ކޮވިޑް-19 ގެ ވަބާގެ ތެރޭގައި އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެން ދިޔަ އިރު، މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތަނަވަސްކަން ދިޔައީ އިތުރުވަމުން ކަމަށާއި އެއާ އެކު ފަގީރު ގައުމުތަކުގެ ހާލަތު ދިޔައީ އިތުރަށް ގޯސްވަމުން ކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ އޮކްސްފަމް އިންޓަނޭޝަނަލް އިން ބުނެފި އެވެ.
ދިރިއުޅުމުގެ ހާލަތުގައި ހުންނަ ފަރަގުތަކުގެ މައްސަލަތަކާ ބެހޭ ގޮތުން އާންމުކޮށް ވަކާލާތުކުރާ ޖަމާއަތުން ބުނި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތަނަވަސްކަން ދެގުނަ އުފުލިފައިވެ އެވެ.
އޮކްސްފަމް އިން ބުނި ގޮތުގައި އެންމެ ބޮޑު 10 މަހުޖަނުންނަށް ލިބެމުން ދިޔަ އާމްދަނީ 2020 ގެ މާޗްގެ ފަހުން ފެށިގެން ދިޔައީ އިންތިހާ އަށް އިތުރުވަމުންނެވެ. އަދި މިފަދަ ޓްރެންޑެއް އުފެދެމުން ދިޔަ އިރު، ދުނިޔޭގެ އިގުތިސާދީ ހާލަތަށް އެރި ލޮޅުމާ އެކު ފަގީރު ގައުމުތަކާއި އެ ގައުމުތަކުގެ މީހުންގެ ހާލަތު ދިޔައީ އިންތިހާ އަށް ދަށްވަމުންނެވެ.
ބިލިއަނަރުންގެ ޖީބުތައް ބޮޑުތަނުން ބަރުވަމުން ދިޔަ އިރު ކުޑަ އާމްދަނީ ލިބޭ ފަގީރު ގައުމުތަކުން ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 21،000 އެއްހާ މީހުންގެ ފުރާނަ ގެއްލެމުން ދިޔަ ކަމަށް ވެސް ބުންޏެވެ.
މީގެ ސަބަބުން އިގުތިދާސީ ގޮތުން ވެސް ބޮޑެތި ފަރަގުތައް އުފެދި، ހަމަހަމަކަން ނެތުމުގެ މައްސަލަ އިތުރަށް ބޮޑުވަމުން ދިޔަ ކަމަށް ބުންޏެވެ.
"ދުނިޔޭގެ އާބާދީގެ 99 ޕަސެންޓް މީހުން ދިގު ލޮކްޑައުންއެއްގައި ތިބި އިރު ވެސް މަހުޖަނުން އިތުރަށް މުއްސަނދިވެ، ފަގީރުންގެ ހާލަތު ދިޔައިީ ކަންބޮޑުވާ މިންވަރަށް ދަށްވަމުން،" އޮކްސްފަމްސްގެ އިނގިރޭސިވިލާގެ ޗީފް އެގްޒެކެޓިވް ޑެނީ ސްރިސްކަންދަރާޖާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާ އެކު ބައިނަލްއަގުވާމީ ވިޔަފާރި އާއި ޓޫރިޒަމް ދާއިރާ ފަދަ ބޮޑެތި އިންޑަސްޓްރީތަކަށް ލޮޅުން އަރަމުން ދިޔަ އިރު 160 މިލިއަނެއްހާ މީހުން ދިޔައީ ބަނޑަށް ޖެހެމުންނެވެ.
"މިއީ ހަމަ ހަގީގަތުގައި އިގުތިސާދި ނިޒާމުގެ ބޭއިންސާފުކަމުގެ ތެރެއިން ވަރަށް ފުންކޮށް ވިސްނަން ޖެހޭ ބޮޑު މައްސަލައެއް،" ޑެނީ ވިދާޅުވި އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 10 މީހުންގެ ތެރޭގައި ހިމެނެނީ އީލޮން މަސްކް (286.1 ބިލިއަން ޑޮލަރު)، ޖެފް ބެޒޯސް (188 ބިލިއަން ޑޮލަރު)، ބާނާޑް އާނޯލްޓް (186.2 ބިލިއަން ޑޮލަރު)، ބިލް ގޭޓްސް (134.5 ބިލިއަން ޑޮލަރު)، ލެރީ އެލިސަން (120.1 ބިލިއަން ޑޮލަރު)، މާކް ޒަކަބާގް (117.5 ބިލިއަން ޑޮލަރު)، ވޮރެން ބުފެޓް (116.9 ބިލިއަން ޑޮލަރު)، ސާޖީ ބްރިން (115.1 ބިލިއަން ޑޮލަރު) އަދި މުކޭޝް އަމްބާނީ (98.7 ބިލިއަން ޑޮލަރު) އެވެ.