

ފެނަކައިން ރާއްޖޭގެ 150 ރަށެއްގެ ފެނާއި ކަރަންޓުގެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުނިން ކަރަންޓް ހިދުމަތް ފޯރުކޮށްދޭ ހުރިހާ ރަށެއްގެ އިންޖީނުގެތައް މިހާރު ވަނީ އާންމުން އުޅޭ ސަރަހައްދުތަކާ ދުރަށް ރީލޮކޭޓްކޮށްފަ އެވެ.